މަގާމުން އިސްތިއުފާ ދެއްވުމާ އެކު ގުއަޓަމާލާގެ ރައީސް ޖަލަށް ގެންގޮސްފި

ގުއަޓެމާލާގެ ކުރީގެ ރައީސް އޮޓޯ ޕެރޭޒް މޮލީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވަނީ--- ފޮޓޯ: ކްރޯން

ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާގެ ރައީސް އޮޓޯ ޕެރޭޒް މޮލީނާ މަގާމުން އިސްތިއުފާ ދެއްވުމާ އެކު ކޮރަޕްޝަން އަދި ފްރޯޑްގެ މައްސަލައިގައި އެމަނިކުފާނު ޖަލަށް ލައިފި އެވެ.

ޔިއުޔޯކް ޓައިމްސް އިން ބުނި ގޮތުގައި އެމަނިކުފާނު ޖަލަށް ލުމަށް އަންގަވާފައި ވަނީ އެވަގުތު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަލަޚޭންދްރޯ މާލްޑޮނާޑޯ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހުގަ އެވެ.

ކޯޓުން މިއަދު ގޮތެއް ނިންމަންދެން ފުލުހުން ބެލުމުގެ ދަށުގައި ކުރީގެ ރައީސް ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ބުނެފަ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސްކަމުގެ މަގާމަށް އެރުމަށް ފަހު މާލްޑޮނާޑޯ ވަނީ މިހާރު ސަރުކާރުގެ އިސް މަގާމުގައި ތިބި އޮފިޝަލުންނާއި މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވުމަށް އަމުރު ކުރައްވާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ތެދުވެރި ސަރުކާރެއް އުފެއްދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ގިނަ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް މޮލީނާ ވަނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވާފައިވާ ކޮރަޕްޝަންގެ މައްސަލައިގެ އަޑުއެހުމަކަށް އިއްޔެ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެގޮތުން ވިޔަފާރިވެރިންނަށް ރިޝްވަތު ދީގެން އިމްޕޯޓު ޑިއުޓީއިން ސަލާމަތް ވުމަށް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެމަނިކުފާނަކީ އެގައުމުގައި މަގާމުން އިސްތިއުފާ ދެއްވި ފުރަތަމަ ރައީސެވެ.

ކޯޓުގެ ފަނޑިޔާރު މިގެލް އެންޖެލް ގެލްވޭޒް ވިދާޅުވީ އެމަނިކުފާނުގެ މައްސަލައަށް ގޮތެއް ނިންމެން ފުލުހުންގެ ބެލުމުގެ ދަަށުގައި ހުންނަވާނެ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު