ރިޔޫނިއަނުން ފެނުނު މަތިންދާ ބޯޓުގެ ބަޔަކީ އެމްއެޗް370ގެ ބައެއް ކަމަށް ފްރާންސުން ކަރަވަރު ކޮށްދީފި

ޖުލައި 29 ވަނަ ދުވަހު ރިޔޫނިއަންގެ ސެއިންޓް އެންޑްރޭ ޑިލާ އިން ފެނުނު މަތިންދާބޯޓެއްގެ ފިޔަގަނޑު އޮފިޝަލުން ގެންދަނީ. އެއީ އެމްއެޗް370ގެ ބައެއްކަމަށް މިހާރު ވަނީ ކަށަވަރުވެފައި -- ފޮޓޯ: ދަ ގާޑިއަން

ރިޔޫނިއަނަށް ލައްގާފައި އޮއްވައި ފެނުނު މަތިންދާބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ ބައެއްކަން ފްރާންސްގެ ޕްރޮސެކިއުޓަރން ކަށަވަރުކޮށްދީފި އެވެ.

ފްރާންސްގެ އިންޓަނޭޝަނަލް އޭވިއޭޝަން އެކްސްޕާޓުން ތަހުލީލު ކޮށްފައި ވަނީ ފްލައިޓުގެ ފިޔަގަނޑުގެ ބައެއް ކަމަށްވާ ފްލެޕަރޯން އެވެ.

އެއާބަސް ޑިފެންސް އެންޑް ސްޕޭސް (އޭޑީއެސްއެސްއޭޔޫ)ގެ ޓެކްނީޝަނެއް އިއްޔެ ބުނެފައި ވަނީ ރިޔޫނިއަނުން ފެނުނު ފްލެޕަރޯން (ފެނުނުބައި) އިން ފެނުނު ތިން ނަމްބަރާ ގެއްލުނު ފްލައިޓުގެ ސީރިއަލް ނަމްބަރާ ދިމާވާ ކަމަށެވެ.

ރިޔޫނިއަން އިން ފުރަތަމަ ފަހަރަށް ފްލައިޓުގެ ބައެއް ފެނުމާ އެކު ފްރާންސްގެ އޮތޯރިޓީން ވަނީ އިތުރުތަކެތި ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއްވެސް ބައެއް އެއަށް ފަހު ފެނިފައެއް ނުވެ އެވެ.

މެލޭޝިޔާގެ ސަރުކާރުން ކުރިން ވެސް ބުނެފައި ވަނީ އެ ބަޔަކީ އެމްއެޗް370ގެ ފްލެޕަރޯން އަށް ވެދާނެ ކަމަށެވެ.

ގަބޫލު ކުރެވޭ ގޮތުގައި މެލޭޝިޔާގެ އެ އެއާލައިން ވެއްޓިފައި ވަނީ އިންޑިއާ ކަނޑަށެވެ. އެހެން ކަމުން ދަ އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ) އިން ދަނީ އެ ސަރަހައްދު ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.

comment ކޮމެންޓް