އިއްޒުއްދީން ފާލަން ވިޔަފާރި އުސޫލުން ދޫކުރަނީ

ރަސްމީފާލަން، އިއްޒުއްދީން ފާލަން، ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އެއް ނަމްބަރާއި ދެ ނަމްބަރު ފާލަމަކީ އިއްޒުއްދީން ފާލަމުގެ ބައެއް ކަމުގައި ހަމަޖައްސާ އެމްޓީސީސީ އިން އިއްޒުއްދީން ފާލަން ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމްޓީސީސީ އަށް އިއްޒުއްދީން ފާލަން ވިޔަފާރި އުސޫލުން ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން އެފާލަން ޓުއަރިސްޓުން ފަދަ ފަރާތްތަކުގެ ބޭނުމަށް ވިޔަފާރި އުސޫލުން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ އެމްޓީސީސީގެ ފަރާތުން އިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި އެއް ނަމްބަރު ފާލަމާއި ދެ ނަމްބަރު ފާލަން ހިމަނާ އެމްޓީސީސީ އަ ހިންގުން ހަވާލު ކުރުން. މި ފާލަން ބޭނުން ކުރުމުގައި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަށް އެމްޓީސީސީއަށް ދެވިގެން މިދަނީ. އެގޮތުން ޓުއަރިސްޓުން ފަދަ ފަރާތްތަކުގެ ބޭނުމަށް އިއްޒުއްދީން ފާލަން ވިޔަފާރި އުސޫލުން ދޫކުރާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަރުކާރުގެ ބޭނުންތަކަށް މިނިސްޓްރީ އިން ހަމަޖައްސާގޮތަކަށް އެމްޓީސީސީ އިން އެ ފާލަން ދޫކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތަށް ނިންމުމާ ގުޅިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އިއްޒުއްދީން ފާލަން ހިންގުމާ ހަވާލުވެ ހުންނާނީ އެމްޓީސީސީ އިންނެވެ.

މިނިސްޓްރީން ދާނީ އެމްޓީސީސީގެ މަސައްކަތްތައް ރެގިއުލޭޓު ކުރަމުން ކަމަށްވިޔަސް ވިޔަފާރި އުސޫލުން ފާލަން ދޫކުރުމުގައި އަގު ކަނޑައަޅާނީ އެމްޓީސީސީއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓިފައި ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިއްޒުއްދީން ފާލަމުން ފެށިގެން ލޯކަލް މާރުކޭޓު އިރުމަތީ ފަރާތާ ދެމެދު ފަޅުގައި ހުރި މަސްދޯނިތައް ވެސް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސަރަހައްދުގައި ބެހެއްޓުން މަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ މަސްދޯނިތަކަށް ލޯކަލް މާރުކޭޓުގެ ހުޅަނގު ފަޅުން ޖާގަ ހަމަޖައްސާ އަދި ފަޅުގައި އަޅާފައިވާ ބޭއްވުމަށް ހުޅަނގު ދެކުނު ހާބަރުން ސަރަހައްދެއް އެމްޕީއެލް އިން ވަނީ ހަމަޖައްސާފައެވެ.

އަލަށް ގެނައި ބަދަލުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ނަމްބަރު ފާލަން ބޭނުން ކުރާނީ ފުލުހުންގެ ދަތުރުތަކަށާއި ހަތަރު ނަމްބަރު ފާލަން ބޭނުން ކުރާނީ އެމްއެންޑީއެފް އިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް