އަރަފާތު އަވަހާރަވި ހާދިސާގެ ތަހުގީގުތައް ނިންމާލައިފި

ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު: ފޮޓޯ- އޭޕީ

ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވި ހާދިސާގައި އެއްވެސް މީހަކާ ދެކޮޅަށް ދައުވާކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ނިންމައި އެ މައްސަލަ ނިންމާލައިފި އެވެ.

އެ މައްސަލަ ނިންމާލަމުން ބުނެފައި ވަނީ ޔާސިރު އަވަހާރަވެފައި ވަނީ ނިއުކްލިޔާ ވިހައިގެ ސަބަބުން ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރިޔާސީ އެކުވެނީގައި އިސްރާއީލު ސިފައިން އަރަފާތު ހިސާރުކޮށްގެން އުޅޭތާ އަހަރެއްހާ ދުވަސްފަހުން އެ މަނިކުފާނުގެ ސިއްޙީ ހާލުކޮޅު މާބޮޑަށް ދަށަށްދިޔުމާ އެކު ކުއްލި ހާލަތުގައި ފަރަންސޭސިވިލާތަށް ގެންގޮސް ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ޢަރަފާތު އަވަހާރަވި ކަމަށް އޭނާގެ މެޑިކަލް ރިޕޯޓްތަކުގައި ލިޔެފައި ވަނީ ލޭގައި އުފެދުނު މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވި ސްޓްރޯކެއްގެ ސަބަބުން ކަމުގަ އެވެ.

ޢަރަފާތަށް ޕޮލޯނިޔަމް ދީގެން ވިހަލީކަމުގެ ތުހުމަތު ކުރެވިފައި ވަނީ އިސްރާއީލުގެ މައްޗަށެވެ. އަރަފާތު އަވަހާރަވުމާ އެކު ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ވަނީ ޢަރަފާތު އަވަހާރަކޮށްލީ އިސްރާއީލުން އޭނާ އަށް ސިއްރިޔާތުގައި ވިހަ ދީގެން ކަމަށް ތުހުމަތުކޮށްފަ އެވެ.

އަރަފާތު 2004 ވަނަ އަހަރު އަވަހާރަވީ ޒަހަރެއް ދިނުމުގެ ސަބަބުން ކަމަށް ބެލެވިގެން ތަހުގީގު ކުރަން ފަށާފައި ވަނީ 2012 ވަނަ އަހަރުގަ އެވެ. ޔާސިރު އަވަހާރަވިތާ އަށް އަހަރު ފަހުން އޭނާގެ ގަބުރު ކޮނެ ނެގުމަށް ފަހު ވަނީ 60 ސާމްޕަލް ނަގައިފަ އެވެ.

ފަލަސްތީނު ސަރުކާރުން މި ނިންމުން ގަބޫލުކުރަން ދެކޮޅު ހަދާފައިވާ އިރު ޔާސިރު އަވަހާރަވި މައްސަލައިގެ ނިންމުމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް