ރައީސް މައުމޫން ޖަވާބެއް ނުދެއްވުމުން މަހާސިންތާ ހުޅުވައި ދެއްވާނީ ނާއިބު ރައީސް: މުއާޒު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވާހަކަ ދައްކަ ވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އަންނަ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކެމްޕެއިންގައި ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަހާސިންތާ ހުޅުވައި ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެރުވި ދައުވަތުގެ ޖަވާބެއް މިއަދާ ހަމައަށް ވެސް ލިބިފައި ނުވާތީ، އެ މަހާސިންތާ ހުޅުވައި ދެއްވާނީ ނާއިބު ރައީސް އަހުމަދު އަދީބު ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމު މުއާޒު އަލީ ވިދާޅުވީ ރައީސް މައުމޫނަށް އެރުވި ދައުވަތު ގަބޫލުފުޅު ނުކުރެއްވި "ސަބަބެއް އެނގިލައްވާނީ އެމަނިކުފާނަށް" ކަމަށެވެ.

"މިއަދުގެ މިވަގުތާ ހަމައަށް ވެސް އަޅުގަނޑުމެންނަށް ޖަވާބެއް ލިބިފައި ނުވާތީވެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަހާސިންތާ ހުޅުވައިދެއްވުން މިއޮތީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު މިހެންވިދާޅުވި އިރު މަހާސިންތާ ހުޅުވައި ދެއްވުމަށް އެރުވި ދައުވަތު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގަބޫލުފުޅު ނުކުރެއްވި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ރޭ ވަނީ ވިދާޅުވެފަ އެވެ.

އެ ބޭފުޅުން އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގަ އެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި މަހާސިންތާ ނުބާއްވަނީ ކީއްވެ ކަމެއް ވެސް އެނގޭނީ ޕީޕީއެމަށް ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް އިން ބާއްވާ ކޮންމެ ހަފުލާއެއްގައި ވެސް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ބުނީ މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ މަހާސިންތާގައި އުތުރުގެ 12 އަތޮޅަކުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން މަހާސިންތާގައި 318 ބައިވެރިން ބައިވެރިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ބައިވެރިންގެ އިތުރުން 12 އަތޮޅު ތަމްސީލު ކުރާ 12 ކޯޑިނޭޓަރުން ވެސް މަހާސިންތާގައި ބައިވެރިވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެ އެވެ.

އިއްޔެ މެންދުރުން ފެށިގެން މަހާސިންތާގައި ބައިވެރިވާ ބައިވެރިން މާލެ އަންނަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް މާލެ ނާންނަނީ ރ. އަތޮޅުން މަހާސިންތާގައި ބައިވެރިވާ 70 ބައިވެރިން ކަމަށް ވެސް ކެމްޕެއިން އޮފީހުން މިއަދު ބުންޏެވެ. އަދި ބުނީ މިއަދު އިރުއޮއްސި 6 ޖެހުމުގެ ކުރިން ހުރިހާ ބައިވެރިން ވެސް މާލޭގައި ތިބޭނެ ކަމަށެވެ.

comment ކޮމެންޓް