ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގެ ބޭނުންތެރިކަން

ސީރިއާގައި މިހާރު ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން ----

ނޯޓް: މި މައުޟޫއަށް މީގެ 33 އަހަރު ކުރީން (ނޮވެމްބަރ، ޑިސެމްބަރ 1982) ގައި އަޅުގަނޑު ވާނީ ރާއްޖޭގެ ދުވަހު ނޫހެއްގައި މަޒުމޫނެއް ޝާއިޢު ކޮށްފަ އެވެ. މި މަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ އެދުވަސްވަރު ޕާކިސްތާނުގައި ނިކުތް މަޖައްލާއެއް ކަމުގައިވާ "ވޯލްޑް އިސްލާމިކްޓައިމްސް" ގައި ޝާއިޢު ކުރެވުނު ބައެއް ލިޔުންތަކެވެ. މި މައުޟޫއަށް އަލުން މަޒުމޫނެއް ޝާއިޢުކުރާ ހިތްވީ އިސްލާމީ ބައެއް ޤައުމުތައް ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއެރުންތަކެއް ހޯދިކަމުގައި ވިޔަސް ޢާއްމު ޙާލަތު އެދުވަސްވަރަށް ވުރެވެސް މިހާރު މާބޮޑަށް ދަށަށް ގޮސްފައިވާތީއެވެ. ސުންނާފަތި ވެފައިވާ ޤައުމުތަކުގެ ލިސްޓަށް އިރާޤާއި ލީބިޔާ އިތުރުވެ ސޫރިޔާ އިން ހުޅުއަރަމުން ދާތީއެވެ. އައި.އެސްގެ މުސީބަތް ހައްދު ފަހަނަޅައިދާތީއެވެ. ހަަމަ އެއާއެކު މިހާރަކަށް އައިސް އަރަބި ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް އުފައްދާ ވާހަކަ ދެކެވެމުންދާތީވެސްމެއެވެ.

ކުރީގެ މަޒުމޫނުގެ ޢިބާރާތްތަކަށް ބައެއް ބަދަލުތައް މި މަޒުމޫނުގައި ގެނެސްފައި ވާނެ އެވެ. އަދި ބައެއް ބައިތައް އިތުރުކޮށްފައިވެސް ވާނެ އެވެ. (ފާރޫޤް)

-------------------------------------------------------------------------------------------

އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޤިބްލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ މިއަދު ވަނީ ޒަޔަނިސްޓު ޔަހޫދީންގެ ނުތާހިރު ވަކިތަކުގެ ދަށުގައެވެ. ޔަހޫދީން އެބައި މީހުންގެ ބޮޑު ދައުލަތް ޤާއިމްކުރަން ރާވާ ސަރަޙައްދު ކުރަހައިފައިވަނީ އަޅުގަނޑުމެންގެ މާތް ރަސޫލާގެ ޤަބުރުފުޅު އެބިމެއްގައި ފަސްދާނުވެޑުވިފައިވާ އަލްމަދީނަތުލްމުނައްވަރާވެސް އެސަރަޙައްދުގައި ހިމަނައިގެންނެވެ. އަދި ކީއްތޯއެވެ؟ ޒަޔަނިސްޓް ހަރުފަ އަޅުގަނޑުމެންގެ ދެވަނަ ޤިބްލަކަމުގައި ހިމެނޭ ކަޢުބަތުﷲ ވެސް ދިރުވައިލުމަށް ވަނީ ކަނޑައަޅައިފައެވެ. އާދެ، އެހެންކަމުން އަޅުގަނޑުމެންގެ މުޤައްދަސް ޙަރަމްފުޅުތައް ދިފާޢުކުރުމަށްޓަކައި މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރަކަށް މިއަދު ވަނީ ނިހާޔަތަށް ބޭނުންވެފައެވެ. މިދެންނެވި ސަބަބަށްޓަކައި މުސްލިމުންގެ އިއްތިޙާދަށް މިއަދު ވަކީން ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހިފައި އޮތްކަމުގައި ވިޔަސް މުސްލިމުން އެކުވެރިވެ އެއްބައިވުމާއި، މުސްލިމުންގެ ގުޅިފައިވާ ބާރެއް އުފެއްދުމުގެ ޝުޢޫރަކީ ހަމައެކަނި މިއަދު އުފެދިގެން އުޅޭ ޝުޢޫރެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އޮންނަ ޚިޔާލެކެވެ. އަޅުގަނޑުމެންނަށް ދުވަހަކުވެސް އޭގެ ތަޢުބީރެއް ނުހޯދިއޮތް ފޮނި ހުވަފެނެކެވެ.

މުސްލިމުންގެ މެދުގައި ވަޙުދަތުގެ ޝުޢޫރު އުފެދުނީ ކީރިތި ޤުރުއާނުގައި މުސްލިމުންނަކީ އިޚްވަތުން ކަމުގައި ބަޔާން ކުރެއްވުމުންނެވެ. އިސްލާމްދީނުގެ ނަބިއްޔާ މުސްލިމުންގެ މެދުގައި އަޚްވަންތަކަން ޤައިމުކުރެއްވި ހިސާބުންނެވެ. އެއަށްފަހު އިސްލާމީ ޚިލާފަތުގެ ޒަރީޢާއިންނެވެ. އިސްލާމީ ޚިލާފަތުގެ ސަބަބުން އިސްލާމީ އެއްބައިވަންތަކަން ޤަރުނުތަކެއް ވަންދެން ދެމިއޮތެވެ. ތުރުކީގެ އޮތް އިސްލާމީ ޚިލާފަތު އުވެމުންދާން ފެށުމުން އިސްލާމީ މުފައްކިރެއް ކަމުގައިވާ ސައްޔިދުޖަމާލުއްދީނުލް އަފްޣާނީ މުސްލިމުން އެއްދިދައެއްގެ ދަށަށް ޖަމާކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ހަމައެފަދައިން މުސްލިމުންގެ ފިލޯސަފަރު ޢައްލާމާ މުޙައްމަދު އިޤްބާލުވެސް މުސްލިމުންގެ ޤިބްލަކަމުގައިވާ ކަޢުބަތުއްﷲ ދިފާޢުކުރުމަށްޓަކައި މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމަށް އޭނާގެ ޅެންތަކުން އިލްހާމް ދެއްވިއެވެ.

ގުޅިފައިވާ ޢަސްކަރީ ބާރަކަށް ބޭނުންވަނީ ކީއްވެގެންތޯއެވެ؟

ކީރިތި ޤުރުއާނުގައި މިއުންމަތުގެ ދިފާޢާމެދު ދެއްވައިފައިވާ ހިދާޔަތާއި އަންގަވައިފައިވާ އެންގެވުންތަކާމެދު މިއަދު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަލީގައި ޚިޔާލުކޮށްލާއިރު އެނގި ބަޔާންވަނީ އެހިދާޔަތްތަކާއި އަމުރުފުޅުތަކުގެ އެހީގައި އަޅުގަނޑުމެންގެ ދިފާޢީ އަމާޒުތަކަށް މިއަދުވެސް ވާސިލުވެވޭން ހުރި ފުރިހަމަކަމެވެ. ޝައްކެތްނެތެވެ. ބިރުވެރިކަމެއް ކުރިމަތިވުމަކީ ދިފާޢުގެ އަހަންމިއްޔަތު ވަކިން ބޮޑަށް އިޙްސާސްވާ ކަމެކެވެ.

އަޅުގަނޑު އެންމެ ފުރަތަމަ ބަލައިލަން ބޭނުންވަނީ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ބާވަތަށެވެ. މިޒަމާނުގައި ހަމަނުޖެހުންތަކާއި އަރައިރުންތަކުގެ މައިގަނޑު ސިފަވަނީ މާޟީއާ ވަރަށް ބޮޑަށް ތަފާތުވެފައެވެ. މާޟީގައި ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަން ހިނގައިފައިވަނީ، ވެރިކަން ވާރުތަކުރަމުން ގެންދާ ދައުލަތްތަކާއި ރަސްކަންތަކުގެ އަމިއްލަ ފައިދާތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި އަރައިރުންތަކުގެ ސަބަބުންނެވެ.

އެދުވަސްވަރު ހަނގުރާމަތައްވެސް އޮންނަނީ އެހަނގުރާމަކުރާ ޤައުމުތަކުގެ ދާއިރާގައި ހިފެހެއްޓިފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ފުރަތަމަ ބޮޑު ހަނގުރާމައިގައި (18-1414މ) ޚާއްޞަކޮށް ދެވަނަ ބޮޑު ހަނގުރާމައިގައި ތަފާތު ސަބަބުތަކާހުރެ ހަނގުރާމައިގެ ދާއިރާވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ޤައުމިއްޔަތަށް އަޅުކަންކުރުމަކީ އެޤައުމުތަކުގެ އަސާސީ އަގެއްކަމުގައި ވެފައި އޮތުމާއެކުވެސްމެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދެވަނަ ބޮޑުހަނގުރާމައިގައި ޖަރުމަނާއި އިޓަލީއާއި ޖަޕާނަކީ ގުޅިފައިވާ ބާރެކެވެ. ނަމަވެސް އެއަިން ކޮންމެ ޤައުމެއްވެސް ހަނގުރާމަކުރީ އެބައެއްގެ އަމިއްލަ މަޞްލަޙަތުތަކަށްޓަކައެވެ. ހަމައެފަދައިން ހަނގުރާމައިގެ އަނެއްކޮޅުގައި ތިބި އިނގިރޭސީންނާއި އެމެރިކާއާއި ރަޝާއާއި އިރުމަތީ ޔޫރަޕާއި ހުޅަނގު ޔޫރަޕްގެ ވަރަށްގިނަ ޤައުމުތަކަކީވެސް އިއްތިޙާދެކެވެ. ޖަރުމަނާއި އިޓަލީއާއި ޖަޕާނާ ހަނގުރާމަކުރުމުގައި އެބައިމީހުން އެކަތިގަނޑަކަށްވެގެން ތިބިކަމުގައިވިޔަސް އެއިން ކޮންމެ ޤައުމެއްގެ ކުރިމަތީގައިވެސް އެބައެއްގެ އަމިއްލަ ޢަސްކަރީ މަސްލަޙަތުތަކެއް އޮތެވެ.

އެމެރިކާ އާއި ރަޝާ އާއި ޒަޔަނިޒަމާއި، އިސްލާމް

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަޅުގަނޑުމެން މިހާރު މިވޭތިކުރަމުން ގެންދާ ދައުރުގައި އެކުވެރި ދައުލަތްތަކުގެ ދާއިރާގައި މުހިންމު ތިންބަދަލެއްވަނީ އައިސްފައެވެ. އެންމެ ފުރަތަމަ ކަމަކީ އާ އެތަކެއް ޤައުމުތަކެއް އުފެދުމުގެ ސަބަބުން ދުނިޔޭގެ ސިޔާސީ ޗާޓް ބަދަލުވުމެވެ. ބައިނަލްއަޤްވާމީ އަރައިރުންތަކުގެ ދާއިރާ ތަނަވަސްވެ ފުޅާވުމެވެ. ދެވަނަކަމަކީ އުފެއްދުންތެރިކަމުގެ މައިގަނޑު ވަސީލަތްތައް (ރޯމެޓީރިޔަލް) ޚާއްޞަކޮށް ޕެޓްރޯލް މަދުވުމުގެ ސަބަބުން ބައެއް ޤައުމުތަކުގެ ތަރައްޤީއަށާއި އެޤައުމުތަކުގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ނުރައްކަލެވެ. ތިންވަނަކަމަކީ ދުނިޔޭގެ ޤައުމުތައް އެބަޔަކު ޤަބޫލުކުރާ ނަޒަރިއްޔާތަކާ އެއްގޮތަށް ބެހި ތަފާތު ޖަމާޢަތްތައް އުފެދި އެކި ބައިބަޔަށް ބައިއެޅޭގޮތްވުމެވެ.

މިއަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ދުނިޔޭގައިވަނީ ހަތަރު ނަޒަރިއްޔާއެކެވެ. އެމެރިކާގެ އިމްޕީރިއަލިޒަމާއި، ރަޝާގެ ނުފޫޒާއި، ޒަޔަނިޒަމާއި، އިސްލާމެވެ. އެމެރިކާގެ އިމްޕީރިއަލިޒަމޭ މިދެންނެވީ، ހުޅަނގުގެ އިސްތިއުމާރަށެވެ. އެއީ ހުޅަނގުގެ ޘަޤާފަތާއި ފިއުޑަލިޒަމާ އެކުވެގެން އުފެދިފައިވާ އެއްޗެކެވެ. އެސާމިރާޖް ވެރިކަމާއިގެން ހިންދެމިލައިގެން އުޅެނީ ހުޅަނގުގެ ކްލޯނިޔަލް ސަރުކާރުތައް އޭގެ އޮށް އިންދި ތަންތާނގައެވެ. އެބައިމީހުންގެ ދިދަ އުފުލައިލުމަށްޓަކައި ގުޅިގެން އުޅެނީ އެމެރިކާއާއެވެ. ރަޝާގެ ސާމިރާޖް ބިނާކޮށްފައިވަނީ ސޮވިއެޓް ކޮމިއުނިޒަމާއި، ރަޝާގެ ޤައުމިއްޔަތަށް އަޅުކަންކުރުމުގެ ބިންގަލުގެ މަތީގައެވެ. އެމެރިކާގެ ސާމިރާޖެކޭ އެއްފަދައިން ރަޝާގެ ސާމިރާޖްގެވެސް މަޤްޞަދަކީ ދުނިޔޭގެ ވެރިކަން އަތުލުމެވެ. ރަޝާއާއި އެމެރިކާގެ އިސްތިޢުމާރު ދުނިޔޭގެ އެހެނިހެން ޤައުމުތައް އެބައިމީހުން ބާރުގެ ދަށަށް ގެނައުމަށްޓަކައި ކޯޅެމުންދާ ކޯޅުންތަކަކީ މިއަދު ދުނިޔެއަށް ވަންހަނާ ވެފައިވާކަމެއްނޫނެވެ.

ނަމަވެސް ޒަޔަނިޒަމް ނުވަތަ ޒަޔަނިސްޓް ސާމިރާޖް ބޯއުފުލަމުން ގެންދަނީ ސިއްރު ސިއްރުންނެވެ. އަދިވެސް އެސާމިރާޖްގެ އަޞްލު ސިފައާއި ވައްތަރާއި އެސާމިރާޖް ފަތުރަންރާވައިފައިވާ ސަރަޙައްދުގެ އިންތައްވަނީ ދުނިޔެއަށް ސިއްރުކުރެވިފައެވެ. ނަމަވެސް ޒަޔަނިސްޓު ޙަރަކާތް ހިންގަންފެށުމާއެކު ފާޅުވާން ފެށި ޙާދިޘާތަކުން ޒަޔަނިސްޓް ސާމިރާޖްގެ ޙަޤީޤަތާއި، އޭގެ ފުންކަން ވަނީ ފާޅުވާން ފަށައިފައެވެ. ޒަޔަނިސްޓް ތަޙްރީކާގުޅޭ ގޮތުން ޢާންމުކޮށް ފާހަގަ ކުރެވިފައިވާ ގޮތުގައި އެތަޙްރީކަކީ ޔަހޫދީންގެ ޤައުމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ތަޙްރީކެކެވެ. އެޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ ސަރަޙައްދުގައި ޔަހޫދީންނަށް ޤައުމީ ވަޠަނެއް އުފެއްދުމެވެ. ނަމަވެސް މިއީ، ބައިނަލްއަޤްވާމީ ޒަޔަނިޒަމުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެޙަރަކާތުގެ އަސްލު މަޤްޞަދަކީ ދުނިޔެ، ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމެވެ. ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ޔަހޫދީން ޒަޔަނިޒަމަށް ތާއީދު ކުރެއެވެ. އެހުރިހާ އެންމެން ޒަޔަނިޒަމް ކުރިޔަށް ގެންދިޔުމުގައި އެހީވެދީ އެތަޙްރީކު ޙިމާޔަތްކޮށްދެއެވެ. މަޒްހަބާއި ޢަޤީދާ ތަފާތުވިޔަސް ކޮންމެ ޔަހޫދީއަކީ ޢަމަލީގޮތުން ޒަޔަނިސްޓެކެވެ.

އިސްލާމް ސިޔާސީ ބާރެއްގެ ގޮތުން ދުނިޔޭގައި އެދީނުގެ މަތިވެރިކަމާއި ބާރުފެތުރުމަށްޓަކައި މަތީގައި ދެންނެވި ތިންބާރާ މުޤާބިލާއެއް ނުކުރެއެވެ. ނަމަވެސް މިދެންނެވި ތިން ނަޒަރިއްޔާތީ ބާރުގެ ތެރެއިން ކޮންމެ ބާރެއްވެސް އެމީހުންގެ އަސްލު ވާދަވެރިއެއްކަމުގައި ބަލައިފައިވަނީ އިސްލާމެވެ. މިތިންބާރު އެބައިމީހުންގެ އަމިއްލަ ވާދަވެރިކަމާއެކުވެސް އިސްލާމާ ވާދަކުރުމަށްޓަކައި ވަނީ އެކުވެ އެކަތިގަނޑަކަށްވެފައެވެ. އެބާރުތައް ބޭނުންވަނީ އިސްލާމީ ޤައުމުތަކުގެ ޤުދުރަތީ މުއްސަނދިކަމާއި، މުދާވެރިކަން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމެވެ. ހަމައެފަދައިން ޢިލްމީގޮތުންނާއި އަޚްލާޤީ ގޮތުން މުސްލިމުން ބަލިކަށިކޮށް ޙަޤީޤީ އިސްލާމީ ޝުޢޫރު ނުއުފެދޭފަދަ ގޮތެއްގައި ބައިތިއްބުމަކީވެސް އެމީހުންގެ މަޤްޞަދެކެވެ.

ޙަޤީޤީ އިސްލާމްގެ ބާރު

ޙަޤީޤީ އިސްލާމަކީ ޤައުމެއްގެ މީހުންނަށް އިސްތިޢުމާރު ވެވުން އެކަށީގެންނުވާ ފަދަ ބާރުތަކެއް ލިބިދީ އެމީހުންގެ ބާވަތް މުޅިން ބަދަލުކޮށްދޭ އެއްޗެކެވެ. އެހެންކަމުން، އެމެރިކާއާއި، ރަޝާގެ ބޮޑުދެ އިސްތިޢުމާރާއި ޒަޔަނިސްޓް ބާރުތައް ދެކެނީ އިސްލާމްދީނަކީ އެބައިމީހުންގެ ކުރިމަތީގައިއޮތް ވަރަށް ބޮޑު ނުރައްކަލެއްކަމުގައެވެ. ޢައްލާމާ އިޤްބާލު އޭނާގެ ޅެމެއް ކަމުގައިވާ "އިބްލީސްގެ މަޝްވަރާ މަޖިލިސް" ގައި މިދެންނެވި ވާހަކަ ވަރަށް ރީތިކޮށް ބަޔާންކުރައްވައިފައިވެއެވެ. އިބްލީސް އޭނާގެ މުޝީރުންނާ މުޚާޠަބުކޮށް އެންމެ ފަހުން ދެއްކިވާހަކަތައް އިޤްބާލުގެ އަމިއްލަފުޅު ޢިބާރާތްތަކުން އައްސަވާށެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި އަހަރެންގެ މަސައްކަތަށް ނުރައްކަލެއް އޮތްކަމުގައިވާނަމަ އެނުރައްކަލެއްއޮތީ އެއުންމަތުގެ ކިބައިންނެވެ.

އެއުންމަތުގެ އަނދައި އަޅިއަށްވެފައިވާ އަޅިގަނޑުގެ ތެރޭގައި ބައެއް އަލިފާން ކަނިތައް އަދިވެސް ނުނިވި އެބަހުއްޓެވެ.

އެއުންމަތް އަލުން ހޭލައިފާނެތީ ކޮންމެ ނޭވާއެއްލާއިރުވެސް އަހަރެން ހުންނަނީ ބިރުން ސިހިސިހިއެވެ.

އެދީނުގެ ޙަޤީޤަތެއްކަމުގައި ވެފައި އޮންނަނީ މުޅި ކާއިނާތުގެ ތެރޭގައިވާ ކުށްތައް ހޯދައި، ބަލައި އިސްލާޙުކުރުމެވެ.

އަނދިރިދުވަސްތައް އަލިދުވަސްތަކަކަށް ބަދަލުވެދިއުން އޮތީ ކޮންކަމަކުން ކަން ތިޔަބައިމީހުން ދަންނަމު ހެއްޔެވެ؟ އެއީ އިސްލާމްދީން އަލުން ފާޅުވުމެވެ."

ސާމިރާޖީ ބާރުތަކުން އިސްލާމީ ޤައުމުތައް އެބައިމީހުންގެ ބާރުގެ ދަށުގައި ބައިތިއްބުމަށްޓަކައި ވަނީ ވަރުގަދަ ޙިކުމަތު ޢަމަލީ އެއް އިޚްތިޔާރުކޮށްފައެވެ. އެޙިކްމަތު ޢަމަލީގެ މައިގަނޑު ނުކުތާއަކީ އިސްލާމީ ޤައުމުތައް ޢަސްކަރީގޮތުން ބަލިކަށިކޮށް އެއްޤައުމު އަނެއް ޤައުމާ ވަކިކޮށްލުމެވެ. ރަޝާއާއި އެމެރިކާގެ ސާމިރާޖިއްޔަތުގެ މަކަރުވެރި އުކުޅުތައް އެކަމުގައިވަނީ ވަރަށް މަތީ ދަރަޖައަކަށް ކާމިޔާބުވެފައެވެ. އިޤްތިޞާދީ އެހީއާއި، ސިޔާސީ އަދި އިޖްތިމާޢީ ގުޅުމާއި ޢަސްކަރީ މަދަދަކީ އެކަމުގައި ބޭނުންކުރާ ހަތިޔާރުތަކެވެ. އިސްލާމީ ޤައުމުތަކުގެ މައްޗަށް ޢަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމީހުންގެ ބާރު ހިންގުމަށްޓަކައެވެ. މިގޮތުން އީރާން ފިޔަވައި އެހެން ހުރިހާ އިސްލާމީ ޤައުމުތަކަށް ރަޝާނުވަތަ އެމެރިކާގެ ބާރުވަނީ ފޯރައިފައެވެ. ގިނަ އިސްލާމީ ޤައުމުތައްވަނީ ސިއްރު އެއްބަސްވުންތަކާއި ފާޅުގައި ކުރެވިފައިވާ ކަށަވަރު ނާމާތަކުގެ ޛަރީޢާއިން ބޮޑެތި ބާރުތަކާއެކު ބަނދެވިފައެވެ.

އެއްވެސް ޝައްކެއްނެތެވެ. ޤައުމެއް އަމިއްލަ ފައިމަތީގައި ހަރުދަނާކަމުގައި، ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ޢަސްކަރީ ބާރެވެ. އެމެރިކާއާއި ރަޝާ ވަނީ އިސްލާމީ ޤައުމުތަކުގެ ޢަސްކަރީ ބާރު އެމީހުންގެ ދަށަށް ގެންގޮސް އޭގެ އަސަރާއި ނުފޫޒު ކަނޑުވައިލައިފައެވެ. އާރެއް ބާރެއްނެތް އެއްޗަކަށް ހަދައިފައެވެ. އިސްލާމީ ޤައުމެއްގެ މައްޗަށް އެމީހުންގެ މި ޙިކްމަތު ޢަމަލީ ނުހިނގައިފިނަމަ އެޤައުމަކަށް ޢަސްކަރީ ގޮތުން ވެރިވެ ގަތުމަކަށް ނުވަތަ ނުސީދާގޮތެއްގައި ޙަމަލާދީ ހަނގުރާމަކުރުމަކަށް އެމީހުން ޖެހިލުމެއް ނުވެއެވެ. ރަޝާގެ ސިފައިން ފާޅުގައި އަފްޣާނިސްތާނަށް އަރައިގަނެގެން އުޅޭ އުޅުމާއި، އިސްލާމީ ޤައުމުތަކުގެ މެދުގައި ހިންގާ ސަރަޙައްދީ ހަނގުރާމަތަކަކީ މިދެންނެވި މަކަރުވެރި ރޭވުމާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުން ގެންދާ ހަނގުރާމަތަކެވެ. މިދެންނެވި ޒާތުގެ ހަނގުރާމަތަކުގެ ސަބަބުން މިޞްރާއި، އުރުދުނާއި، ސޫރިޔާވަނީ ބަލިކަށި ކޮށްފައެވެ. ޕާކިސްތާން ދެބައިކޮށްލީވެސް ހަމަ އެމަޤްޞަދަށްޓަކައެވެ.

އެންމެ ފަހުން ހިންގި މިބާވަތުގެ ޙާދިޘާއަކީ އިސްރާއީލް ލުބްނާނަށް އަރައިގަތް އަރައިގަތުމެވެ. އޭގެ މަޤްޞަދަކީ، ފަލަސްޠީނު މީހުންގެ ޢަސްކަރީ ބާރު ފުނޑުފުނޑުކޮށް ވިއްސިވިހާލި ކޮށްލުމެވެ. އީރާނާއި ޢިރާޤާ ދެޤައުމުގެ ދެމެދުގައި ސާމިރާޖާ ބާރުތަކުން ހަނގުރާމަ ހިންގަނީވެސް ހަމަ މިޙިކްމަތު ޢަމަލީގެ ޛަރީޢާއިންނެވެ. އެހަނގުރާމައިގެ މަޤްޞަދަކީ، ޢިރާޤްގެ ޢަސްކަރީ ބާރު ނިކަމެތިކޮށްލުމެވެ. ޢިރާޤުގެ ޢަސްކަރީބާރު ހަލުއިކަމާއެކު ވަރުގަދަ ކުރަމުން ގެންދާތީއެވެ. އެހަނގުރާމައިގެ އަނެއް މަޤްސަދަކީ އީރާނާއި ޢަރަބީންގެ މެދުގައި ނިފާޤު އުފައްދައި އެއްބަޔަކު އަނެއްބަޔަކާ ޖެއްސުމެވެ. އަނެއްކޮޅުން އިސްރާއީލަށް ބިރެއްނެތި ހިތްހަމަޖެހުމާއެކު ލުބްނާނަށް އެރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. (ނުނިމޭ)

comment ކޮމެންޓް