ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގެ އުސޫލެއް އެކުލަވާލައިފި

ކުޑަކުދިންގެ ހިޔާގައި ކުދިންތަކެއް ގޭމު ކުޅެނީ: ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގެ އުސޫލެއް ލޯން އެންޑު ޖެންޑާ މިނިސްޓުރީން ވަނީ އެކުލަވާލައިފައި -- ސަން ފައިލް ފޮޓޯ

ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ވަގުތީ ގޮތުން އެހެން ފަރާތްތަކާ ހަވާލުކުރުމުގެ އުސޫލެއް ލޯ އެންޑް ޖެންޑާ މިނިސްޓްރީ އިން އެކުލަވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން އެކުލަވާލި އެ އުސޫލުގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ތަފާތު އެކި ސަބަބުތަކާ ހުރެ އެ ކުދިންގެ އާއިލާތަކާ ހަވާލު ނުކުރެވޭނެ ހާލަތްތައް މެދުވެރިވެފައިވާ ކުދިން ކަމަށެވެ. އެގޮތުން އެކި އުމުރު ފުރައިގެން ކުދިންތަކާ އެކު ދިގު މުއްދަތަކަށް އެފަދަ ކުދިން ކުޑަކުދިންގެ ހިޔާގައި ތިބެން ޖެހޭ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އާއިލީ ގުޅުމާއި ލޯތްބާއި އަދި އާއިލާއެއްގެ ތެރޭގައި ދިރިއުޅުމުން ކުދިންނަށް ދަސްވާން ޖެހޭ ގިނަ ސިފަތަކާއި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ހަނިވާ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

ލޯން އެންޑު ޖެންޑާއިން ބުނީ އެ އުސޫލުގެ ދަށުން އެހެން ފަރާތްތަކާ ހަވާލުކުރެވޭނެ ކުދިންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުޑަކުދިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ އެ ކުދިންގެ އާއިލާ އެކު ދިރިއުޅެވެން ނެތް ކުދިން ކަމަށެވެ.

ހަމައެއާ އެކު ކުޑަކުދިންގެ ހިޔާގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް ހާލު ނުބަލައި އަދި އާއިލާގެ ފަރާތުން ކުދިންނާ އެއްވެސް ގުޅުމެއް ނުބާއްވާ ކުދިންކަމަށް ކުޑަކުދިންގެ ހިޔާގެ ރިކޯޑުތަކަށް ފެންނަ ކުދިން ވެސް އެހެން ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ލޯ އެންޑު ޖެންޑާއިން އެކުލަވާލި އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ކުދިން ބެލެހެއްޓުން އެހެން ފަރާތްތަކާ ހަވާލުކުރެވޭ ކުދިންގެ ޙަޟާނަތު ނެގުން އޮންނާނެ ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުޑަކުދިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ އަމިއްލަ އާއިލާއާ ހަވާލުކުރެވެން ނެތް ކުދިން ބެލެހެއްޓުމަށް އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ކުރިން އާއިލާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހަޟާނަތުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ޙަޟާނަތުގެ ހައްގާމެދު ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހެ އެވެ.

މިނިސްޓުރީ އޮފް ލޯ އެންޑު ޖެންޑާއިން ބުނީ އެ އުސޫލުގެ ތެރެއިން ފޮސްޓާ ކުރަން ފެށިގެންދާއިރު އެ ފުރުސަތު އާންމުކޮށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ކުރިން ފޮސްޓާ ބެލެނެވެރިއަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ލޯ އެންޑު ޖެންޑާއިން ބުންޏެވެ.

ކުދިން ބެލުމަށް ހަވާލުކުރާ ފަރާތްތަކުގެ ބައެއް ޝަރުތު:

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއް ކަމުގައިވުން [ކުއްޖާ ހަވާލުކުރަ ފަހުން ކައިވެނި ރޫޅުމަކީ ކުއްޖާ ބެލެހެއްޓުމުގެ ޝަރުތެއް އުނިވާ ސަބެބެއްނޫނެވެ.]
  • އުމުރުން 25 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ލިޔަންކިޔަން އެނގުމާއި ނަމާކޮށް ގުރުއާން ކިޔަވަން އެނގުން
  • ފޮސްޓާ ދަފްތަރުގެ ރަޖިސްޓުރީކޮށްފައިވާ ފަރާތެއް ކަމުގައިވުން

ލޯ އެންޑު ޖެންޑާއިން ބުނީ އެ އުސޫލުގެ ދަށުން ވަގުތީ ގޮތުން ކުދިން ބެލެހެއްޓުން އެހެން ފަރާތްތަކާ ހަވާލުކުރެވޭނީ ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތު އިތުރު ކުރުމަށް އެ މިނިސްޓުރީއަށް ފެނިއްޖެ ހާލަތެއްގައި މިނިސްޓުރީން ކަނޑައަޅާ އުސޫލެއްގެ މަތީން މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.

އެގޮތުން މުއްދަތު އިތުރު ކުރެވޭނީ ގިނަވެގެން ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެ މިނިސްޓުރީން ބުންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުއްޖާގެ ޙަޟާނާތުގެ ހައްގާބެހޭ ގޮތުން ކޯޓުން ހުކުމް ކޮށްފިނަމަ އެ ހުކުމަކަށް އިސްކަން ދޭންވާނެ ކަމަށް ވެސް މިނިސްޓުރީ އޮފް ލޯ އެންޑު ޖެންޑާއިން ބުންޏެވެ.

comment ކޮމެންޓް