ފުވައްމުލަކު ތުނޑީގެ ވެލި --- ސަން ފޮޓޯ ފަޔާޒް މޫސާ

ފުވައްމުލަކު އަސްރަފީގޭ އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 އޯގަސްޓް 1921 ގައެވެ. ފުވައްމުލަކު ނަޔާގޭގައެވެ. އަވަހާރަވީ 20 މެއި 2008 ގައި ފުވައްމުލަކު އަސްރަފީގޭގައެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ފުވައްމުލަކުގައި ފަހަކަށް އައިސް އުފެދުނު ދީނީ ޢިލްމުވެރީންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޢިލްމުވެރި، ޢިލްމު ފަތުރުއްވަން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން ތިން ފޮތެއް ވަނީ ޗާޕްކޮށް ޝާއިޢު ކުރެވިފައެވެ. އެ ތިން ފޮތަކީ "އައްޞަލާތު" އާއި "ސަބީލުއްނަޖާތި" އާއި "ހިޖްރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރާ ތާވަލު" މި ތިން ފޮތެވެ.

މި ތިންފޮތުގެ ތެރެއިން، "އައްޞަލާތު" އާއި "ސަބީލުއްނަޖާތި" މި ދެފޮތަކީ މާލޭގެ ފޮތްފިހާރަތަކުގައިވެސް އެންމެ ވިކޭ (ބެސްޓް-ސެލަރ) ފޮތްތަކުގެ ތެރޭގައި ހިމެނޭ ދެފޮތެވެ. ޗާޕްނުކުރެވޭ ފޮތްތަކުގެ ތެރޭގައި "ޤާޢިދާ މަޙަލްދީބިއްޔާ" ގެ ނަން ދެއްވައިފައިވާ ފިލިފޮތެއް ހިމެނެއެވެ. އެފޮތަކީ ދިވެހީންގެ ކާބަފައި އެދުރުން ޢަރަބި އަކުރު ލިޔެކިޔަން ދަސްކޮށްދެއްވަން ގެންގުޅުއްވި އުސޫލުތަކަށް ފައްތަވައިގެން ލިޔުއްވާފައިވާ، "ޤާޢިދާ ބަޣްދާދިއްޔާ" ފަދަ ފޮތެކެވެ.

މީގެ އިތުރަށް ވަރަށް ތަފްޞީލު ދިވެހި ބޭސްފޮތެއް ވެސް ލިޔުއްވިއެވެ. އެފޮތުގައި އޭނާގެ ޢާއިލާއިން (މޫނިފާކު މުދިންކަލޭގެފާނާ ހަމައިން) ތަޖުރިބާ ކުރައްވައިފައިވާ ބޭސްތަކާއި، އޭނާ ޢަރަބި އުރްދޫ ފޮތްތަކުން ތަރުޖަމާ ކުރައްވައިފައިވާ ބޭސްތައް ހިމެނެއެވެ. އެފޮތުގެ އެންމެ ފުރަތަމަ އަޞްލުވަނީ އޭނާގެ ދަރިކަލުން މުޙައްމަދު ސަޢީދުގެ އަތްޕުޅުގައި އޮއްވައި އައްޑުއަތޮޅު މަރަދުއަށް ގެއްލިފައެވެ. އެފޮތް ގެއްލުމަށްފަހު އަނެއްކާވެސް ދިވެހި ބޭހުގެ ދެވަނަ ފޮތެއް ލިޔުއްވިއެވެ. ދިވެހި-އިނގިރޭސި ޑިކްޝަނަރީއެއްގެ މަސައްކަތުގެ ވެސް ވަރަށް ބޮޑު ބައެއް ފުރިހަމަ ކުރެއްވިއެވެ.

ދިވެހި ބަހުގެ ރަދީފު އެކުލަވައިލުމަށްޓަކައި ކުރީގެ ދިވެހި ބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަދީފުގައި ހިމެނުމަށްޓަކައި، ދިވެހި ބަހުގެ ޢާއްމު ބަހުރުވައިގެ ވަރަށް ގިނަ ބަހާއި، ފުވައްމުލަކު ބަހުރުވައިގެ ބޮޑު މަޖުމޫޢާއެއް ތައްޔާރުކުރައްވައި، އެކިފަހަރު މަތީން ޤައުމީ މަރުކަޒަށް ފޮނުއްވިއެވެ. ރަދީފަށް ބަސް އެއްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ޤައުމީ މަރުކަޒުން އިނާމު ޙާޞިލުކުރެއްވިއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުންތައް ފަތްތޫރައިގައި ވެސް ވަނީ ޝާއިޢު ކުރެވިފައެވެ.

ސަރުކާރުން ފުވައްމުލަކުގައި އެންމެ ފުރަތަމަ މަދަރުސާތައް އުފެއްދެވި އިރު، ދަޑިމަގު ދިގުވާނޑަށް ޚާއްސަކުރައްވައިގެން އުފެއްދެވި މަދަރުސަތުލް ފައިޟިއްޔާގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މަދަރުސަތުލް ފައިޟިއްޔާއަށް ފަހު ރަށުގައި އުފެދުނު ބައެއް އެހެނިހެން މަދަރުސާތަކުގައިވެސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައި ވެއެވެ. ގޭގައި ކުދީންނަށް ދީނީ ތަޢުލީމާއި ޢަރަބި ބަހާއި ކީރިތި ޤުރްއާން ކިޔަވައިދެއްވިއެވެ. މީގެ އިތުރަށް، އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާއަކީ ވަރަށް ރީތިކޮށް ޢަރަބި ތާނަ ލިޔުއްވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ހަމައެކަނި ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާ ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް ޚިދުމަތް ކުރެއްވިއެވެ. އިބްރާހީމް ސަޢީދު މޫސާގެ އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއަކީ ފުވައްމުލަކުގެ މާމުދިންކަމެވެ. މުދިންކަމުގެ ވަޒީފާ ލިބިވަޑައިގަތީ ހިޖުރައިން 1361 ވަނަ އަހަރުއެވެ.

އިބްރާހީމް ސަޢީދު މޫސާއަށް އެންމެ ފުރަތަމަ ކުޑަކަތީބުކަން ލިބިވަޑައިގަތީ 1369 ހ. ގައެވެ. އެފަހަރު ކަތީބުކަމުގައި މާގިނަ ދުވަހަކު ނުހުންނަވައެވެ. 1371 ހ. ގައި ވަޒީފާ މެދުކެނޑިއްޖެއެވެ. އިބްރާހީމް ސަޢީދުގެ ޚިދުމަތުގެ ދެވަނަ ދައުރު ފެށުނީ 16 މާރިޗު 1960 ގައެވެ. ފުވައްމުލަކު ނާއިބުކަމުގެ ވަޒީފާއިންނެވެ. ދެކުނުގެ ބަޣާވާތާ ވިދިގެން ދެކުނުގެ ހަތަރު އަތޮޅުގައި ތިއްބެވި ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާ ވަކިކުރެއްވިއެވެ. އިބްރާހީމް ސަޢީދު ވެސް ވަޒީފާއިން ވަކި ކުރެއްވިއެވެ. ބަޣާވާތް ނިމުމާއެކު އަލުން ވަޒީފާ ލިބިވަޑައިގަތީ 11 މެއި 1964 ގައެވެ. ރާއްޖޭގެ އަތޮޅުތަކުގެ ނާއިބު އޮފީސްތައް އުވާލައްވައި އަތޮޅު ކޯޓުތައް އުފެއްދެވުމާ ގުޅިގެން 1970 ވަނަ އަހަރުގެ ފެބުރުވަރީގައި އިބްރާހީމް ސަޢީދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅަކަށް ބަދަލު ކުރެއްވުމަށްފަހު 21 ފެބުރުވަރީ 1970 ގައި ފުވައްމުލަކު ކުޑަކަތީބުކަން ދެއްވިއެވެ. އިބްރާހީމް ސަޢީދު ކަތީބުކަމަށް ބަދަލުކުރެއްވީ 10 ޖުލައި 1983 ގައެވެ.

1 ފެބުރުވަރީ 1992 ގައި އިބްރާހީމް ސަޢީދު މޫސާ އަތޮޅުއޮފީހުގެ އެހީތެރިޔަކަށް ބަދަލުކުރެއްވިއެވެ. އޭނާ އަވަހާރަވުމާ ހަމަޔަށްވެސް ހުންނެވި އެ މަޤާމުގައެވެ.

އިސްވެދެންނެވި ރަސްމީ ވަޒީފާތަކުގެ އިތުރަށް އިބްރާހީމް ސަޢީދު މޫސާ ވަނީ ޏ. އަތޮޅު ކޮމެޓީގެ މެންބަރުކަމާއި، ޏ. އަތޮޅު އަތޮޅުފިހާރައިގެ އަތްދަށު މެނޭޖަރުކަމާއި މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރުކަން ވެސް ކުރައްވާފައި ވެއެވެ. އަވަހާރަވީ އިރުވެސް އިބްރާހީމް ސަޢީދަކީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރެކެވެ. އެކިފަހަރު މަތީން އޭނާ ވަނީ ފަންސާހަކަށް އަހަރު ސަރުކާރަށް ޚިދުމަތްކުރައްވައިފައެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއާއެކު އެއް އޮފީހެއްގައި ވަޒީފާ އަދާކުރެއްވި ބޭފުޅުން ވިދާޅުވާގޮތުގައި އޭނާއަކީ އޮފީސް ހިންގެވުމުގެ ދާއިރާގައި ވަރަށް ޤާބިލު ބޭފުޅެކެވެ. ރަށުއޮފީސްތަކަކީ ރަށްރަށުގެ މަގުތައް ހެދުމާއި، ގޯތިތައް ކުރެހުމުގެ މަސައްކަތްކުރަން ޖެހޭ އޮފީސްތަކެވެ. އެހެންކަމުން އެދާއިރާގައިވެސް އިބްރާހީމް ސަޢީދުގެ ޤާބިލިއްޔަތު ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައި ވެއެވެ. އެދުވަސްވަރުގެ ޙާލަތު ހުރިގޮތުން ޗާޓުތަކާއި ގޯތިތަކާއި މަގުތައް ކުރަހަން ބޭނުންވާ ގިނަ އާލާތްތައް އިބްރާހީމް ސަޢީދު އަމިއްލަފުޅަށް ލަކުޑީން ހައްދަވައި ރަށުއޮފީހުގެ ބޭނުންތަކަށް ދެއްވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ތާރީޚާ ގުޅޭ ގޮތުން މައުލޫމާތުތައް އެއްކޮށް އެކުލަވައިލުމަށް ކުރީން އެކުލަވައިލެވުނު އެރަށު ތާރީޚު ކޮމެޓީގެ މުޤައްރިރަކީ ވެސް އިބްރާހީމް ސައީދު މޫސާ އެވެ. ފުވައްމުލަކު ތާރީޚާ ގުޅޭ ގޮތުން އިބްރާހީމް ސައީދު މޫސާ ކުރެއްވި ވަރަށް ގިނަ ދިރާސާ ތަކާއި ލިޔުއްވި ވަރަށް ގިނަ ލިޔުއްވުންތައް ވަނީ އޭރު އޭނާ މަސައްކަތްކުރެއްވި ފުވައްމުލަކު ކުރީގެ ރަށު އޮފީސް ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

-------------------------------------------------------------------------------------------

(މި ލިޔުމަކީ އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުން ތަކުގެ ތެރެއިން ފަތްތޫރައިން ނަގައިފައިވާ ލިޔުމެކެވެ.)

ފުވައްމުލަކަކީ، ދިވެހިރާއްޖޭގެ ދެކުނުގައި، ހުވަދުއަތޮޅާއި، އައްޑުއަތޮޅާ ދޭތެރޭ މެދަށްވުރެ އައްޑުއަތޮޅާ ކައިރިކޮށް އަތޮޅަކާ ނުގުޅި ވަކިން އޮންނަ ރަށެކެވެ. ފުވައްމުލައް އޮންނަނީ ދެކުނު އަރުޟުން "30. '0.17 ގައި އިރުމަތީ ޠޫލުން '23، 73 ޑިގްރީގައެވެ. ރަށްދެމިފައިވަނީ ވަރިންމައިން ފެހުނަށެވެ. (އައްޔޫޤު w އިން ޤަލްބު E އަށެވެ.) ރަށުގެ ވަރިންމަ ކޮޅަށް ކިޔަނީ އުތުރު ކޮޅެވެ. ފެހުނު ކޮޅަށް ކިޔަނީ ދެކުނު ކޮޅެވެ.

ރަށުގެ ދިގުމިނަކީ ދޭއްބައި މޭލެވެ. ރަށުގެ އެންމެ ހަނިދިމާއިން (މާނޭރުން ރަސްގެފަންނަށް) ފުޅާމިނަކީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މޭލެވެ. ކަނޑުގެ ސަތްހުން ފެށިގެން ރަށުގެ އުސްމިނަކީ 10 ފޫޓެވެ.

ތާރީޚީ ބިނާއެއް ކަމަށްވާ ފުވައްމުލަކު ކެޑޭރެ މިސްކިތް --- ސަން ފޮޓޯ ފަޔާޒް މޫސާ

ހުވަދު އަތޮޅުން މުލަކާ އެންމެ ކައިރީގައި އޮންނަ ރަށަކީ ވާދޫއެވެ. ވާދޫއާ މުލަކާ ދެމެދު ހުންނަނީ '32 މޭލެވެ. މުލަކުން ވާދޫއަށް ސީދާވާ ހިސާބުގެ ދޭތެރެ މެދަށް (ކަނޑުމަޑު ދުވަސްދުވަހު) ދޯނިފަހަރުގެ ކުނބަށް ދެބަފެނެއެވެ. ފުވައްމުލަކު އުތުރުކޮޅުން ހުވަދު އަތޮޅު ގަން އޮންނަނީ "ގަހާ" ގައެވެ.

އައްޑުއަތޮޅުން ފުވައްމުލަކާ އެންމެ ކައިރީގައި އޮންނަނީ މީދޫއެވެ. މުލަކުން މީދޫ އޮންނަނީ މުލަކުގެ ނޮރިންމަ (ޤަލްބު w) ގައެވެ. މިދެރަށުގެ ދެމެދުގައި ހުންނަނީ 22 މޭލެވެ. މިދެރަށުގެ ދޭތެރެ މެދަށް ދެބަފެނެއެވެ.

ފުވައްމުލައް އޮންނަނީ އާނުގަނޑެއްގެ މަތީގައި ކަމަށް ބުނެތެވެ. ކަނޑުގެ އަޑީގައި ވަރަށް ބޮޑުތަނުގައި ފެތުރިފައިވާ އާނުގަނޑެއް ތިލަވަމުން ފައްތަރު ކެނޑެމުން އެއްފައްތަރުން އަނެއް ފައްތަރަށް ކުޑަވަމުން މައްޗަށް އުފުލެމުންގޮސް ކަނޑުގެ ސަޠުޙުން މައްޗަށް އެރީއެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރާ ގޮތުގައި އެފްރިކާގެ ބަނޑުދަށުން ފެށިގެން ކަނޑުގެ އަޑިން ދެމިގެން އައި ފަރުބަދަ ލައިނަކުން މައްޗަށް އުފުލުނު ބަޔެއް ތިލަވެ ފެންމަތިވެ ރަށް ހިކުނީއެވެ.

ފުރަތަމަ ހިކުނީ ރަށުގެ ވަށައިގެން ކައިރިފަށެވެ. އެތެރޭގައި އޮތީ ވިލާއި ފަޅެވެ. ފަޅަށް ވަދެވޭގޮތަށް، ދެކުނުކޮޅުގައި ކެނޑުމެއް އޮތެވެ.

ފުވައްމުލަކު ތުނޑި: ފުވައްމުލަކު ތުނޑިއަކީ އެހެން ރަށްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ރީތި ތުނޑިއެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދުވަސްތަކެއްފަހުން ފަޅުގެ އެކި ހިސާބުން އެކި ބޮޑުމިނުގައި ތިލަވެފުށި (ފީށި) ތަކެއް ހިކުނެވެ. އޭގެ ފަހުގައި މިފުށިތަކުގެ ދޭތެރެ ދޭތެރެއިން ތިލަވެ ހިކި ފުށިތައްގުޅި ރަށުގެ އެތެރެ ހިކުނީއެވެ. ރަށުގެ ދެކޮޅުގައި އޮންނަ ދެކުޅިޔަކީ ނުހިކިއޮތް ދެތަނެވެ. ރަށުގެ ދެކުނުކޮޅުގައި ފަޅުގެ އަނގަމައްޗާ ގުޅިގެން ދިޔަރެހިފާޑު ހުދު ކިޔާތަނެއް ދާދިފަހަކާ ޖެހެންދެން ނުހިކިއޮތެވެ. ރަށުގެ މެދުތެރެ ހިކެމުން ދިޔައިރު ވަކި ވަރަކަށް ތިލަވެފައި މުޅިން ނުހިކި ޗަސްބިމަށް އޮތް ތަނަކީ އޮޅެވެ. (އަލަހައްދާ އޮޅެވެ).

ރަށް އޮންނަނީ މެދަށް އަޑިކޮށެވެ. ރަށުގެ ދެކުނު ކޮޅަށްވުރެ އުތުރުކޮޅު ތިރިއެވެ. ރަށުގެ ކަރިއިފަށުން އެންމެ ތިރިކަމަށް ވަނީ ބަޑަހަލް ފަންނާ ދިމައިންނެވެ. ރަށުގެ މެދަކީ މެދެގެދަރު ހުރި ތަނެވެ. އެއީ މާދަޑު ރަސްމީ ބޯޅަދަނޑުގެ ހުޅަނގު އުތުރުން ހުރި ގެއެކެވެ.

ފުވައްމުލަކަކީ ފެންހެޔޮ ރަށެކެވެ. 1922 މ. ވަނަ އަހަރު އެޗް.ސީ.ޕީ.ބެލް މިރަށުގެ އެކި ހިސާބުގެ ފެން ތަޙްލީލް ކުރައްވައި، އެންމެ ފެންހެޔޮ ކަމުގައި ވެފައިވަނީ މާލެގަމު ފެލާފަތިގެދަރިވަޅެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު --- ސަން ފޮޓޯ ފަޔާޒް މޫސާ

ރަށުގެ މެދަށް އަޑިކޮށް އޮތުމުގެ ސަބަބުން ވާރޭވެހި ރަށުގައި ފެންބޮޑުވެ އަލައޮޅުތަކަށާއި ގޮވާމަށް ގެއްލުން ލިބުނެވެ. ރަށުން ފެންބޭރު ކުރުމަށް ކާނު (އިރުމަތީ ފަރާތުގައި ދެކާނު، ހުޅަނގު ފަރާތުގައި ދެކާނު) ހެދިފައިވެއެވެ. ރަށުން ފެންބޭރު ކުރުމަށް، އެންމެ ފުރަތަމަ އާރެއް ނުވަތަ ކޯރެއް ކޮންނެވީ ޙާޖީ ބަންޑާރައިންގެ އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. އެފަހުން ފޯކައިދޫކޮއިވެސް އާރެއް ކޮނުނެވެ. މިދެއާރު އޮންނަނި އިރުމަތީ ފަރާތުގައެވެ. ޢާއްމުކޮށް ރަށުގައި ފެންބޮޑުވަނީ ހުޅަނގު މޫސުމުގައި ކަމަށްވެފައި، ހުޅަނގު މޫސުމުގައި ރަށުގެ ހުޅަނގު ފަރާތުގައި ރާޅުބޮޑުވާ ކަމަށްވާތީއެވެ. ކާނުތައް ހެދުމަށްފަހު މިދެއާރުގެ ބޭނުމެއް ނުކުރެވެއެވެ.

އުތުރުކޮޅުގައި ނޫނީ ރަށުގެ ވަށައިގެން އޮންނަނީ ފުއްޓަރެވެ. ވިލެއް ފަޅެއް ނޯވެއެވެ. ރަށުގެ ގޮނޑުދޮށުން ފެށިގެން ހޭޅިފަށުން މަތީގެ ވަކި ހިސާބަކަށް ހަރު އާނުގަނޑު އޮވެއެވެ. މިއީ ރަށުގެ ވަށައިގެން އަރާ ބޮޑެތި ބިޔަރާޅުތަކުގެ ޙިމާޔަތަކަށް ޤުދުރަތުން ލައްވަވާފައިވާ ޤުދުރަތީ އައްޑަނައެކެވެ. ރަށުގެ ވަށައިގެންވެސް މިއާނުގަނޑު ނެތްތަނަކީ ދިޔަރެހިފާޑުގެ ހުދުގެއަނގަމަތި އޮތްތަނެވެ. ހޭޅިފަށުން ތިރީގައި އާނުގަނޑު މަތީގައި، އެކި ހިސާބުގައި އެކި ބޯމިނުގައި ދޮންވެލި ފަށަލައެއް އޮވެއެވެ. ބައެއް މޫސުމުގައި މި ވެލިގަނޑު އެހެން ފަރާތްތަކަށް ގޮސް އާނުގަނޑު ހާމަވެފައި އޮވެއެވެ.

ރަށުގެ އުތުރުކޮޅުގައި ވަރަށް ރީތި އޮފްއަރާ ވެލިގަނޑެއް އޮވެއެވެ. މިވެއްޔަށް ކިޔަނީ ތުނޑީވެއްޔެވެ. މިވެލިގަނޑު އޮންނަނީ މާއެޅެކިޔާ ތަނުން ފެށިގެން ގާގޯނި ކިޔާތަނާ ދެމެދުގައެވެ. މިހިސާބުގައި، ފުއްޓަރެއް (ގޮނޑުދޮށާ ގުޅިގެން ބޭރަށް އޮންނަ ރަށުގެ މައިތޮށްޓެއް) ނޯވެއެވެ. ގޮނޑުދޮށާ ހަމަޔަށް އޮންނަނީ ފުންފަޅެވެ. ހުޅަނގު މޫސުމުގައި މިތަނަށް ފުޅަނގިއަރާ ދުވަސްވަރު ފުޅަނގިޔާއެކު ކަންނެލިތައް އައިސް ގޮނޑުދޮށު ކައިރީ ތިބެއެވެ. އެއްގަމުގައި ތިބެގެން މަޑަޖަހައިގެން ކަންނެލި ނަގައި އުޅެއެވެ.

ފުވައްމުލައް، ބަންޑާރަ ކިޅި --- ސަން ފޮޓޯ ފަޔާޒް މޫސާ

ތުނޑީވެލިގަނޑު ދެމޫސުމުގައި ދެކޮޅަށް ދަމައެވެ. ވެލިގަނޑު މިގޮތަށް ދަމާއިރު ބައެއްފަހަރު ވެލިގަނޑާ ރަށާ ދޭތެރޭ ކަނޑު އޮވެއެވެ. މިހެން އޮންނަ ތަނަށް ކިޔަނީ ބީއްސާވެއްޔެވެ. ތޮށިމަތީގައި އޮންނަ ނަމަ ކިޔަނީ ފަރު ބީއްސާވެއްޔެވެ. ކުރީގައި ބުނި ފުށްޓަރު (ތޮށި) ނޯންނަ ހިސާބުގައި އޮންނަ ބީއްސާވެއްޔަށް ކިޔަނީ ކަނޑު ބީއްސާވެއްޔެވެ. ބިއްސާވެލި ކިޔަނީ ވެލިގަނޑު ދަމައިގެންގޮސް އެތެރޭގައި ކަނޑުއޮވެގެން އަނެއް ތަނަކަށް ވެލިގަނޑު ބީއްސާތީއެވެ. އެއީ ބީއްސާވެއްޔެވެ. ކަނޑު ބިއްސާވެލީގައި އެކިވައްތަރުގެ މަސް ބެދިފައި ހުރެއެވެ. ގިނައިން ހުންނަނީ ބާތަވްބާވަތުގެ ފަރުމަހެވެ. އެއްގަމުގައި ތިބެ ބީއްސާވެލިން މަސްބާނައި އުޅެއެވެ. އެންދަމާ ދަލުގެ ހަތަރު ކަނުގައި ދިގު ހަތަރު ދަނޑި އައްސައިގެން ދާފައްތައިގެންވެސް މަސްހިފައެވެ. ކަނޑު ބީއްސާވެލި ލަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން ކަނޑު ބީއްސާވެއްޔެއްލީ 1929 މ. ވަނަ އަހަރުގައެވެ. މިބިއްސާވެލި އޮތީ ގެން މިސްކިތް ފަންނާއި، ގާގޯންޏާ ދޭތެރޭގައެވެ. ކަނޑު ބިއްސާވެލީގެ ބޭރުވެލިގަނޑުގެ މައްޗަށް ނުދާށޭ މުސްކުޅީން ބުނެއުޅެއެވެ. އެއީ ހަމަ ކުއްލިއަކަށްވެސް އެވެލިގަނޑު ގިރައިގެން ހިނގައިދާނެއެވެ.

ކުރީގެ ދުވަސްވަރެއްގައި އުކުނުމަނާ ކިޔާ މީހަކާއި ދީމަނާކިޔާ މީހަކާއި ދެމީހުން ކަނޑުބިއްސާވެއްޔެއްގެ ބޭރުވެލިގަނޑު މަތީގައި އުކުނު ހޮވަން ތިއްބާ ކުއްލިއަކަށް ވެލިގަނޑު ގިރައިގެންގޮސް އެދެމީހުންނަށް ވީގޮތެއް ނޭނގި ގެއްލުނުކަމުގައި ބުނެވެއެވެ.

ފުވައްމުލަކު ތުނޑި: ފުވައްމުލަކު ތުނޑިއަކީ އެހެން ރަށްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ތުނޑިއެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ބައްއްމީހުން ދެކޭގޮތުގައި ތުނޑީގެ ވެލީގައި އޮފް ހުންނަނީ، ރާޅާއެކު ވެލިގޮނޑުދޮށުގައި ޕޮލިސްވަމުން ދިޔުމުންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި، އެއީ، އުފެދޭ ތަނުގެ ގޮތުން އެވެލި އުފެދޭއިރު ހުންނަ އަސްލުގޮތެވެ.

ރަށުގެ އެހެން ތަންތަނަށް ލައްގާ ކަށިވެލި ރާޅާ ގޮނޑުދޮށުގައި ޕޮލިސްވާލެއް ކުޑައެއްނޫނެވެ. އެކަމަކު ތުނޑީގެ ވެލީގައި ހުންނަ އޮމާންކަމާއި އޮފުކަމެއް އެހެން ވެއްޔަކު ނުހުރެއެވެ. ތުނޑީގެ ވެލީގެ އޮފްކަމާއި، އޮމާންކަން ކުޑަވަމުން ދާކަން ފާހަގަ ކުރެވެއެވެ. މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރީގައި އެވެލީގައި ހުރި އޮފުކަމާއި އޮމާންކަން މިހާރަކު އެވަރަކަށް ނުހުރެއެވެ.

ރަށުގެ ދެކުނުކޮޅުގައި، ރަށާއި ގުޅިގެން ގާތްގަނޑަކަށް ރަށުގެ ދިގުމިން ހުރި ފަރެއް އޮވެއެވެ. މިފަރަށް ކިޔަނީ ކެޑެމޫލުފަރެވެ. މިއީ އޮޑިދޯނިފަހަރު ނުބީހޭ ފުންފަރެކެވެ.

އަދަ މޫސުމުގައި ފެހުނުން ގަދަޔަށް ވައިޖެހޭނަމަ މިފަރުގައި ރާޅު ބޮޑުވެއެވެ. މިފަރުގައި ރާޅު ބޮޑު ދުވަސްވަރު، ދަތުރުވެރިންނާއި މަސްވެރިންނަށް ފަރު ހުރަސްކޮށް އެއްފަރާތުން އަނެއްފަރާތަކަށް ނުދެވޭނެއެވެ. އަނެއް ފަރާތަށް ދެވޭނީ އުތުރުކޮޅުން ކެޑެވެރި ވަށާލާފައެވެ. ފަރުގެ ރާޅަކަށް ނުފީނާށޭ މުސްކުޅީން ބުނެއުޅެއެވެ. އެއީ ފަރުގެ ރާޅުގެ އޮއިވަރު ގަދަޔަށް އަޑިޔަށް ހިފައިފައި ހުންނާތީއެވެ.

ރަށުގެ ދެކުނުކޮޅުގައި ދިޔަރެހިފާނޑު ހުދު ނުހިކި އޮތްއިރު އޮޑި ދޯނިފަހަރު ގެންގުޅޭ ބަނދަރެއްގެ ގޮތުގައި އެތަން ބޭނުން ކުރެވުނެވެ. އޭރު އެތަނަށް ވަދެ ނުކުމެ އުޅުމަށް ދަތި ނުވާވަރުގެ އަނގަމައްޗެއް (ކެނޑުމެއް) އޮތެވެ. އޮޑިދޯނިފަހަރު މިތަނުގައި އަޅާއިފައި ބަހައްޓަނީ ގެނބުރަށް ނަގިލި ނުވަތަ ފަނާލައި އެއްގަމަށް ފުށުވައު އައްސާފައެވެ. އެތަނުގެ އެއްގަމުގައި ހަރުގެތައް އަޅައިފައި ހުރެއެވެ. އޮޑިފަހަރުން ބާލާ މުދާތައް ގެޔަށް ގެންދެވެންދެން ހުންނާނީ އެހަރުގެ ތަކުގައި ބަހައްޓާފައެވެ. އޮޑިޔަށް މުދާއަރުވަންވީމަ ރަށުގެ އެކިހިސާބުން އެތަނަށް ތަކެތި އުފުއްލަނީ ކޮނޑުމަތިންނެވެ. ހަކުރުރުނބާ ފަދަ ތަކެތި ތަންޑިޔާލައިގެން ދެމީހަކު ކޮނޑު އަޅައިގެންނެވެ. އެދުވަސްވަރު އެމީހުންގެ މެދުގައި އެކުވެރިކަމާއި އެކަކު އަނެކަކަށް އެހީވުމާއި އެއްބާރުލުން އޮތުމުގެ ސަބަބުން އެއީ އުނދަގޫކަމެއް ނޫނެވެ. އެދުވަސްވަރަކީ ދަމާގާޑިޔަލާއި ޕިކަޕު ގެންގުޅުނު ދުވަސްވަރެއް ނޫނެވެ. މިރަށަށް އެންމެ ފުރަތަމަ ދަމާގާޑިޔަލެއް ގެނައީ 1919 މ. ވަނަ އަހަރުގައެވެ. އެ ގާޑިޔަލުގެ ގިނަތަންތަން ހަދާފައިވަނީ ލަކުޑިންނެވެ.

ފުވައްމުލަކު މަގެއްގެ މަތީގައި ހުރި ޖޯލިފައްޗެއްގައި ބަޔަކު އިށީނދެލައިގެން: މި ރަށު މީހުންނަކީ މަސައްކަތްތެރި މުރާލި ބައެއް --- ސަން ފޮޓޯ ފަޔާޒް މޫސާ

ދިޔަރެހިފާނޑު ހުދުގެ އަނގަމަތި، ހަތާއެޅި ބެދުނީ 1913 މ. ވަނަ އަހަރުގައެވެ. ވާރު ޢަލިދީދީ (ދޮންމަނިކާގެ ޢަލީދީދީ) ގެ ވާރުވެރި ކަމުގައެވެ. އޭނާ ރައްޔިތުން ނެރުއްވައިގެން އެތަން ކޮންނެވިއެވެ. ދުވަސްކޮޅަކުން އަނެއްކާ ބެދުނީއެވެ. ދެތިންފަހަރު ކޮންނެވުމަށްފަހު ކާމިޔާބު ނުވުމުން އެމަސައްކަތް ހުއްޓަވާލެއްވީއެވެ. އޭގެފަހުން ދުވަސްކޮޅަކުން، ހުދަށް އޮތްތަން ތިލަވަމުންގޮސް މުޅިން ހިކުނީއެވެ.

ފުވައްމުލަކުގައި މީހުން ވަޒަންވެރިވުން

ފުވައްމުލަކުގައި މީހުން އުޅެން ފެށި ތާރީޚަކާއި، އެއީ ކޮންތަނަކުން އައި ކޮން ބައެއްކަން އެނގޭނެ އެއްވެސް ލިޔުމެއްނެތެވެ. ރާއްޖޭގައި މީހުން އުޅެން ފެށުމާއި ގުޅިގެން މިރަށުގައިވެސް މީހުން އުޅެން ފަށާނެ ކަމަށް ބެލެވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި މީލާދީން 500 އަހަރު ކުރީގައި ރާއްޖޭގައި މީހުން އުޅުނު ކަމަށް ވެއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ވަޒަންވެރިވީ ކޮންތަނަކުން އައި ކޮންބައެއްކަން ތާރީޚީ ލިޔުމަކުން އެނގެން ނެތްނަމަވެސް ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ސިންގަޅައިން ކަމަށް ވަރަށް ގިނަ ގޮތްގޮތުން ފެނެއެވެ. ސިންގަޅަ ބަހާއި ދިވެހި ބަހުގެ ތިމާގެ ކަމާއި، އާދަކާދައިގެ ގޮތުންނާއި، މިކަހަލަ ކިތަންމެ ކަމަކުންނެވެ.

ރާއްޖޭގައި ވަޒަންވެރިވި ބަޔަކު ފުރަތަމަ ވަޒަންވެރިވީ ކޮން އަތޮޅެއްގައި ކޮންރަށެއްގައި ކަަމެއްވެސް އެނގޭކަށްނެތެވެ. ކޮންމެ އަތޮޅެއްގައި ވަޒަންވެރިވިޔަސް މާގިނަ އަަހަރުތަކެއްނުވެ މުޅި ރާއްޖެއަށް ފެތުރި ގިނަ ރަށްތަކެއްގައި އުޅެންފެށީއެވެ.

ފުވައްމުލަކުގައި، އެންމެ ފުރަތަމަ މީހުން އުޅުނީ ރަށުގެ ދެކޮޅުގައެވެ. ރަށުގެ މެދުތެރެ ހިކުމުން މެދުތެރޭގައި ވަޒަންވެރިވާން ފެށީއެވެ. ރަށުގެ ދެކޮޅުގައި މީހުން އުޅުނުއިރުވެސް މީހުން އުޅޭ އެކިހިސާބު ވަކިވެ އެނގޭނޭ ގޮތުން ވަކިވަކި ނަންތައް ކިޔާފައިވެއެވެ. އުތުރުކޮޅުގެ އައްޔަނާއި، ދެކުނުކޮޅުން މޫލެގަމަކީ މިހާރުވެސް ފާހަގަވާ ދެތަނެވެ.

ފުވައްމުލައް، ބަންޑާރަ ކިޅި --- ސަން ފޮޓޯ ފަޔާޒް މޫސާ

ރަށުގެ މެދުތެރޭ މީހުން އުޅެން ފެށުމަށްފަހު މުޅިރަށް، ނުވަ އަވަށަށް ބައިކޮށް ކޮންމެ އަވަށަކަށް ވަކިނަމެއް ކިޔައި އެއަވަށެއް ވަކިވެ އެނގޭގޮތަށް ވަނީ ފާހަގަކޮށްފައެވެ. އުތުރުކޮޅުން ފެށިގެން މާދަޑާ ހަމަޔަށް އެއްއަރި، ދެންހުރި އަވަށްތައް އަނެއްއަރި ކަމަށް ހަމަޖެއްސިއެވެ.

އަވަށްރަކުގެ ނަންތައް (އުތުރުކޮޅުން ފެށިގެން)

  1. ދަނޑިމަދު
  2. ދިގުވާނޑު
  3. ހޯދަޑު
  4. މާދަޑު
  5. ދަށުކުނބާ
  6. މިސްކިތްމަގު
  7. ފުނާޑު
  8. މާލެގަން
  9. ދޫޑިގަން

ދަށުކުނބާ އުވާލެވުމުގެ ކުރީގައި އެއަވަށް ހިމަނާފައިވަނީ ފުނާޑުއަރީގައެވެ.

ރަށްވެހިކަމުގެ ދުވަސްވަރުގައި ރަށުގެ ހުރަސްމަގު ހެދިއިރު ދަށުކުނބާގެ ތެރެއިން މަގުދިޔުމުން މާދަޑާ ވީފަރާތަށް ދިޔަބައި މާދަނޑަށް މިސްކިތްމަގާވީ ފަރާތަށް ދިޔަބައި މިސްކަތްމަގަށް ލައި ދަށުކުބާގެ ނަންވަނީ އުވާލެވިފައެވެ. އަވަށްތަކަށް ކިޔާފައިވާ ނަންތަކުގެ އަސްލަކީ 1. ދަނޑުމަގު، 2. ދިގުވާޑު، 3. ހޮނދަދަނޑު، 4. މެދުދަޑު، 5. މިސްކިތުމަގު، 6. ފުނަވާޑު، 7. މާލުގަން، 8. ދޫނިގަން. މިއެވެ.

މިނަންތައްވަނީ ސިންގަޅަބަހާ ގުޅިފައެވެ. ވާޑު، ހޮނދަ، މާލު، ގަން، މިއީ ސިންގަޅަބަހުން އައިސްފައިހުރި ބަސްބަހެވެ. ފުވައްމުލައް އިސްލާމްވިއިރު ރަށުގެ މެދުތެރޭގައި މީހުން އުޅެއެވެ.

ފުވައްމުލައް އިސްލާމްވުން

ފުވައްމުލައް އިސްލާމްވީ ކޮން އަހަރެއްގެ ކޮން ތާރީޚެއްގައިކަން އެނގޭކަށް ނެތެވެ. މަޣްރިބްކަރައިގެ އަބުލްބަރަކާތު އޫސުފުލްބަރްބަރީއެވެ ކިޔުނު ވަލީވެރި ބޭކަލަކު މާލެދުރުވެ ހުންނެވި ހުންނެވުމުގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ދަރުމުސްއަށް އިސްލާމްދީން ހުށަހަޅުއްވައި ދީނަށް ގޮވައިލެއްވުމުން ކީރިތިވަންތަ މާތްﷲ އެރަދުންގެ ހިތްޕުޅަށް އިސްލާމްދީނުގެ ނޫރުވައްދަވައި 1153 މ. ވަނަ އަހަރު ރަދުންނާއި ދައުލަތުގެ ކުރިއަށް ތިއްބެވި އެންމެހާ ބޭފުޅުން އިސްލާމްވެވެޑައިގެން، ރާއްޖެއަށް އިސްލާމްދީން އިޢުލާން ކުރެއްވުމާ ގުޅިގެން 1163 މ. ވަނަ އަހަރު ފުވައްމުލައް އިސްލާމްވިކަމަށް ބެލެވެއެވެ.

އައްޑުއަތޮޅު އިސްލާމްވީ ފުވައްމުލަކަށްވުރެ ކުރީގައެވެ. ފުވައްމުލަކަށް ދީނަށް ގޮވައިލެއްވުމަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑުއަތޮޅު މީދޫ ޔަޙްޔާނާއިބު ކަލޭގެފާނުގެ ޔޫސުފްނާއިބު ކަލޭގެފާނުގެ ޢަބްދުނާއިބް ކަލޭގެފާނެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތް --- ސަން ފޮޓޯ ފަޔާޒް މޫސާ

އޭނާގެ ގޮވައިލެއްވުމަށް އިޖާބަދިނީ ވަރަށް މަދު ބަޔެކެވެ. ގިނަމީހުން އެކަލޭގެފާނާ ދެކޮޅުހަދައި އެންމެފަހުން އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. ބުނެވެނީ ދިގުވާޑު ވޭރެގަމިގޭ މަގުން އެކަލޭގެފާނު ދުރުވަނިކޮށް އެމަގުކައިރީގައިހުރި ރާރުކެއްގައި މަޑަޔެއް ހިފައިގެން އެކަލޭގެފާނުގެ އިންތިޒާރުގައި އޮތްމީހަކު މަޑައިން ޖަހައި އެކަލޭގެފާނު ޝަހީދުކުރީ ކަމުގައެވެ. އެކަލޭގެފާނު ވަޅުލެވިފައިވަނީ ދިގުވާނޑު މިސްކިތު އިރުމަތީގައިހުރި ބިސްތާނުގައިވާ ޒިޔާރަތުގައެވެ. ދިގުވާޑު މިސްކިތް ބޮޑުކޮށް އަލުން ޢިމާރާތްކުރިއިރު ޢަބްދުއްނާއިބު ކަލޭގެފާނުގެ ޤަބުރު މިތަނުން ނަގައި 4 ސެޕްޓެމްބަރ 1997 މ. ގައިވަނީ އަރުއްފަންނު ޤަބުރުސްތާނުގައި ވަޅުލެވިފައެވެ.

މިރަށަށް ދީނަށް ގޮވައިލެއްވުމަށް ދެވަނަޔަށް ދުރުވީ އޫސުފްނާއިބު ކަލޭގެފާނުގެ އަނެއްދަރިކަލުން އަބޫބަކުރު ނާއިބުކަލޭގެފާނެވެ. މިކަލޭގެފާނު ދުރުވެ ހުންނެވީ މިރަށު ހޯދަޑުގައެވެ. މިކަލޭގެފާނުގެ ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށުމީހުންނެވެ. އޭގެފަހުގައި މުޅިރަށުގެ އަހްލުވެރިން އިސްލާމްދީން ޤަބޫލުކޮށްފިއެވެ.

އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށު މީހުން ކަމަށްވާތީ އެކަމުގެ ޝަރަފާއި ޤަދަރު ޒަމާނުއްސުރެ އެއަވަށަށް ވަނީ ދެވިފައެވެ.

ވެރިކަމުގެ ފަރާތުން، ދީނީގޮތުން ވިޔަސް ސިޔާސީ ގޮތުން ވިޔަސް އަވަށް އަވަށު ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރާނަމަ އެންމެ ފުރަތަމަ ބައްދަލުކުރާނީ ހޯދަޑު އަވަށު ރައްޔިތުންނާއެވެ. ގަނޑު މާލޫދު ޞަލަވާތް ކިޔައިއުޅުނު ދުވަސްވަރު އެއްއަރިން ކައްކައިގެން އަނެއް އަރިޔަށް ދައުވަތުދީގެން މައުލޫދު ކިޔާނަމަ، ހޯދަޑު ހިމެނިފައިވަނީ މާދަޑުއަރީގައި ކަމަށްވާތީ ފަށަނީ މާދަޑު އަރިންނެވެ. ހުކުރު މިސްކިތުގައި ރައްޔިތުންގެ ފަރާތުން ކިޔާ މާލޫދުތަކުގައި ދުންމުށިގަނޑު ބަހައްޓާނީ ހޯދަޑު ސަރުދާރެކެވެ.

މިރަށު ގެން މިސްކިތަކީ އަބޫބަކުރު ނާއިބު ކަލޭގެފާނު ޢިމާރާތް ކުރެއްވި މިސްކިތެވެ. މިއީ މިރަށުގައި އެންމެ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތެވެ. އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނު ލެވުނީ ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ.

ފުވައްމުލަކު އެއާރޕޯޓް: ދަތުރުފަތުުރުގެ ދަތިކަން މިހާރުަވަނީ ފިލައިގެން ގޮސްފައި --- ސަންފޮޓޯ ފަޔާޒް މޫސާ

ފުވައްމުލައް އިސްލާމްވުމަށްފަހު މިރަށުގެ އަހުލުވެރިންނަކީ ދީންމަތީ ފައިތިލަ ސާބިތުކޮށްގެން ތިބި ދީނުގެ ކަންތަކަށް ލޯބިކުރާ ޢިލްމު ހޯދުމަށް މަސަތްކަތްކުރާ ބަޔެކެވެ.

އުތީމު އައްސުލްޠާނުލް ޣާޒީ މަޙައްމަދު ތަކުރުފާނުލް އަޢުޒަމް އަދިރި އަދިރީންގެ އަތުން ރަސްކަން ހިއްޕެވުމަށްފަހު ރާއްޖޭގެ ޚަބަރު ބެއްލެވުމަށް ދެކުނަށް ކުރެއްވި ދަތުރުފުޅެއްގައި ހުވަދުއަތޮޅު ވާދުވާ ހަމަޔަށް ވަޑައިގަތުމުން ފުވައްމުލަކާއި، އައްޑުއަތޮޅުގެ މީހުން ތިބީ ދީން މަތީގައި ސާބިތުވެގެން ކަމާއި އެމީހުން އިސްލާމް ދީން ދޫނުކުރާކަން އެނގިވަޑައިގަތުމުން، އެހާތަނުން އެނބުރި މާލެ ވަޑައިގަތީ އެވެ.

އައްޝައިޚު މަޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަ ތަކުރުފާނު) އަރިހުން ދީނުގެ ޢިލްމު ކިޔެވުމަށް، އެތަންމިތަނުން ވާދޫއަށް ދިޔަމީހުންގެ ތެރޭގައި މިރަށު ދޫޑިގަމު އެދުރުކަލޭގެފާނު ހިމެނިވަޑައިގަތެވެ. ދަންނަ ތަކުރުފާނު އަރިހުން ކިޔަވަން އުޅުނު މީހުންގެ ތެރޭން އެންމެ ކުރިއަށް ނިކުމެ ވަޑައިގެންނެވުނު ބޭބޭކަލުންނަކީ، ހުވަދޫ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި ފުވައްމުލަކު ދޫޑިގަމު އެދުރު ކަލޭގެފާނާއި އައްޑޫ މީދޫ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރުތަކުރުފާނާއި ތިންކަލުންނެވެ.

ރާއްޖެ ސަލާމަތުން އޮތްހާ ހިނދަކު މުލަކުގައި ޤާރީވެރިކަން، އައްޑޫ މީދޫގައި ފިޤުހުވެރިކަން، މާލޭގައި އިސްލާމީވެރިކަން ލެހެއްޓެވުމަށް، ދަންނަ ތަކުރުފާނު ދުޢާ ކުރައްވާ ކަމުގައި ވެއެވެ. ދަންނަ ތަކުރުފާނު އެކުރެއްވި ދުޢާގެ އަސަރު އަދިއަދަށްދާން ދެން ދެމިއެބައޮތެވެ.

ދޫޑިގަމު އެދުރުކަލޭގެފާނުގެ ނަމަކީ އައްޝައިޚު އަޙުމަދުލް ޙާފިޡެވެ. ޙާފިޘު މިނަން އެކަލޭގެފާނަށް ނިސްބަތްވެފައި ވަނީ ޤުރުއާން ހިތްޕުޅު ދަސް ބޭކަލަކަށް ވާތީ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޙާފިޘު މިނަން ކިޔާފައިވަނީ ޤުރުއާން ހިތުދަސް މީހުންނަށެވެ. ދޫޑިގަމު އެދުރު ކަލޭގެފާނުން ފެށިގެން މިއަދާ ހަމައަށްވެސް ޤުރުއާން ހިތުދަސް އެކަކު ދެމީހަކު މިރަށުގައި ނެތްއިރެއްނުދެ އެވެ. ޤުރުއާނުގެ ބޮޑުބައި ހިތުދަސް މީހުންނާއި ޤާރީވެރިން ގިނަ ޢަދަދަކަށް މިރަށުގައި އުޅުއްވާފައިވެ އެވެ. އެއް ގެއެއްގެ އެއް ޢާއިލާއެއްގައި ޤުރުއާން ހިތުދަސް ސާޅީސް މީހުން ތިބިކަމަށް ބެނެ އެވެ. ޤުރުއާން ހިތުދަސް މީހުން މިހާރުވެސް އެންމެ ގިނައިން ތިބި ރަށަކީ މިރަށެވެ.

ފުވައްމުލަކު މިސްކިތެއް: ރާއްޖޭގައި އެންމެ ހާފިޒުން ގިނައީ މިރަށުގައި --- ސަން ފޮޓޯ ފަޔާޒް މޫސާ

ދޫޑިގަމު އެދުރުކަލޭގެފާނުގެ ބައްޕައަކީ ހައްދުންމަތީ ގަމު ފާނަދޮން އަބާކިރު (އަބޫބަކުރު) އެވެ. ދެވަނަ ފަހަރަށް ފުވައްމުލައް ފަޅުކޮށްފައި މީހުން ފައިބައިގެން އެކި އަތޮޅުތަކަށް ދިޔައިރު، ބައެއް މީހުން ދިޔައީ ހައްދުންމަތީ ގަމަށެވެ. އެމީހުންގެ ތެރޭގައި ފުނާޑު އެދުރުގޭ އަންހެން ކުއްޖަކުވެސްވެ އެވެ. މިކުއްޖާ ބޮޑުވެގެން އިނީ ފާނަދޮން އަބާކިރާ އެވެ. މިދެމަފިރިން ބަޔަކު މީހުން ގޮވައިގެން މުލަކަށް އައީ 1550މ. ވަނަ އަހަރު އެވެ. މުލައް ފަޅުކޮށް މީހުން ފޭބީ 1550މ. ވަނަ އަހަރުގަ އެވެ. އެމީހުން ދިޔައިރު މުލައް އޮތީ ވަރަށް ބޮޑަށް ވާވެ، ޖަންގަލިވެފަ އެވެ. ދެން އެބައިމީހުން ރަށް ކޮށައި ރަށް ޢިމާރާތްކޮށް ރަށުގައި ވަޒަންވެރިވީ އެވެ. ރަށް ކޮށުމުގައި އިސްވެ ޙަރަކާތްތެރިވީ:

  1. މުސްކުޅިކަލޭގެ
  2. ޢަލީ އަޑަފިކަލޭގެ
  3. ދޮން މުޙައްމަދުކަލޭގެ
  4. މަތިއަތި ކަލޭގެ

މި ހަތަރު މީހުންނެވެ. މި ހަތަރު މީހުން ވަޒަންވެރިވީ ރަށުގެ ހަތަރު ހިސާބުގަ އެވެ. މި ހަތަރު މީހުން ހަތަރު މިސްކިތް ބިނާކުޅައެވެ. މުސްކުޅިކަލޭގެ ވަޒަންވެރިވީ އަލްގެދަރުގައެވެ. މީނާ ބިނާކުރި މިސްކިތަށް ކިޔަނީ އަލްގެދަރު މިސްކިތެވެ. އަލީ އަޑަފިކަލޭގެ ވަޒަންވެރިވީ ކެޑޭރެގޭގަ އެވެ. މީނާ ބިނާކުރި މިސްކިތަކީ ކެޑޭރެ މިސްކިތެވެ. ދޮން މުޙައްމަދުކަލޭގެ ވަޒަންވެރިވީ ކިރިވޭދެކިޔާތަނުގަ އެވެ. އެދިމާއިން އަތިރިޔަށް ފައިބާން އޮންނަ ފަންނަށް މިހާރުވެސް ކިޔަނީ ދޮން މުޙައްމަދުކަލޭގެ ފަންނެވެ. މީނާ ބިނާކުރި މިސްކިތަކީ ހެނެއަރި މިސްކިތެވެ. މިމިސްކިތް ރަށްވެހިކަމުގެ ދުވަސްވަރުގައި ވަނީ ތަޅާލެވިފަ އެވެ. މަތިއަތިކަލޭގެ ވަޒަންވެރިވީ ބޮއިމަތީގަ އެވެ. މީނާ ބިނާކުރި މިސްކިތަށް ކިޔަނީ މަތިއަތި މިސްކިތެވެ. ފަހުން މިމިސްކިތަށް ކިޔަނީ ބޮއިމަތީ މިސްކިތެވެ. މިމިސްކިތް ބައުވެގެން މިމިސްކިތުގެ ބަދަލުގައި މި ފަހުން އިމާރާތް ކުރި މިސްކިތަށް ކިޔަނީ މަސްޖިދު ޢިޔާޘުއްދީނެވެ. މިނަން ނިސްބަތްވެފައިވަނީ މިރަށުގައި ހުންނަވައި އަވަހާރަވި އަލްމަރުޙޫމް އިބްރާހިމް ފާމުދޭރި ކިލެގެފާނުގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށެވެ.

ފާނަދޮންއަބާކިރުގެ ދެމަފިރިންގެ ދޫޑިގަމު އެދުރުކަލޭގެފާނު ނޫން ދަރިޔަކު ހުރި ކަމެއް އެނގިފައެއް ނުވެ އެވެ. އެދުރުކަލޭގެފާނުގެ އިބްރާހިމް ކިޔާ ފިރިހެން ކުއްޖަކާއި، ޙައްވާ ކިޔާ އަންހެން ކުއްޖަކާ ދެކުދިން ތިއްބެވެ. އެދެބެއިންގެ ދަރިކޮޅު އޮތްކަމެއް އެނގިފައެއްނުވެ އެވެ.

އެދުރުކަލޭގެފާނު ފަސްދާނުލެވިފައި ވަނީ، އުނަކެޑެ މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގައިވާ ޒިޔާރަތުގަ އެވެ. މިޒިޔާރަތަކީ ރާއްޖޭގެ ދެކުނުގައި މަޝަހޫރު ޒިޔާރަތެކެވެ.

ދޫޑިގަމު އެދުރުކަލޭގެފާނު، ވާދޫ ދަންނަތަކުރުފާނު އަރިހުން ޢިލްމު ހާސިލްކުރެއްވުމަށް އުޅުއްވި ދުވަސްވަރު ހިނގާދިޔަ ހާދިސާއަކާއި ގުޅިގެން ދަންނަތަކުރުފާނު ޚާއްޞަ ގޮތެއްގައި އެދުރުކަލޭގެފާނަށް ކިޔަވާދެއްވަން ފެއްޓެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ކުރު ކުޅައުމުގެގޮތުން އެވާހަކަ ނުލިޔެ ދޫކޮށްލީ އެވެ.

އައްޑުއަތޮޅުގެ ވެރިކަމުގެ ދަށުގައި ފުވައްމުލައް އޮތް ކަމުގައި ބުނާ ބުނުން

އައްޑުއަތޮޅު ހިތަދޫގައި ރާއްޖޭގެ ރަސްކަން ކުރިކަމަށް ބުނާ ބުނުމަކީ ތެދެއް ކަމުގައިވާނަމަ އެއަތޮޅުގެ ވެރިކަމުގެ ދަށުގައި މުލައް އޮތް ދުވަސްވަރަކީ އެއީ އެވެ. ރާއްޖޭގެ ތާރީޚް އެނގެން ފެށިފަހުން އައްޑު އަތޮޅުގައި ރަސްކަމެއް ނުކުރާ ކަމަށާއި، ރަސްކަމުގެ ތަޚުތު ހުންނަނީ މާލޭގައިކަން ރަނގަޅަށް އެނގެ އެވެ.

ފުވައްމުލަކު ވާރުކުރި މީހުންގެ ތެރެއިން ނަން އިނގޭ އެންމެ ފުރަތަމަ ވާރުވެރިޔަކީ ދޮންސިއްތީބޫ އެވެ. މީނާއަށް ވާރުވެރިކަން ދެއްވީ މާލެއިންނެވެ. ވާރު ދައްކަނީ މާލެއަށެވެ. އެއީ ކުޑަ މުޙައްމަދު ރަސްގެފާނުގެ ދުވަސްވަރުގަ އެވެ. މީނާއަށް ވާރު ލިބުނު ގޮތުގެ ވާހަކައަކީ އިހުގެ މީހުން ކިޔައިއުޅޭ ވާހަކައެކެވެ.

1911މ. ވަނަ އަހަރު މިރަށު ބޯހިމަނާފައިވަނީ އައްޑުއަތޮޅު ރަށެއްގެ ގޮތުގައި ކަމަށް ވެސް ބުނެ އެވެ. މިއީ މުޅިންވެސް ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. 1911މ. ވަނަ އަހަރު މިރަށުގައި ވާރުވެރިޔަކަށް ހުންނެވީ ވާރު ޢަލިދީދީ (ދޮންމަނިކާގެ ޢަލިދީދީ) އެވެ. މިޢަލިދީދީއަށް ވާރު ލިބުނީ 1904މ. ވަނަ އަހަރުގަ އެވެ. އެއީ މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމަށް އިސްކުރި އަހަރު އެވެ. މި ޢަލިދީދީ އަށް ވާރުވެރިކަން ދެއްވީ މާލެއިންނެވެ. ވާރު ދައްކަނީ މާލެ އަށެވެ. މިޢަލިދީދީގެ ކުރީގައި (1903މ. އިން 1904މ. އަށް) ވާރުވެރިކަން ކުރެއްވީ ކަރައްޔެ މުޙައްމަދުދީދީ އެވެ. މީނާގެ ކުރީގައި (1901މ. އިން 1903މ. އަށް) ވާރުވެރިކަން ކުރެއްވީ ފުނާޑު ގަނޑުވަރު އަޙްމަދުދީދީ (ހުނުބޮލިޔެދީދީގެ އަޙުމަދުދީދީ) އެވެ. މިދެބޭފުޅުންނަށް ވާރުވެރިކަން ދެއްވީ ވެސް މާލެއިންނެވެ، އެއީ ޙާޖީ ޢިމާދުއްދީނުގެ ރަސްކަމުގަ އެވެ. ވާރު ދައްކަނީ މާލެއަށެވެ.

ވީމާ 1911މ. ވަނަ އަހަރު އައްޑުއަތޮޅުގެ ވެރިކަމުގެ ދަށުގައި މިރަށް ނެތްކަމީ ކަށަވަރުވެ އެނގޭ ކަމެކެވެ.

1911މ. ވަނަ އަހަރުގެ ބޯހިމެނުމަށް އައްޑުއަތޮޅާއި މިރަށަށް އައީ އެއް ޓީމަކަށް ވުމާއެކު އައްޑުއަތޮޅު ބޯހިމެނި ލިސްޓުގައި މިރަށް ހިމަނާފައި އޮތުމަކީ އެއަތޮޅުގެ ވެރިކަމުގެ ދަށަށް މިރަށް ދިއުމެއް ނޫނެވެ.

ވިލިގިލި މާމެންދޫ، ކޮޑޭދިޔަދޫ ކިޔާ ގޮތަށް އައްޑޫ މުލައް ކިޔާ ކަންނޫން އެހެން އެއްވެސް ހެއްކެއް އައްޑުއަތޮޅުގެ ވެރިކަމުގެ ދަށުގައި މިރަށް އޮތްކަމުގައި ފެންނާކަށް ނެތެވެ. މިބާވަތުގެ ވާހަކަތައް އެއްވެސް ބެލުމެއް ބެލުމަކާއި ނުލައި މަދުބަޔަކު ނަމަވެސް ގަބޫލުކުރާކަމީ ހިތާމަހުރިކަމެކެވެ.

ފުވައްމުލައް ވަނީ ތިންފަހަރަށް ފަޅުވެފައެވެ. އައްޑުއަތޮޅު ހިތަދޫ ހަތްފަހަރަށް ފަޅުވިކަމަށާއި، ފުވައްމުލައް ވެސް ހަތްފަހަރަށް ފަޅުވިކަމަށް ހިތަދޫ މީހުން ބުނެއެވެ. ނަމަވެސް ފުވައްމުލަކުގެ ދުވަސްވެފައި ތިބި މީހުން ބުނަނީ ފުވައްމުލައް ފަޅުވީ ތިންފަހަރު ކަމަށެވެ. ފުވައްމުލައް ހަތްފަހަރު ފަޅުވި ކަމަށް މިރަށުގެ މުސްކުޅިންގެ އެކަކުވެސް ބުނެފައެއް ނުވެއެވެ. ފުވައްމުލައް އެންމެ ފުރަތަމަ ފަހަރު ފަޅުވިގޮތާ ބެހޭގޮތުން ލިބިފައިވަނީ ވަރަށް ކުޑަ މަޢުލޫމާތެކެވެ. އެއީ ތާރީޚީ ގޮތުން ކޮން ދުވަސްވަރެއްގައި ކަމެއްވެސް ނޭނގެއެވެ. ބުނެވެނީ ރަށުތެރެއަށް ފެތުރިގެންދިޔަ ގަދަ ވަބާއެއްގައި މާގިނަމީހުން މަރުވާން ފެރުމުން ދޯނިދޯނި ފަހަރަށް އަރައިގެން ރަށްދޫކޮށްފައި މީހުން ދިޔައީ ކަމުގައެވެ. ދިޔައީ ކޮންކޮން އަތޮޅު ތަކަކަށް ކަމެއްވެސް ނޭނގެ އެވެ.

މިދެންނެވި މީސްމީހުން ފުރައިގެން ދިޔައިރު އައްޔަނު ދައިތަޔަކީ ކޮންމެވެސް ސަބަބަކާ ހުރެ އެބައިމީހުންނާއެކު ނުދެވި ރަށުގައި އިން މީހެކެވެ. އެދުވަހުގެ ރޭގައި އެދައިތަ އުޅުނީ ދައިތަ އިނދެގެންއުޅޭ ރާއެރިބެ ގެނެސްފައިހުރި ރާތައް ހިންދައި ހަކުރަށް ހެދުމުގެ މަސަތްކަތުގައެވެ. ބަދިގޭގެ ދޮރާ ވަރަށް ކައިރީގައި ހުރި އުނދުނަކަށް ތަރާފަތް އުދައިގެން ތިރި ގޮނޑިއެއްގައި ހިލަހިލާ އިންދައި ހަކުރުގަނޑު ވަރުޖެހެމުން ދަނިކޮށް ބަދިގެ ދޮރުން އެތެރެއަށް ވަރަށް ބޮޑު މީހަކު ބޯ ވެއްދިތަން ފެނިފައި ދައިތަ ސިއްސައިގެންގޮސް އަތުގައި އޮތް ދަބުގެ ދެފުށުގައިހުރި ހޫނުހަކުރާއެކު ދަބުން ޖެހުނީ އައި މީހަކުގެ މޫނުގައެވެ. އެމީހަކު އައްދޮޔޯއެވެ، މަމަރައިފިޔޭ ކިޔައި ހަޅޭއްލަވަމުން ރޮމުން ހިނގައްޖެއެވެ. ފަހުން އެދައިތަ ވިސްނިގޮތުގައި އެއީ އެރަށަށް އަރައިގެން އުޅޭ ވަބާ (ރޯގާ) ގެ އަސްލުކަމުގައިވާ ފުރޭތައެވެ.

ފުވައްމުލަކު ދަޑިމަގުކުޅި: ސަން ފޮޓޯ ފަޔާޒް މޫސާ

ރަށް ދޫކޮށްފައި ދިޔަ މީހުން ދުވަސްކޮޅެއް ފަހުން ޚަބަރު ބެލިއިރު އައްޔަނު ދައިތަ ހެޔޮހާލުގައި ދުނިޔޭގައި އިންކަން އެނގި އެމީހުން އެނބުރިއައިސް ރަށުގައި ވަޒަންވެރިވީއެވެ. މިއީ މިރަށުގެ ދުވަސްވެފައިތިބި މުސްކުޅިންގެ ފަރާތުން މިވާހަކަ އިވިފައިވާ ގޮތެވެ.

ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވެފައި ވަނިކޮށް ރަށް ޢިމާރާތްކޮށް ރަށުގައި ވަޒަންވެރިވީ ހައްދުންމަތީ ގަމު ފާނަދޮން އަބާކިރާއި އޭނާގެ އެކުވެރިންނެވެ. އެވާހަކަ ކުރީގައި ވަނީ ބަޔާންކުރެވިފައެވެ.

ތިންވަނަ ފަހަރަށް ފުވައްމުލައް ފަޅުވީ 1177ހ. ވަނަ އަހަރުއެވެ. އެއީ މުލީގޭ ދޮންބަންޑާރައިން ހޮޅީން އަތުން މާލެ ސަލާމަތް ކުރެއްވި އަހަރެވެ. ގަދަ ހުމެއް (ޠާޢޫން) ރަށުތެރެއަށް ފެތުރި ގިނަ އަދަދަކަށް މީހުން މަރުވުމުން ބާކީ ތިބި މީސްކޮޅު ރަށް ދޫކޮށްފައި ދޯނިދޯނި ފަހަރުގައި އައްޑޫއަތޮޅު މީދޫއަށް ދިޔައީއެވެ. ބުނެވެނީ މީދޫ އޮޅުން ވަން ދޯނިފަހަރުގެ ތެރޭގައި ގިނަމީހުން މަރުވެފައިވާ ދޯންޏާއި ހުންގާނުގައި އިންމީހާ ނޫން އެހެން އެންމެން މަރުވެފައިވާ ދޯންޏާއި ހުސް ޤަބުރު ހުރި ދޯނިފަހަރު ހުރި ކަމުގައެވެ. ހުސްޤަބުރު ހުރީ ދޯނީގެ ހުންގާނުގައި އިންމީހާ ދޯނި އޮޅިން ވަނުމަށްފަހު މަރުވުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މަރުވެފައި ތިބި މީހުން ވަޅުލެވުނީ މީދޫ ކޯގަންނުގައި އެންމެން އެއްތަނެއްގައެވެ. އެތަނަށް ކިޔަނީ މުލަކު ކަށްބިމެވެ. އެތަނުގައި މިހާރު ވަނީ ދިވެހިރުއް ހެދިފައެވެ. ކަށްބިމެއްގެ ގޮތުގައި ވަކިކުރެވިފައެއް ނުވެއެވެ. އެގޮތަށް މަރުވެފައިވާ ބަޔަކު އެއްތަނެއްގައި ވަޅުލުމުން މަހާނަތައް ފާހަގަ ކުރެވިފައި ނެތުމާއި މަހާނަތަކުގައި ގާޖަހާފައި ނެތުމުގެ ސަބަބުން ގިނަދުވަސްވެ ތަނުގައި ވާބޮޑުވެ، ރުއް އިންދައި ކަށްބިން އުވާލެވުނީއެވެ. އެފަހަރު މުލައް ފަޅުވެފައެއް މާގިނަ ދުވަހަކު ނޯވެއެވެ.

މުލައް ފަޅުކޮށްފައި މީހުން ފޭބި ޚަބަރު މާލެ ދިޔައިރު މުލަކު މޫނުފާކު މުދިން ކަލޭގެފާނު ހުންނެވީ މާލޭގައެވެ. އޭނާޔަކީ އެދުވަސްވަރު ރާއްޖޭގައިހުރި އެންމެމޮޅު ފަންޑިތަވެރިޔާ އެވެ. މިޚަބަރު ލިބުމުން އޭނާ އައްޑޫ މީދޫއަށް ދުރުވެ އެރަށުގައި ތިބި މުލަކު މީހުން ގޮވައިގެން ދޯންޏެއްގައި މުލަކަށް ދުރުވެ ރަސްގެފަންނުން އެއްގަމަށް ފައިބައިފައި އެކަކު ދޯނި ހިފައިގެންގޮސް ތޮށިން ބޭރުގައި (ފަޅުގައި) ފަނާ ލައިފައި ދޯނި ބާއްވާފައި ކަށިމަލާއި އުނިމަލާއި ހުވަނދުމަލާ ހޯދައިގެން ރަސްގެފަންނު އަތިރިމަތީގައި ހަރުގެއެއްގައި ތިބެމާ ބަހައްޓައިގެން މޫނުފާކު މުދިން ކަލޭގެފާނު އިސްވެ އިންނަވައި އެހެންމީހުން އަތްދަށަށް ލައްވައިގެން ކިޔެވެއްޔެއް ކިޔަވަނީއެވެ. ކިޔަވައި ނިންމާފައި މާތައް ފޮށަޔަކަށް އަޅައިފައި ހުކުރު މިސްކިތު ކަނެއްގައި ބަހައްޓައިފައި ދޯންޏަށް އަރަނީއެވެ. ދޯނި މުޅިން ނުބީއްސައި ތޮށިމަތީގެ ބަޔަކާ ހަމަޔަށް ގެނެސް ބަހައްޓައި މޫދަށް ފައިބައިގެންގޮސް މީހުން ދޯންޏަށް އަރައި ދޯނި ބޭރުކުރަނީއެވެ. ދެން އެރޭ ދޯނީގައި ތިބެފައި އޭގެ އަނެއް ދުވަހުވެސް އެއްގަމަށް ފައިބައި މާމެލާމެލި ހޯދައިގެން މާބަހައަޓައިގެން ކިޔަވަނީއެވެ. ބުނެވެނީ ކިޔެވެލި ފަށައިގެން ވަކި ހިސާބަކަށް ދާއިރު އެކަކު އިތުރުވާ ކަމުގައެވެ. ކިޔަވައި ނިންމާފައި މީހުން ދޯންޏަށް އަރާއިރު އެއިތުރުވިމީހާ ގޮނޑުދޮށުގައި ހުރެފައި އަނބުރާލައިފައި ދަނީކަމުގައެވެ. އޭނާ މޫދުގައި ފައެއް ނުޖައްސައެވެ.

ތިންވަނަރޭ ކިޔަވައިފައި، ދޯނިގެނެސް ބީއްސައިފައި ދޯނީގެ ކޮޅުފަސް ކޮޅުން ތަންކޮޅެއް ފެނުން ހިއްކައި ބަހައްޓައި ކުރީ ދެދުވަހު ކިޔެވި މަލާއެކު ހުރިހާ މާތައް ދޯންޏަށް ލާފައި މުދިން ކަލޭގެފާނު ބުނުއްވިއޭ "ފަތަން ނުދަންނަ މީހުން ކުރިން ދޯންޏަށް އަރާށެވެ." މިހެން ބާރަށް ބުނެ އެކަން ފެއްޓެވުމުން އެއްކަލަމީހާ ދޯންޏަށް އަރައިފިއެވެ. ދެން ދޯނި ގެންގޮސް ރަސްގެފަންނު އޮޅުން ބޭރުކޮށްފައި ފޮނުވައިލީއެވެ. އެއީ ހުޅަނގު މޫސުންކަމުން ވަޔާއޮޔާ އެކު ގޮސް ދޯނި އޮބާލައިފިއެވެ. އެއަށްފަހު މޫނުފާކު މުދިން ކަލޭގެފާނާއި އޭނާގެ އަރިހުގައި އައިމީހުން އެރަށުގައި ވަޒަންވެރިވީއެވެ. އެއަށްފަހު ބޭރު އަތޮޅު ތަކުން މީހުން އައިސް މުލަކުގައި ވަޒަންވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މީދޫގައި މުލަކު ބަޔަކު ތިބިނަމަ އެބަޔަކުވެސް އެނބުރި އައުންވެސް އެކަށީގެންވެއެވެ.

މޫނުފާކު މުދިން ކަލޭގެފާނު ވަޒަންވެރިވީ ހޯދަޑިގޭގައެވެ. މުދިން ކަލޭގެފާނު ރަށުތެރެޔަށާއި ރަށް ވަށައިގެން ފަންޑިތަ ހައްދަވައި ދެމުރިގު މަތީގައި (ނެރެގަނޑާއި ބަޑަހަލްފަންނުގެ) ދެފަސް ބެދުނު ހިސާބުގައި (ފަންޑިތަ ހަދާފައި) ހިރިގާ އަޅުއްވައި ހައްދަވައިފައި ބުނުއްވި ކަމަށްވަނީ "ދެން މިރަށުން މީހުން ފައިބައިފިނަމަ ރަށުގައި ނުތިބެވޭނެ" ކަމުގައެވެ. މުދިން ކަލޭގެފާނު ހަތަރު ދަރިން ތިބެއެވެ. އެއީ:

  1. ހޯދަޑިގޭ ކަތީބު ކަލޭގެފާނު
  2. ހޯދަޑިގޭ ދޮންމަނިކު
  3. ވެލަބީބީ
  4. ފޫޅުމައިބީބީ އެވެ.

ހޯދަޑިގޭ ދޮންމަނިކު ވަލިދަޑި މީހަކާ ކައިވެނި ކުރައްވައިގެން ލިބުނު ވަލިދަޑި އައިމިނާ މަނިކުފާނަކީ ފުވައްމުލަކުގައި ހުންނެވި އިބްރާހިމް ފާމުދޭރި ކިލެގެފާނުގެ ދެވަނަ އަނބިކަނބަލުންނެވެ. މިކިލެގެފާނުގެ ބައްޕާފުޅަކީ އައްސުލްޠާނު މުޙައަމަދު ޢިޔާޡުއްދީން (ޙާޖީ ބަންޑާރައިން) ނެވެ.

comment ކޮމެންޓް