އަންހެނުން ގަޔަށް އިންޖެކްޝަން ޖަހަމުންދާ "އިންޖެކްޝަން މޮޔަ" ހޯދަނީ

އިންޖެކްޝަން ޖަހަމުންދާ ކަމަށް ބެލެވޭ މީހާގެ ކުރެހުމެއް ---

އިންޑިއާގެ އަންދުރާ ޕްރަދޭޝްގެ ހުޅަނގުގައި އޮންނަ ގޮދަވަރި ޑިސްޓްރިކްޓްގައި އަންހެނުން ގަޔަށް އިންޖެކްޝަން ޖަހަމުންދާ މީހަކު އެ ޑިސްޓްރިކްޓުގެ ފުލުހުން ހޯދަން ފަށައިފި އެވެ.

ގޮދަވަރީ ޑިސްޓްރިކްޓުގެ ފުލުހުން ބުނާގޮތުން، "އިންޖެކްޝަން މޮޔަ"އިގެ ނަމުން މީޑިއާތަކުން ނަންދީފައިވާ، ރުމާލަކުން މޫނު ނިވާކޮށްގެން ޕަލްސާ ސައިކަލެއްގައި އުޅޭ އެމީހާ ދަނީ އަންހެނުންގެ ގަޔަށް އިންޖެކްޝަނެއް ޖެހުމަށްފަހު ފިލަމުންނެވެ.

"މިދިޔަ މަހުގެ 22 އިން 26 އަށް ޑިސްޓްރިކްޓުގެ އެކި ޕޮލިސް ސްޓޭޝަންތަކަށް 11 އަންހެނަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ވަނީ ލިބިފަ. އެ މޮޔަ މީހާ އަންހެނުންނަށް ހަމަލާދެނީ އިންޖެކްޝަނަކުން،" ޑެޕިއުޓީ ސުޕްރިންޓެންޑެންޓު ބަޝްކަރު ބުޝަން ވިދާޅުވެފައިވެ އެވެ.

ފުލުހުން ބުނީ، އިންޖެކްޝަންގެ ސަބަބުން އެއްވެސް މީހަކަށް ބައްޔެއް ޖެހިފައިނުވާ ކަމަށެވެ. އިންޖެކްޝަން ޖެހިތަނަށް ފަރުވާ ދިނުމަށްފަހު އެންމެން ވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ފުލުހުން ދަނީ އެކަމާ ކަންބޮޑުވެ ހާސްނުވުމަށް އިލްތިމާސްކުރަމުންނެވެ.

މީގެ އިތުރުން ހަމަލާދިނުމުގައި ބޭނުންކުރި އިންޖެކްޝަން ކައްޓެއް ހޯދައި ހެދި ތަހުގީގުން ވެސް އެއްވެސް ކަހަލަ ބޭހެއް، ވިހައެއް އަދި ނުރައްކާތެރި ބާވަތެއް އެކަށިން ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ހޯދުމަށްޓަކައި، ކަށިން ހަމަލާދިން މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާއާ ވައްތަރު ކުރެހުމެއް ފުލުހުން އާއްމުކޮށްފައިވާއިރު، އޭނާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް އެއްލައްކަ ރުޕީސްގެ އިނާމެއް ވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ސީސީޓީވީ ފޫޓޭޖުތައް ބަލަމުންދާއިރު، ގާތްގަނޑަކަށް 400 ފުލުހުން ދަނީ އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު: އިންޑިއާ ޓުޑޭ އަދި އިންޑިއާގެ ބައެއް ނޫސްތައް

comment ކޮމެންޓް