ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރުމަށް ނިންމީ އެ ކޯޓުން ނެރުނު ސާކިއުލާއަކުން-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރަނީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ މައްޗަށް ރިޢާޔަތްކޮށް ކަމަށެވެ.

"....ބެންޗާއި ބާރ އާއި ޤާނޫނު އަދި ޝަރީޢަތުގެ ޢިލްމު ދިނުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރެވޭ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކަނޑައަޅައިފީމެވެ،" ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވެއެވެ.

އެ ސާކިއުލާގައިވާ ގޮތުން އެ އެކަޑަމީގައި ކިޔަވައިދެއްވާނެ ބޭފުޅުން ވެސް ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ.

އެ ސާކިއުލާއާއެކު ސުޕްރީމް ކޯޓުން ވަނީ ޖުޑީޝަލް އެކަޑަމީގެ ގަވާއިދު ވެސް ނެރެފައެވެ.

އެ ގަވާއުދުގައިވާ ގޮތުން ޖުޑީޝަލް އެކަޑަމީ އެކުލެވިގެން ވަނީ އިޝްތިޝާރީ މަޖިލީހެއްގެ މައްޗަށެވެ. އެގޮތުން އެ މަޖިލީހުގެ ޗެއާމަނަކީ އުއްތަމަ ފަނޑިޔާރު ކަމަށާއި ވައިސް ޗެއާމަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށް އެ ގަވާއިދުގައި ވެއެވެ.

ދެން އެ މަޖިލީހުގައި ހިމެނިވަޑައި ގަންނަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި ޗާންސެލަރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުން އައްޔަން ކުރާ ފަނޑިޔާރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގައި ޝަރީއަތާއި ގާނޫނުގެ ރޮނގުން ތައުލީމް ދިނުމުގައި ފާހަގަ ކުރެވޭ އުސްތާޒެކެވެ.

comment ކޮމެންޓް