އާޓިފިޝަލް ބީޗުގައި އާންމު ފާހާނާތަކެއް ހެދުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕަބްލިކު ޝަވަރ އޭރިއާއެއް ހެދުމަށް މާލޭ ވޯޓާ އެންޑު ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑް (އެމްޑަބުލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފީންގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ފަޒުލް ރަޝީދު އެވެ. ހައުސިން މިނިސްޓުރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗަކީ ގިނަ އަދަދެއްގެ ބަޔަކު އެތަނެއް ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި އެގޮތުން އެތަން ބޭނުން ކުރާ އާންމު ރައްޔިތުންނަށް ފެންވެރުން ފަދަ ކަންކަން ހުންނަންޖެހޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ހައުސިން މިނިސްޓްރީން] މިފަހަރު މިކަން ކުރާއިރުގައި ބައެއް މުހިއްމު ފެސިލިޓީސްތައް އެބަ ހިމަނަން. އެގޮތުން މަދަރ ކެއަރ ރޫމެއް ވެސް އެބަ ހިމަނަން. އަދި ވަކިން ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ވޮޝް ރޫމެއް ވެސް އެބަ ހިމަނަން. އަދި އަންހެން ފިރިހެން ވަކިން ދެ ޗޭންޖިން ރޫމު ވެސް އެބަ ހިމަނަން. ލޮކާ ރޫމުތައް ހިމެނޭ ގޮތަށް އަދި އޯޕަން އަދި ކްލޯޒް ޝަވަ އޭރިއާ ހިމެނޭ ގޮތަށް މިކަން ކުރިއަށް މި ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މާލެ އިރުމަތި ފަރާތުގެ އާޓިފިޝަލް ބީޗު ސަރަހައްދުގެ ކުރެހުމެއް: ސަން ފޮޓޯ/ އަލީ ނަސީރު

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި އާޓިފިޝަލް ބީޗުގައި މީހުން އިށީނުމަށް ހަދާފައިވާ ގޮނޑިތައް ރަނގަޅު ފެންވަރެއްގައި ހެދި އެ ސަރަހައްދުގައި ލައިޓުތައް ހަރުކުރުން ވެސް ހިމެނިގެންދާނެ ކަމަށެވެ.

"ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލު ވިދާޅުވީ، އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތަށް އެއްވެސް އަގެއް ކަނޑައަޅާފައި ނުވާ ނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ސީއެސްއާރު ކޮމްޕޯނަންޓު ދަށުން ކުރާ މަސައްކަތެއް. ސަރުކާރުން އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ކުރައްވާ މިފަދަ ބޮޑެތި މަޝްރޫއުތަކަށް އެހީތެރިވެދިނުމުގެ މައިގަނޑު މަގުސަދުގައި ސީއެސްއާރުގެ ޕްރޮޖެކްޓުތައް އަޅުގަނޑުމެން ރަން ކުރަން މި ފެށީ ކުރިއަށް އޮތް ތާނގައިވެސް މިފަދަ މަސައްކަތް އިތުރު ކުރުމުގެ އަމާޒުގައި،" ފަޒުލު ވިދާޅުވި އެވެ.

މާލޭ އިރުމަތި ފަރާތުގެ އާޓިފިޝަލް ބީޗު ސަރަހައްދު އަޕްގުރޭޑު ކުރުމުގެ މަސައްކަތް އެމްޑަބުލިއުއެސްސީއަށް މިއަދު ހަވާލުކޮށްފައިވާއިރު މާލެ ހުޅަނގު ފަރާތުގައި ވެސް އާޓިފިޝަލް ބީޗެއް ހެދުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި އެ މަސައްކަތް ކުރުމަށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް