މަޑުއްވަރީ ބަނދަރު ހެދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލައިފި

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ސަން ފައިލް ފޮޓޯ

ރ. މަޑުއްވަރީ ބަނދަރު ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަޑުއްވަރީ ބަނދަރު ހެދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލައިފައި ވަނީ ބިޑް ހުށަހެޅި ފަރާތްތައް އިވެލުއޭޝަނުން ފާސްވެފައި ނުވާތީ ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ހާއްސަ ގްރޭޑްތަކަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓުރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ފައިސާ ބަލައިގަންނާނީ މާދަމައިން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް ކަމަށް ވެސް ފިނޭންސް މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތުގެ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 100،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ 13:00 ގައި ކަމަށެވެ.

comment ކޮމެންޓް