ކޯޓު ކޮމްޕްލެކްސް އެޅުމަށް މާފަންނު މަދަރުސާ ކައިރީ އޮންނަ ހުސްބިން ވަނީ ހަމަޖެހިފައި: ޑީޖޭއޭ

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ކޯޓު ކޮމްޕްލެކްސް ވީ އެންމެ އުސްމިނަކަށް އެޅުމަށް ނިންމާފައިވާ ކަމަށް: ސަން ފައިލް ފޮޓޯ

ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާފަންނު މަދަރުސާއާއި އެސްޓީއޯ އާ ދެމެދު އޮންނަ 345 ނަންބަރު ކޮށީގައި ކޯޓު ކޮމްޕެލެކްސްއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން ދީފާއިވާ އެ ބިމުގައި ކޯޓު ކޮމްޕްލެކްސް އަޅާނެ ކަމަށެވެ. އަދި ކޯޓު ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ސަރުކާރުން ހަމަޖައްސައިދިން ފައިސާގެ އަދަދެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ކޯޓު ކޮމްޕްލެކްސް އިމާރާތްކުރާނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކަށް ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައި ވެއެވެ.

ޝަރުއީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކޯޓު ކޮމްޕްލެކްސްއެއް އެޅުމަކީ އެ ދާއިރާގެ ތަސައްވުރެއްކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސުޕީރިއާ ކޯޓުތައް ހިންގުމަށް ޕޮލިސް ކަސްޓޯޑިއަލްގެ އިރުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްޓީއޯގެ ގުދަން ހުރި ބިމުގައި އަޅަން ނިންމި 14 ބުރީގެ އިމާރާތް ނާޅަން ނިންމާފައިވާ ކަމަށް ޖުޑިޝަރީގެ އޮފިޝަލަކު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ސުޕީރިއާ ކޯޓުތައް ހިންގުމަށް 14 ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ހުންނެވި ދުވަސްވަރު އެވެ. އެއިރު ވަނީ އެ އިމާރާތް ޑިޒައިން ކުރުމަށް ވެސް ބަޔަކާ ހަވާލުކޮށްފައެވެ.

ސާދަ ބުރީގެ އިމާތް އެޅުމަށްޓަކައި އެސްޓީއޯގެ ގުދަން ހުސްކޮށް ޑީޖޭއޭ އާ ހަވާލު ކުރުމުން އެ ގުދަން އެއްކޮށް ރޫޅާލައި އިމާރާތް ކުރުމަށް ކޮންމެވެސް ވަރަކަށް އެތަން ތައްޔާރުކުރި އެވެ. ނަމަވެސް މިހާރު އެތަނުގައި އަލުން ވަނީ ގުދަނެއް ވެސް ހަދާފައެވެ. އެ ބިމުގެ ބޮޑުމިނަކީ 1900 އަކަފޫޓެވެ.

comment ކޮމެންޓް