މައުމޫނަށް ހާޒިރު ނުވެވޭތީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ކެންސަލްކޮށްފި

ޕީޕީއެމް ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން-- ފައިލް ފޮޓޯ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހާޒިރު ނުވެވިގެން އެ ޕާޓީން މިރޭ ބާއްވަން ނިންމި ކައުންސިލު ބައްދަލުވުން ކެންސަލްކޮށްފި އެވެ.

ޕީޕީއެމުން ކައުންސިލު ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ ރައީސް މައުމޫނަށް ޕާޓީގެ ރައީސް ކަމުގެ މަގާމު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އުމުރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށް ބުނެފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެންމެ މަތީ އުމަރަކީ އެއީ ކަމަށް ކަނޑައަޅަންޖެހ ކަމަށެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކަރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް "ސަން"އަށް މިރޭ ވިދާޅުވީ މިރޭ ބާއްވަން ތާވަލު ކުރި ކައުންސިލު ބައްދަލުވުން ކެންސަލު ކުރީ ރައީސް މައުމޫނު ދަތުރުފުޅެއްގައި ރަށުން ބޭރުގައި ހުއްނެވުމާ ގުޅިގެން ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ރައީސް މައުމޫނަށް މާލެ އާދެވޭ ގޮތް ނުވީ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

މެންބަރު އާޒިމް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އެ އިސްލާހު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުމުގައި އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކު ހުންނެވި ކަމަށްވާ ނަމަ އެ ބޭފުޅެއް އެ މަގާމުން ވަކިވާނެ ކަމަށެވެ.

އެގޮތަށް އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭނެ އެވެ. ރައީސް މައުމޫނުގެ އުމުރުފުޅަކީ 77 އެވެ.

ގާނޫނު އަސާސީއަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ އުމުރަކީ ވެސް 65 އަހަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އާޒިމް ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނަށް އެފަދަ އިސްލާހެއް އޭނާ ހުށަހެޅުއްވީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއި ސިޔާސީ ޕާޓީތަކުގެ ގާނޫނު އެއްގޮތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް