ސީރިއާއަށް ދެ ދަރިން ގޮވައިގެން ދިޔަ މައްސަލަ ފުލުހުން ބަލަން ފަށައިފި

ސީރިއާގެ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހަނގުރާމަވެރިންތަކެއް -- ފައިލް ފޮޓޯ

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ށ. ފޯކައިދޫގެ ދެމަފިރިއަކު ދެ ދަރިން ގޮވައިގެން ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދެ ދަރިން ގޮވައިގެން މިދިޔަ ހަފުތާގައި ރާއްޖެއިން ފުރާފައި ވަނީ ފޯކައިދޫ މުހައްމަދު ސޯދިގު، 28، އާއި އޭނާގެ އަންހެނުން އާމިނަތު ޖީލާން، 27، އެވެ. އެ ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކަށް ހަ އަހަރު ފުރިފައިވާއިރު ހަގު ކުއްޖާއަށް އަދި ދެ އަހަރު ވެސް ނުވެ އެވެ.

"ސަން" އާ ވާހަކަދައްކަވަމުން ފޯކައިދޫ ކައުންސިލުގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ދެމަފިރިން ރާއްޖެއިން ލަންކާއަށް ދިއުމަށް މިދިޔަ ބުރާސްފަތި ދުވަހު ފުރާފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ލަންކާއަށް ދެމަފިރިން އެތެރެ ނުވާ ކަމަށެވެ.

"ލަންކާއިން ބޭރުވެފައި ވަނީ ކޮން ގައުމަކަށްކަން އަޅުގަނޑުމެންނަކަށް [ކައުންސިލަށް] ވެސް އަދި ސާފެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ، އެދެމީހުން މާލެއަށް ބަދަލުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަމަށާއި މާލެ ބަދަލުވީ ދަރިންނަށް ކިޔަވައިދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، އަންހެން ކުއްޖާގެ މަންމަ މިދިޔަ ބުރާސްފަތި ދުވަހު ގުޅި ކަމަށާއި އަދި ފޯނު ހަލާކުވެގެން އުޅޭ ކަމުގެ ވާހަކަ ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، "ދެން ނުގުޅޭނެ ކަމަށް އަންހެން ކުއްޖާގެ މަންމަ ގާތު އެކުއްޖާ ބުނި" ކަމަށެވެ.

"އޭގެފަހަކުން ހަބަރެއް ނުވޭ. އާއިލާއިން ވަރަށް މަސައްކަތް ކުރި ގުޅަން. އެކަމަކު ވެސް ގުޅޭ ގޮތެއް ނުވޭ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާއަށް ދާން އެދެމަފިރިން ވަނީ ފުރައިފައެވެ. އަދި ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު އެދެމީހުން ވަނީ ބެންކޮކަށް އެތެރެވެފައެވެ.

އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ވަނީ އަންނަ މަހު ހަތެއްގައި އެނބުރި ރާއްޖެއައުމަށް ޓިކެޓު ވެސް ނަގައިފައެވެ.

ކީރިތި ރަސޫލާގެ ހަދީސްތަކާއި އިސްލާމީ އިލްމުވެރިންގެ ބަސްތަކަށް ރިއާޔަތްކުރައްވައި އިސްލާމީ ފިގުހު އެކަޑަމީން ދާދިފަހުން ނެރުނު ފަތުވާއެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތަށް ބަލާއިރު އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ހަނގުރާމައަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް ސީޕީ އޭރު ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް