ފިލިޕީންސްގައި ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗް އެއްވަރު ވެއްޖެ

ޕިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމުގައިވާ ސްޓޭލިއަން އެފްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗްގެ ތެރެއިން --- ފޮޓޯ އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމް ފިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމުގައިވާ ސްޓޭލިއޯން އެފްސީއާ ދެކޮޅަށް ކުޅުނު މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ގައުމީ ޓީމް ފިލިޕީންސްގައި މިހާރު ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގައި އެގައުމުގެ ވެރިރަށް މެނީލާގައި މިއަދު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ދިވެހި ޓީމުންނެވެ.

އެގޮތުން މެޗްގެ 33 ވަނަ ވަނަ މިނެޓްގައި އަކުރަމް ޢަބްދުލް ޣަނީ (އަކޫ) ޖެހި ހިލޭ ޖެހުމަކުން ތަނަވަސްވި ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން ރާއްޖެއަށް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޢުމޭރުއެވެ.

ޕިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމުގައިވާ ސްޓޭލިއަން އެފްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗްގައި ލަނޑު ޖެހުމަށްފަހު އުމޭރު އުފާކުރަނީ --- ފޮޓޯ/ އެފްއޭއެމް

މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު އެހެން ފުރުސަތެއްވެސް އުމޭރުއަށް ލިބިގެންދިޔައެވެ.

ސްޓޭލިއޯނުން ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 53 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

އެ ޕެނަލްޓީއަކި ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މެޗްގެ ކެޕްޓަންކަން ހުރި ވައިސްކެޕްޓަން މުހައްމަދު ޢާރިފް (ބަކާ) ގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.

އެލަނޑު ކާމިޔަބުކުރިތާ ހަ މިނެޓްފަހުން ސްޓޭލިއޯންއިން ވަނީ ލީޑް ނަގާފައެވެ.

ޕިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމުގައިވާ ސްޓޭލިއަން އެފްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗަށް ނިކުތް ގައުމީ ޓީމްގެ ފުރަތަމަ އެގާރަ --- ފޮޓޯ/ އެފްއޭއެމް

މެޗްގައި ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހްމަދު އިމާޒު (އާއްކޮ) އެވެ.

އާއްކޮ އެލަނޑު ކާމިޔާބު ކުރީ މެޗްގެ 75 ވަނަ މިނެޓްގައި މުޙައްމަދު އުމޭރު ހުރަސްކުރި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ޕިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމުގައިވާ ސްޓޭލިއަން އެފްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗްގައި ލަނޑު ޖެހުމަށްފަހު އާއްކޮ އުފާކުރަނީ --- ފޮޓޯ/ އެފްއޭއެމް

މިދަތުރުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ފިލިޕީންސްގެ ގައުމީ ޓީމާ ދެކޮޅަށެވެ.

comment ކޮމެންޓް