އަންހެނުން ބާރުވެރިކުުރުމުގެ ބާރު އޮތީ ތައުލީމީ އަންހެނުންނަށް: ދުންޔާ

'ވޯލްޑް އެސެމްބްލީ އޮފް ވިމެން' ގައި އޮތް ޕެނަލް ޑިސްކަޝަނެއްގައި ފޮރިން މިނިސްޓަރު ދުންޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

އަންހެނުން ބާރުވެރިކުުރުމުގެ ބާރު އޮތީ ތައުލީމީ އަންހެނުންނަށް ކަަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޖަޕާނުގައި ކުރިއަށްދާ 'ވޯލްޑް އެސެމްބްލީ އޮފް ވިމެން' ގައި އޮތް ޕެނަލް ޑިސްކަޝަނެއްގައި އަންހެންކުދިންގެ ތައުލީމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުން ކުރިއެރުވުމުގައި ރާއްޖޭން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

"އަންހެންކުއްޖެއް ބާރިވެރިކުރުވަން ކުރެވޭނެ އެއްމެ މުހިންމު ކަމަކީ ތައުލީމް ދިނުން. އޭރުން އަންހެންކުއްޖާ އަށް އިންސާނާގެ ސިކުނޑީގެ ކުޅަދާނަކަން ދެއްކޭނީ އަދި ގައުމީތަރައްގީ ކުރުމުގައި އޭނާގެ ހިއްސާދެވޭނީ،" ދުންޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަލާއިރު ޑިގްރީ ހާސިލްކުރާ އަންހެނުން ފިރިހެނުންނަށް ވުރެ ގިނަ ކަމަށާއި ޕްރައިމަރީ އަދި ސެކަންޑަރީ ގްރޭޑްތަކައި ވެސް ފިރިހެންކުދިންނަށް ވުރެ ބޮޑު ކާމިޔާބީއެއް އަންހެންކުދިން ހޯދަމުންދާ ކަަމަށް ދުންޔާ ވިދާޅުވިއެވެ.

އަންހެނުންގެ ކުރިއެރުމަށް ރާއްޖޭން ޒަމާނުއްސުރެ ކުރާ މަސައްކަތް ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އަންހެންނާ ދެކޮޅަށް ހުރި ހުރިހާ ތާފާތުކުރުންތައް ނަންތާލަން ގޮވާލާ މުއާހަދާ ސީޑޯ ގައި 1993 ވަނަ އަހަރު ރާއްޖޭން ބައިވެރިވެފައިވާކަމަށެވެ. އަދި 2008 ވަނަ އަހަރު ތަސްދީގުކުރި އާ ގާނޫނުއަސާސީން ޖީންސީހަމަހަމަކަން ވަރަށް ބޮޑަށް ލިބިދީފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ޖިންސީ އަނިޔާކުުރުންތައް ނައްތާލުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ވެސް ރާއްޖޭން މަސައްކަތްކުރަމުންދާ ކަަމަށް ދުންޔާ ވިދާޅުވިއެވެ.

އާއިލާޒިންމާތައް ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހުމަކީ އެމީހުންގެ ތައުލީމާއި ވަޒީފާގެ ކުރިއެރުމަށް އޮތް ގޮންޖެހުމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އިޖްތިމާއީ ދީނީ އަދި ސަގާފީ ބައެއް ވިސްނުންތަކުގެ ސަބަބުން އަންހެނުންގެ ކުރިއެރުމަށް ހުރަސްތަކެއް ހުރިކަމަަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖިންސީ ތަފާތުކުރުންތަކާއި އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރައްވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް