އޭޑީކޭގެ ބްލަޑް ބޭންކްގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި

މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބްލަޑް ބޭންކް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރަށް ހަނދާނީ ފިލައެއް އަރުވަނީ --- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ހޮސްޕިޓަލުގެ ތެރެއިން ފަސޭހަ ގޮތުގައި ލޭ ހޯދުމަށްޓަކައި ބްލަޑް ޑޮނޭޓިން ކޭމްޕަކާއެކު އޭޑީކޭގައި ބްލަޑް ބޭންކްގެ ޚިދުމަތް ރަސްމީކޮށް ތައާރަފު ކޮށްފިއެވެ.

ބްލަޑް ބޭންކެއް ރަސްމީކޮށް މިއަދު ހުޅުވާފައިވާއިރު އެކަމާ ގުޅޭގޮތުން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށެވެ. އެ ކޭމްޕްގެ ދަށުން އޭޑީކޭގެ މުވައްޒަފުންގެ އިތުރުން މީޑިއާ ނެޓުގެ ގިނަ މުވައްޒަފުން ވެސް ވަނީ ބްލަޑް ބޭންކަށް ލޭ ހަދިޔާ ކޮށްފައެވެ.

މީޑިއާ ނެޓުގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު ސިމާނާ އިސްމާއިލް ވިދާޅުވީ މީޑިއާ ނެޓުން މިއަދު ލޭ ހަދިޔާ ކުރުމަށް ނިންމާފައިވަނީ އެކުންފުންޏަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ކަމަށެވެ.

އެ ކޭމްޕުގައި މީޑިއާ ނެޓުގެ 40 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ސިމާނާ ވިދާޅުވިއެވެ.

ބްލަޑް ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑިކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ ވީހާވެސް ގިނަ އަދަދަކަށް މީހުން ލޭ ހަދިޔާ ކުރުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބޮޑަށް ބޭނުންވަނީ ދާއިމީ ގޮތުގައި ލޭ ހަދިޔާ ކުރާނެ ބަޔަކު ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އައްފާލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އަފްއާލު ވިދާޅުވީ އަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް އޭޑީކޭއިން ވަގުތީ ކާޑެއް ދޭނެކަމަށެވެ. އެކާޑު ދާއިމީ ކުރުމަށްޓަަކައި އެއް އަހަރުގެ ތެރޭގައި ދެ ފަހަރު ލޭ ހަދިޔާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާޑު ދާއިމީ ކުރުމުން އެ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދައްކައިގެން 20،000 ރުފިޔާއަށްވުރެ މަތިން ބިލަށް އަރައިފިނަމަ 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮންމެ އަހަރަކު އެ ކާޑު ވެލިޑިޓީ ބެހެއްޓުމަށް ދެ ފަހަރު ލޭ ހަދިޔާ ކުރަން ޖެހޭނެ ކަމަށް އަފްއާލު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރައްކާތެރިގޮތެއްގައި ލޭ ރައްކާ ކޮށްފައި ބެެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެެވެ. އެގޮތުން އެ ތަކެތި ރައްކާ ކުރުމުގައި އެއް ފެންވަރެއްގައި ރަނގަޅު ކޮލިޓީއެއް ހިފެހެއްޓިފައި ހުންނަން ޖެހޭ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

comment ކޮމެންޓް