ރ. މީދޫއަށް 400 ކިލޯވޮޓްގެ ޖަނެރޭޓަރެއް ފޮނުވައިފި

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނިމާލް ރ. މީދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަނީ -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ރ. މީދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވޮޓްގެ ޖަނެރޭޓަރެއް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ރަށު އިންޖީނުގެ އާއި ރަސްމީ ގޮތުން ހަވާލުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އަންނަ އަންގާރަ ދުވަހު އެ އިންޖީނުގެ އާއި ރަަސްމީކޮށް ހަވާލުވާނެ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

އެގޮތުން އިންޖީނު ފެނަކަ އާއި ހަވާލުކުރުމުގެ ގޮތުން މީދޫ ކައުންސިލާއި ފެނަކަ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މީދޫގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންވެއްޖެ. ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އަތޮޅުތެރޭގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅު ތެރޭގައި ފަށާފައި،" ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.

ރ. މީދޫ އިންޖީނުގެ ފެނަކަ އާއި ހަވާލުކުރުމަށް މި އަހަރުގެ ޖެނުއަރީ މަހު ނިންމާފައި ވަނީ އެ ރަށު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނެވެ. އެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 350 މީހުން ވޯޓުދީފައި ވަނީ ސަރުކާރުގެ ގާބިލް ފަރާތަކާ އިންޖީނުގެ ހަވާލުކުރުމަށް ކަމަށެވެ. އަދި ސަރުކާރާ އިންޖީނުގެ ހަވާލުކުރަން ނުފެންނަ ކަމަށް 17 މީހަކު ވޯޓު ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރ. މީދޫ އިންޖީނުގެ ފެނަކަ އާއި ހަވާލުކުރަންފެނޭތޯ ބަލަން އެ ރަށުގައި ނެގި ވޯޓް -- ސަން ފައިލް ފޮޓޯ.
މިހާތަނަށް މީދޫ އިންޖީނުގެ ހިންގަމުން އައީ އެރަށު ކައުންސިލުންނެވެ.

އިންޖީނުގެ ސަރުކާރާ ހަވާލުކުރަން ފެނޭތޯ ވޯޓެއް ނެގީ ކޮންމެ މަހަކު ވެސް އިންޖީނުގެއަށް މާލީގޮތުން އެތަކެއް ގެއްލުންވަމުންދާތީ އާއި އިންޖީނުތައް މަރާމާތު ކުރެވޭނެ ގޮތެއް ނެތްއިރު ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާތީ، ރައްޔިތުން އެގޮތަށް ކައުންސިލްގައި އެދުމުންނެވެ.

comment ކޮމެންޓް