ތިން ވަނަ "ވޭލް ޝާކް ފެސްޓިވަލް" މާމިގިލީގައި ބާއްވައިފި

މިއަދު ކުރިއަށްދިޔަ ފެސްޓިވަލްގެ ތެރެއިން--- ފޮޓޯ: ކާޓްމޭން އައްޔަ/ އިންޓަގްރާމް

ފެހުރިހި ހިމާޔަތްކޮށް އެތަކެތި އާލާ ކުރުމަށް މަސައްކަތް ކުރުމަށް ޓަކައި ބާއްވާ ތިން ވަނަ އަހަރީ "ވޭލް ޝާކް ފެސްޓިވަލް" އދ. މާމިގިލީގައި ބާއްވައިފި އެވެ.

ވޭލް ޝާކް ފެސްޓިވަލް ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ ދިއްދޫގަ އެވެ. ނަމަވެސް އެ ފެސްޓިވަލް މާމިގިއްޔަށް ބަދަލު ކުރީ މާމިގިއްޔަކީ ބޮޑު ރަށަކަށް ވެފައި ދަތުރުފަތުރު ކުރުމަށް ފަސޭހަ ރަށަކަށް ވުމުންނެވެ.

މިއަހަރުގެ ވޭލް ޝާކް ފެސްޓްގައި ޖުމްލަ ހަތް ރަށަކުން ވަނީ ބައިވެރި ވެފަ އެވެ. އެގޮތުން އެ ފެސްޓިވަލްގައި މާމިގިލީގެ އިތުރުން މި އަހަރު ބައިވެރިވެފައި ވަނީ އެ އަތޮޅު ފެންފުއްޓާއި ދިގުރަށާއި މަހިބަދޫ އާއި ދިއްދޫ އާއި މަންދޫ އަދި ދަނގެއްޗެވެ.

A photo posted by Cartman Ayya (@cartmanayya) on

ފެހުރިހީގެ އާބާދީ ރައްކާކޮށް ހިމާޔާތް ކުރުމަށް އާންމުން ހޭލުންތެރި ކުރުމަށް ކޮންމެ އަހަރަކު ބާއްވާ އެ ފެސްޓިވަލްގައި މި އަހަރު ވަނީ ހާއްސަ ހަރަކާތެއް ތައާރަފުކޮށްފަ އެވެ. "ސައިންސް ފެސްޓް"ގެ ނަމުގައި ތައާރަފުކޮށްފައިވާ އެ ހަރަކާތަކީ މޫދު މާކަނޑު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ އެ ފަރާތްތަކުގެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރުމަށް ތައާރަފު ކުރި ހަރަކާތެކެވެ.

ސައިންސް ފެސްޓް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އދ. ދިގުރަށުގަ އެވެ.

މިއަދުގެ ފެސްޓިވަލްގައި ތިމާވެއްޓާއި ފެހުރިހީގެ އާބާދީ ހިމާޔަތް ކުރުމާ ބެހޭގޮތުން އެކި ހަރަކާތްތަކެއް ބާއްވައި ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިވެހި ރާއްޖޭގެ ސަގާފީ އަދި ފަންނީ ހުނަރުވެރިކަން ދައްކުވައިދޭ އެކި ހަރަކާތްތައް ވެސް އެ ފެސްޓިވަލްގައި ވަނީ ދައްކާލާފައެވެ. އެގޮތުން ވޭލް ޝާކް ފެސްޓިވަލް، ކަލަންޑަރުގެ ހަރަކާތެއްގެ ގޮތުގައި މިއަދުގެ ފެސްޓިވަލްގައި ވަނީ ހިމަނާފައެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ވޭލް ޝާކް ފެސްޓިވަލް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެންފުށީގައެވެ.

ވޭލް ޝާކް ފެސްޓިވަލް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2013 ވަނަ އަހަރު ދިގުރަށުގަ އެވެ. މިދިޔަ އަހަރު އެ ފެސްޓިވަލް ބާއްވާފައި ވަނީ ދަގެނތީގަ އެވެ.

މިއަދުގެ ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް