ތިން ނޫސްވެރިއެއްގެ މައްޗަށް މިސުރު ކޯޓުން އިއްވި ހުކުމް އެމްނެސްޓީ އިން ކުށްވެރިކޮށްފި

އަލްޖަޒީރާގެ ތިން ނޫސްވެރިން

އަލްޖަޒީރާ އިންގްލިޝް ޗެނެލްގެ ތިން ނޫސްވެރިއެއްގެ މައްޗަށް މިސުރު ކޯޓުން މިއަދު ކުރި ތިން އަހަރުގެ ޖަލު ހުކުމް އެމްނެސްޓީ އިންޓަނޭޝަނަލް އިން ކުށްވެރިކޮށްފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހުކުމަކީ ނޫސްވެރިކަމުގެ އަޑު މިސުރުން ކަނޑުވާލައި ނޫސްވެރިކަން މަރާލުމަށް ކުރި ހުކުމެއް ކަމަށެވެ.

ކައިރޯ ކޯޓުން މިއަދު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ، ކެނެޑާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ފަހުމީ އާއި އޮސްޓްރޭލިއަން ޖާނަލިސްޓް، ޕީޓާ ގްރެސެޓް އާއި މިސުރުގެ ޕްރެޑިއުސަރު ބަހާރު މުހައްމަދުގެ މައްޗަށެވެ.

ބަހާރު މުހައްމަދުގެ މައްޗަށް ވަނީ އިތުރު ހަ މަހުގެ ހުކުމެއް އައިސްފަ އެވެ. އެއީ އޭނާގެ އަތުން ވަޒަނެއް ފެނުނު މައްސަލައަކާ ގުޅިގެންނެވެ.

ޕީޓާ ގްރެސެޓް، އޭނާގެ ގައުމަށް ކުރިން ފޮނުވާލާފައި ވިއަސް، އޭނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވެސް ޖަލު ހުކުމް ވަނީކޮށްފަ އެވެ. އަނެއް ދެ ނޫސްވެރިންގެ މައްޗަށް ޖަލަށް ލުމަށް ހުކުމް ކުރީ އެ މީހުންގެ ހާޒިރުގަ އެވެ.

އެމްނެސްޓީ އިން ބުނީ އެ މީހުންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް ވަގުތުން އެ މީހުން މިނަވަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ބުނީ މުހައްމަދު ފަހުމީ އާއި ބަހާރު މުހައްމަދަށް އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކަމާ އެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ކެނެޑާގެ ނޫސްވެރިޔާގެ އަންހެނުން، ހުކުން އިއްވުމުން ރޮނީ

އެ ތިން ނޫސްވެރިން ވެސް ހައްޔަރު ކުރީ، ދޮގު މައުލޫމާތު ފެތުރިކަމަށް ބުނެ، ޑިސެމްބަރު 2013 ގަ އެވެ.

މިއީ އެ މީހުންގެ މައްޗަށް ޝަރީއަތް ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެ މީހުން 400 ދުވަހު ޖަލު ތިބުމަށް ފަހު، އެ މައްސަލަ އިސްތިއުނާފު ކުރި އެވެ. އަދި އޮސްޓްރޭލިއަން ޖާނަލިސްޓް ޑީޕޯޓްކޮށްލި އެވެ. އަނެެއް ދެ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް