ތިން ރަށެއްގައި ބަނދަރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ސަން ފައިލް ފޮޓޯ

ށ. މާއުނގޫދޫ އާއި ރ. ހުޅުދުއްފާރުގެ އިތުރުން ހދ. ނެކުރެންދޫގެ ބަނދަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެ ކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައި ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ހާއްސަ ގުރޭޑުތަކަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓުރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް ކަމަށް ވެސް ފިނޭންސް މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތުގެ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓު ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަނަރަ ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަސައްކަތުގެ ޕުރީ ބިޑު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 13:00ގައި ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް