އަލްޖަޒީރާގެ ތިން ނޫސްވެރިއަކު ތިން އަހަރަށް ޖަލަށްލުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފި

ގާހިރާގެ ޖިނާއީ ކޯޓުން ހުކުމް އިއްވަނީ

ގާހިރާ (އޮގަސްޓް 29): އަލްޖަޒީރާގެ އިނގިރޭސި ޗެނެލަށް ނިސްބަތްވާ ތިން ނޫސްވެރިއަކު ތިން އަހަރަށް ޖަލަށްލުމަށް ގާހިރާގެ ޖިނާއީ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ތިންމީހުންނަކީ މުހައްމަދު ފަހްމީއާއި ޕީޓަރ ގްރިސްޓީއާއި ބާހިރު މުހައްމަދު އެވެ. މީގެތެރެއިން ޕީޓަރ ގްރިސްޓީއަކީ އޮސްޓްރޭލިޔާގެ ރައްޔިތެކެވެ. ފަހްމީއަކީ މިސްރުގެ ރައްޔިތެއްގެ އިތުރުން ކެނެޑާގެ ރައްޔިތެއްވެސް މެއެވެ. ބާހިރު އަކީ މިސްރުގެ ރައްޔިތެކެވެ.

މިސްރުގެ ސަރުކާރުން މި ތިންމީހުން ހައްޔަރުކުރީ 2013 ވަނަ އަހަރުއެވެ. އެއީ އޭރުގެ ދިފާއީ ވަޒީރު އަދި މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބުގައި މިސްރުގެ ދިމުގްރާތީ ސަރުކާރު ވައްޓާލުމަށްފަހު ގައެވެ.

މި ތިން ނޫސްވެރިންގެ މައްޗަށް މިސްރުގެ ދައުލަތުން ކޮށްފައިވާ ތުހުމަތުތަކަކީ މިސްރުގައި ކުރިން ވެރިކަންކުރި އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ވާގިވެރިވުމާއި މިސްރުގެ އެކިއެކި ހާދިސާތައް ވީޑީޔޯ ކުރުމަށްފަހު މިސްރުގެ ގައުމީ ސަލާމަތަށް ގެއްލުންވާ ގޮތްގޮތަށް އެތަކެތި އެޑިޓް ކުރުމެވެ.

އިޚްވާނުލްމުސްލިމޫން ޖަމާއަތަށް އެހީތެރިވުމަކީ ޓެރަރިސްޓް ޖަމާއަތަކަށް ވާގިވެރިވުންކަމަށް މިސްރުގެ އޭރުގެ އިންގިލާބީ ސަރުކާރުންނާއި މިހާރުގެ ސަރުކާރުންވެސް ސިފަކުރެއެވެ. މި ތުހުމަތުތަކަށް މިތިން ނޫސްވެރިންވެސް އިންކާރު ކުރެއެވެ.

މިތިން މީހުންގެ އަސްލު މައްސަލައަކީ ސީސީގެ ކޮމާންޑްގެ ދަށުން މިސްރު ސިފައިން 2013 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި މިސްރުގެ ސިފައިން ރާބިއާ އަލްއަދަވިއްޔާ މައިދާނުގައާއި ނަޖްޒާ މައިދާނުގައި އާންމުންނާ ދެކޮޅަށް ހިންގާފައިވާ ގަތްލުއާންމުތައް ބޭޒާރުކޮށްލުމެވެ.

އަސްކަރީ އިންގިލާބާ ދެކޮޅަށް މި ދެމައިދާނުގައި އިޚްވާނުންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ކުރި މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސިފައިން ހިންގި ގަތުލުއާންމުތަކުގައި 3 ހާހަށްވުރެ ގިނަމީހުން މަރާލާފައިވެއެވެ. ޑިމޮކްރަސީގެ ނަމުގައި އަޑުއުފުލާ ހުޅަނގުގެ ގައުމުތައްވަނީ މި ގަތުލުއާންމުތަކަށް ލޯމަރާލައި އެކަން ނުދެނެހުރިކަމަށް ހަދައިފައެވެ.

އަލްޖަޒީރާގެ ނޫސްވެރިންގެ ތެރެއިން ބާހިރު މުހައްމަދަށް ކުރިން 10 އަހަރުގެ ހުކުމެއް ކޮށްފައިވާއިރު އަނެއް ދެ ނޫސްވެރިންގެ ތެރެއިން ކޮންމެ މީހަކަށް 7 އަހަރުގެ ހުކުމެއް ކޮށްފައިވެއެވެ. ނަމަވެސް އިސްތިއުނާފް ކޯޓުން މިއަހަރުގެ ޖަނަވަރީގައި ވަނީ މިހުކުމްތައް އުވާލައި އަލުން މިޝަރީޢަތްތައް ހިންގުމަށް ހުކުމްކޮށްފައެވެ.

އަލުން ޝަރީޢަތް ކުރުމަށްފަހު ގާހިރާގެ ޖިނާއީ ކޯޓުން މިއަދު ހުކުމްކުރީ މިތިންމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް 3 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް މިހުކުމްތައް އަލުން އިސްތިއުނާފް ކުރުމުގެ ފުރްސަތު މިތިން ނޫސްވެރިންނަށް އެބައޮތެވެ.

އަލްޖަޒީރާއިން ވަނީ މިހުކްތަކަށް ފާޑުކިޔައި މިއީ މިނިވަން ނޫސްވެރިކަން ނައްތާލުގެ ހުކުމްތަކެއް ކަމަށް ސިފަކޮށްފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް