ހުޅުމާލެ އަލަށް ހިއްކި ބިމުގައި މިހާތަނަށް 6000 ގަސް އިންދައިފި

ހުޅުމާލެ ހިއްކި ބިމުގައި މިނިސްޓަރު ތާރިގު ރުކެއް އިންދަވަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހުޅުމާލެ ދެ ވަނަ ފިޔަވަހިގެ ދަށުން ހިއްކާފައިވާ ސަރަހައްދު ފެހިކޮށް ޒީނަތްތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި މިއަދާ ހަމައަށް 6000 ގަސް އިންދައިފި އެވެ.

މިއަދު ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ބައިވެރިވި އެވެ. އަދި ކަސްޓަމްސް އާއި އެސްޓީއޯ އާއި މަސީ އާއި އެމްއޭސީއެލްގެ އިތުރަށް އެމްޑަބްލިޔުއެސްސީ އިން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގައި މީހުން އާބާދުވުމަށް ތައްޔާރުވާ ދަނޑިވަޅުގައި ކުރިއަށް ވިސްނައި އެރަށުގެ ފެހިކަން އިތުރުކުރެވޭނެ ގޮތްތައް ބަލަންޖެހޭ ކަމަށެވެ.

ހުޅުމާލެ ހިއްކި ބިމުގައި ގަސް އިންދުމުގެ މަސައްކަތުގައި ކުޑަކުއްޖަކު-- ސަން ފޮޓޯ/ އަހުމަދު ޝަރުވާ

ރަށްރަށުގެ ހޭޅިފަށުގައި ހެދޭ ގަސްތަކަކީ ހަމައެކަނި އެ ރަށެއްގެ ގޮނޑުދޮށް ރަށްގިރުމުން ދިފާއުކޮށްދޭ ކަމެއް ނޫން ކަމަށާއި އެރަށުގެ ވަޔާއި ރަށްވެހިންގެ ސިއްހަތަށް ވެސް ގިނަގުނަ ފައިދާތައް ގެނުވާ އެއްޗެއް ކަމަށެވެ. ހުޅުމާލެ ތަރައްގީވަމުން އަންނަ އިރު އެކަމަށް ވިސްނަންޖެހޭ ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ފެހިކުރުމުގެ ގޮތުން މީގެ ކުރިން ހިންގި ޕްރޮގްރާމްތަކާ އެކު މިހާރު 6000 ގަސް އިންދާފައިވާ އިރު އެތަނުގައި 20،000 ގަސް އިންދަން ޖެހޭ ކަމަށް އެޗްޑިސީގެ އެމްޑީ ސައިމަން ވިދާޅުވި އެވެ.

ހުޅުމާލެ ހިއްކި ބިމުގައި ގަސް އިންދުމުގެ ޕްރޮގްރާމެއްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

comment ކޮމެންޓް