ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗު ހަދަން ޒުވާނުންގެ މަރުކަޒުގެ ބައެއް ތަޅާލަން ފަށައިފި

އާރޓިފިޝަލް ބީޗުގެ މަސައްކަތް ކުރުމަށް ޒުވާނުންގެ މަރުކަޒުގެ ބައެއް ތަޅާލަން ފަށާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މާލޭގެ ހުޅަނގު ފަރާތުގައި ގާއިމު ކުރާ އާޓިފީޝަލް ބީޗްގެ މަސައްކަތް ކުރުމަށްޓަކައި، އެ ސަރަހައްދުގައި ހުންނަ ޒުވާނުންގެ މަރުކަރުގެ ޖިމުގެ އިތުރުން އެ އިމާރާތުގެ ބޮޑު ބައެއް ތަޅާލަން ފަށައިފި އެވެ.

ސޯޝަލް ސެންޓަރުގެ ޖިމާއި އެ އިމާރާތާ އިންވެގެން ހުރި ކުރީގެ "ވޯޓާ ގޭޓް" ރެސްޓޯރެންޓް ހުސްކޮށް މިހާރު ދަނީ އެތަން ތަޅާލުމުގެ މަސައްކަތް ކުރިއަށެވެ. ސޯޝަލް ސެންޓަރުގެ ބައެއް ތަޅައިލާއިރު އޭގެތެރޭގައި އެތަނުގެ ސެމިނާ ރޫމާއި މީޓިން ރޫމް ވެސް ހިމެނެއެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުޙައްމަދު ސިނާން (ނާނީ) މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ، ހުޅަނގު ފަރާތުގައި ގާއިމުކުރާ އާޓިފިޝަލް ބީޗްގެ މަސައްކަތް ފެށުމަށްޓައި، ކުރިން އެތަނުގައިހުރި ރެސްޓޯރެންޓެއް ކަމަށްވާ ވޯޓާ ގޭޓް ހިންގި އިމާރާތުން ފެށިގެން 60 ފޫޓް އެތެރެއަށް ހުސް ކުރަން ޖެހޭތީ އެދިމާލުގައި ހުންނަ ސޯޝަލް ސެންޓަރުގެ ޖިމާއި ސެމިނާރޫމްގެ ހިދުމަތް މެދު ކަނޑާލަން ޖެހޭނެ ކަމަށެވެ.

ނާނީ ވިދާޅުވެފައި ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި ޖިމްގެ ޚިދުމަތް ދިނުމަށްޓަކައި ސޯޝަލް ސެންޓަރުގެ ގޯތި ތެރޭގައި ހުންނަ، ބައެއް އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައިވާ ހަރުގެ ހުންނަތަނުގައި ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަރުގެ ހުންނަ ތަނުގައި ޖިމެއް ގާއިމު ކުރާއިރު ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި ޓީޓީ ޓޭބަލްތައް ހުންނަ ބަޔަށް އަސަރު ކުރާނެތޯ ސުވާލުކުރުމުން ނާނީ ވިދާޅުވެފައި ވަނީ "ޖިމް އެތަނުގައި ގާއިމު ކުރި ނަމަވެސް ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި ޓީޓީ ކުޅޭތަނަކަށް އެއްވެސް އަސަރެއް ނުކުރާނެ" ކަމަށެވެ.

އަވަސް މުއްދަތެއްގައި ސެމީނާ ރޫމްގެ ހިދުމަތް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ފުރިހަމަ ހިދުމަތްތަކާއެކު ސެމިނާ ރޫމެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ނީނީ ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް