ދިވެހި ފުޓްބޯޅައަށް "ނާކާމިޔާބު 30 ދުވަހާއި ބަދު ނަސީބު 30 ދުވަސް"

މިނިވަން 50 ގެ ކުޅިވަރުތަކަށް ދަނޑުގައި އެޅި ހަރު ކާޕެޓްތައް ނަގާފައި. ކާޕެތްތަކުގެ ސަބަބުން ދަނޑުގެ ވިނަތައް ވަނީ ަމރުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފުޓްބޯޅައިގައި ދިމާވާ ގޮންޖެހުންތަކާއި ދަތި ދަނޑިވަޅުތަކުގައި ދިވެހި ފުޓްބޯޅައިގެ "ހައްގުގައި" އަބަދުވެސް އެންމެ ބާރަށް އަޑުއުފާލާ އެއް ފަރާތްކަމުގައި މާޒިޔާގެ މިހާރުގެ ކޯޗު އަލީ ސުޒޭން ވާނެއެވެ. ފުޓްބޯޅައިގެ އާއިލާއާ ގުޅޭ ވާހަކައެއް އަދި ހާއްސަކޮށް ދިވެހި ފުޓްބޯޅައާ ގުޅުންހުރި ކޮންމެ ވާހަކައެއް ދައްކަން ޖެހުނަސް އެންމެ ކުރީ ސަފުގައި ސުޒޭން ފާހަގަކޮށްލެވޭނެއެވެ. އެގޮތުން ފާއިތުވެދިޔަ 30 ދުވަސް ސުޒޭން ފާހަގަކޮށްފައި ވަނީ، ދިވެހި ފުޓްބޯޅައިގެ ހަޔާތުގައި ނާކާމިޔާބު އަދި ބަދުނަސީބު 30 ދުވަހުގެ ގޮތުގައެވެ.

ފުޓްބޯޅައިގެ އާއިލާގައި ހިމެނޭ ބައެއް އެހެން މީހުންވެސް ވާހަކަދައްކައެވެ. އެމީހަކު އެމީހެއްގެ ފެންވަރުންނެވެ. ނަން ސިއްރުކުރުމަށް ޝަރުތު ކުރުމަށްފަހު މީޑިއާތަކަށް ހާމަކޮށްދޭން ބޭނުންވާ ކަންކަން ހާމަކޮށްދެއެވެ. ނަމަވެސް އެކަން ފާޅުކަން ބޮޑުގޮތެއްގައި ކުރާ މަދު ބައެއްގެ ތެރޭގައި ސުޒޭން ހިމެނެއެވެ.

މާޒިޔާގެ ކޯޗް ޢަލީ ސުޒޭން: ފުޓްބޯޅައިގެ ގިނަ ކަންކަމުގައި އަބަދުވެސް ކެރިގެން ފާޑުކިޔާނެ ---- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ދިވެހި ފުޓްބޯޅައިގެ ހަޔާތުގައި ނާކާމިޔާބު އަދި ބަދު ނަސީބު 30 ދުވަހުގެ ގޮތުގައި ފާހަގަ ކުރެވުނު ތިން ކަމެއް ސުޒޭންކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިމަހު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމް ހޯދި ދަށް ނަތީޖާ ތަކުގެ ސަބަބުން ރާއްޖެ އެ މުބާރާތުން ކަޓައިގެން ދިއުން ބޮޑު 'ފެއިލްޔާ'އެއްގެ ގޮތުގައި ސުޒޭން ފާހަގަކޮށްފައި ވެއެވެ.

އައިއޯއައިޖީގައި ރާއްޖެއަށް ޖެހިފައިވަނީ އެންމެ ތިން ލަނޑެވެ. ބައިކޮޅަށް އަށް ލަނޑު ވަދެފައި ވެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީމް ކުޅެނީ --- އެމްއޯސީ ފައިލް ފޮޓޯ/ ޙުސައިން ސިނާން

އަނެއް ފެއިލްޔާއެއްގެ ގޮތުގައި ސުޒޭން ފާހަގަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕްގެ ދެ ޢުމުރުފުރައިގެ މުބާރާތް ކަމުގައިވާ ބަނގުލަދޭޝްގައި މިމަހު 9 ން 18އަށް ކުރިއަށް ގެންދިޔަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މުބާރާތުގެ ގުރޫޕް ބީގައި ނޭޕާލާއި އަފުގާނިސްތާން އަތުން ބަލިވެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ދިވެހި ޓީމް މުބާރާތުން ކެޓުމެވެ.

އެމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް 5-0 ތަފާތު ބޮޑު ނަތީޖާއަކުން ބަލިވީ ނޭޕަލްއަތުންނެވެ.

ކުޅުނު ދެ ވަނަ މެޗް ތަފާތު ކުޑަ ކުރި ނަމަވެސް އަފުގާނިސްތާންއަތުން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.

ސަންއާ ވާހަކަދައްކަމުން ސުޒޭން ބުނީ، ސަރަހައްދީ ފެންވަރުގައި ދިވެހީން އެންމެ އިސްކަންދޭ އެއް މުބާރާތްކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމުތައް މުބާރާތްތަކަށް ތައްޔާރުމުގައި ވެސް ކަންތައްތައް ދިޔައީ އެހާ އެދެވޭ ގޮތަކަށް ނޫން ކަމަށެވެ.

"ސާފްޗެމްޕިއަންޝީޕަކީ އަހަރެމެން އެންމެ އިސްކަންދޭ އެއް މުބާރާތްތާ. އޭގެ ތެރޭން އަންޑަ 16 އަދި އަންޑަ 19 ސާފްޗެމްޕިއަންޝިޕް ދިޔައީ. ދެމުބާރާތް ނިމިގެން ދިޔައިރުވެސް ސާފް ޗެމްޕިއަންޝިޕަކަށް ތާއްޔާރުވާން އުޅުނު ވާހަކައެއް އަހަރުން އަޑެއް ނާހަން. އެއްވެސް ބަޔަކު އަޑެއް ނާހާކަންނޭނގެ،" ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ތަޖްރިބާތަކެއް ކޮށްފައިވާ ކޯޗު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކުން ދުރާލައި މީޑިއާގެ އެހީތެރިކަން ހޯދައި، ސީނިއާ ޓީމުތައް ވެސް މުބާރާތްތަކަށް ތައްޔާރުވާ ފަދައިން އާންމުންގެ މެދުގައި ފޯރި އުފެއްދުނު ނަމަ، ޒުވާން ކުޅުންތެރީންނަށް އޭގެ ރަނގަޅު އަސަރު ކުރީސް ކަމަށެވެ.

"މުބާރާތަށް ފުރަންވީމަ މި ބުނަނީ، އަންޑަ 16 ނޫނީ އަންޑަ 19 ޓީމް ސާފްޗެމްޕިއަންޝިޕަށް ފުރަނީއޭ،" ބައިނަލްއަގްވާމީ މުބާރާތްތަކަށް ޓީމްތައް ތައްޔާރުކުރާ ގޮތާމެދު ފާޑުކިޔަމުން ސުޒޭން ބުންޏެވެ. "ކުޅުންތެރީން މޯޓިވޭޓް ކޮށްލަން ކުރެވުނު އެއްވެސް ކަމެއް ނެތޭ މިބުނީ. ހަމަ މީޑީއާ މެދުވެރިކޮށްވެސް އެކި ގޮތްގޮތަށް ކުރެވޭނޭ ބައިވަރު ކަންތައްތައް ހުންނާނެތާދޯ. އެކަހަލަ އެެއްވެސް ކަމެއް ނެތް. އެމީހުން ގޮސް ހަމަ ބޮޑެތި ތަފާތުތަކުން ބަލިވީ."

މިމަހު 20 ން 29 ށް ނޭޕާލްގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގައި އިންޑިއާއާއި އަފްގާނިސްތާން އަތުން ބަލިވެ ގްރޫޕް ސްޓޭޖުން ދިވެހި ޓީމް ކަޓައިގެން ދިއުމަކީ ވެސް ދިވެހި ފުޓްބޯޅައަށް ބޮޑު ނާކާމިޔާބެކެވެ.

މިމަހު ބޭއްވި 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ނޭޕާލާ ދެކޮޅަށް ކުޅެނީ. --- ފައިލް ފޮޓޯ/ ގައުމީ ޓީމް

އެމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗް އަފުގާނިސްތާން އަތުން ބަލިވީ 3-1 ގެ ނަތީޖައަކުންނެވެ.

ދެ ވަނަ މެޗް އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އަވައްޓެރި ގައުމުތަކާ އަޅައިބަލާއިރު ހަމަ ޔަގީނުންވެސް ދިވެހީންގެ ތެރޭގައި ފުޓްބޯޅައިގެ ހުނަރު ދަށެކޭ ނުބުނެވޭނެއެވެ. ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފަދަ ކުޅުންތެރީންގެ ހުނަރަށް ބަލައިލި ކަމުގައި ވީ ނަމަވެސް ރާއްޖޭގެ ކުޅުންތެރީންގެ ކިބައިގައި 'ހެސްކިޔާފައި' ފުޓްބޯޅައިގެ ހުނަރު ހުރިކަން އެބަ އެނެގެއެވެ. އެހެން ނަމަވެސް ނަތީޖާއާ ހަމައަށްދާ އިރު އެކަން ނުފެނުން އެއީ ވިސްނައިލާން ޖެހޭކަމެއްކަން ޔަގީނެވެ.

" މިސާލަކަށް އިންޑިއާގެ އަންޑަ 19 ޓީމަށް ބަލާނަމަ، އެމީހުން ބުނާގޮތުން އެއީ އެމީހުންގެ ދެވަނަ ޓީމު. އެކަމަކު އެޓީމު އެއޮތީ ފައިނަލަށް ގޮސްފައި. އެހެންވީމާ އަހަރެމެންގެ އެންމެ މެކްސިމަމް ސްޓްރެންތުގައި އަންޑަ 19 ޓީމު ގޮސް މިކަހަލަ ނަތީޖާއެއް ނެރުނީމަ، އަނެއްކާ އަންޑަ 16 ޓީމުގެ ވެސް އެނަތީޖާ ތަކަކީ އަސްލު ތައްޔާރުވުމުގެ މައްސަލައެއް،" ސުޒޭން ބުންޏެވެ.

ދެންއޮތީ ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައަށް ދިމާވި ބަދުނަސީބުގެ ވާހަކައެވެ. ބަދު ނަސީބު ކަމެއްގެ ގޮތުގައި ސުޒޭން ފާހަގަ ކޮށްފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑަށް ކުރިމަތިވި މައްސަލަތަކެވެ.

މިނިވަން ފަންސާހުގެ ކުޅިވަރުތަކަށް ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާއިރު ރާއްޖޭގެ ފުޓްބޯޅައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ދަނޑުގެ ވިނަގަނޑު މަރުވެފައިވުމުގެ ސަބަބުން ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް، ހޯމްގައި މެޗް ކުޅުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނީއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު ފަށަން ތާވަލްކޮށްފައި އޮތް ޕްރިމިއާ ލީގް ގިނަ ދުވަސްތަކަކަށް މެދު ކަނޑާލަން ޖެހުނީއެވެ.

ފުޓްބޯޅަ ކަލަންޑަރަށް އަވަސް ބަދަލެއް ގެނެސް ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޕްރެޒިޑެންޓް ކަޕް އަވަސްކޮށް އެމުބާރާތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުޅެން ރާވައި ކުލަބުތަކާއި ކުޅުންތެރިންގެ ވިސްނުން އެހެން މިސްރާބަކަށް އަނބުރާލަން ޖެހުމެވެ.

ކަނޑައެޅިފައިވާ މުއްދަތަށް ސީޒަން ނުނިމި އޭއެފްސީކަޕަށް ދާންޖެހޭ ޓީމްތައް ކަނޑަނޭޅޭނެ ކަމުގެ ބިރަށް ރާއްޖޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް އެފްއޭކަޕް ނުބާއްވަން ވަނީ ނިންމައިފައެވެ.

"ލީގު ނުނިމި ޖެނުއަރީގެ ފަހަތަށް ފަހަނަ އަޅައިފި ކަމުގައި ވާނަމަ، ޖެނުއަރީގައި އޭއެފްސީއަށް ފޮނުވަންޖެހޭ ލިސްޓް ނުފޮނުވި އޭއެފްސީ ކަޕަށް ފޮނުވަންޖެހޭ ދެ ޓީމް އިންސާފުވެރި ކަމާއެކު ނުނިންމި ދާނެތީ އަނެއްކާ ވެސް ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ. އެފްއޭއެމްގެ ސިސްޓަމް މި އޮންނަ ގޮތުން އޭއެފްސީކަޕަށް މި ދަނީ ލީގު ޗެމްޕިއަން އާއި އެފްއޭކަޕްގެ ޗެމްޕިއަން ޓީމް. އެހެންވާއިރު އެފްއޭކަޕެއް ވެސް ނެތް ނިންމޭކަށް ލީގްވެސް ނެތް ނިންމޭކަށް. އެހެންވެ ލޯމަރާލާފައި ނިންމީ އެފްއޭކަޕް މި އަހަރު ނުބާއްވާ ގޮތަށް،" އެފްއޭ ކަޕް ނުބާއްވަން ނިންމި ސަބަބެއް ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެފައިވެއެވެ.

މިއީ ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑެތި ގެއްލުންތަކެވެ.

ރަނގަޅުކުރާން ޖެހޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. ސުޒޭންއާއި ފުޓްބޯޅައިގެ އާއިލާގެ އެހެން ބައެއް ފަރާތްތަކުންވެސް ވަނީ މިފަދަ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކައިފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އަލިކޮށް އުޖާލާކުރުމަށް ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ކަމެއްގައި ވެސް ދުރާލައި ރާވައިގެން ހިންގަން ޖެހެއެވެ.

comment ކޮމެންޓް