ނަޝީދުގެ ހުކުމް "މައާފު"ކޮށްފައިވާ ކަމަށް ބުނާ ލިއުމުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ނަޝީދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދަނީ -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް "މައާފު" ކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް އެއްކޮށް މައާފުކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ، އެހެން މައްސަލަތަކާ އެކު ފުލުހުން ބަލަމުން އަންނަ ކަމަށާއި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.

"ބައެއް ފަރާތްތަކަށް ހީވޭ އެބަ އަޅުގަނޑުމެން [ފުލުހުން] ސުވާލު ކުރަމުން ދަނީ ހަމައެކަނި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނާ އެކަނި ކަމަށް. އެކަމަކު އަޅުގަނޑުމެން މި އަންނަނީ ކަރެކްޝަނަލް ސާވިސް ބޭފުޅުންނާ ސުވާލުކޮށް އެކަމުގައި ބަޔާންތައް ނަގަމުން،" އިސްމާއިލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް އެކޮށް މައާފުވި ކަމަށް ބުނާ ލިޔުމުގައި ބުނެފައި ވަނީ މިދިޔަ 24 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ނަޝީދުގެ ޖަލު ހުކުމް މާފްކޮށްފައިވާ ކަމަށެވެ. އަދި ޖުލައި 26 ވަނަ ދުވަހު އޮންނަ ރަސްމިއްޔާތުތަކުގައި ބައިވެރިވުމުގެ ދައުވަތު ވެސް އެލިޔުމުގައި ރައީސް ނަޝީދަށް ވަނީ އަރުވައިފަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާނު ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން ލިޔުމަކަށް ބަދަލު ގެނައި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ވަގުތު އޮންލައިންގައި ޝާއިއުކުރި ލިޔުމެއްގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ފުލުހުންނަށް ހުށަގަޅާފައިވާނެ ކަމަށެވެ.

"އަދި ހަމައެއާ އެކު ހަވީރު ނޫހުގައި ރިޕޯޓުކޮށްފައިވާ އޮތް އާޓިކަލެއްގައި އޮތް ލިޔުމަކާ ހަވާލާދެއްވާފައި. އަދި އާޓިކަލުގައި އެއްބަސްވުމެއްވެފައި އޮތް ކަމަށް ހަވީރު ނޫހުން ރިޕޯޓުކޮށްފައި އޮތް ރައީސް ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލުކުރަން. އެހެންވީމާ މި މައްސަލައަކީ ވަރަށް ސެންސިޓިވް މައްސަލައަކަށް ވެފައި އެ މައްސަލައަކީ ވެސް ތަހުގީގު ކުރަން އެދޭ މައްސަލައަކަށް ވާތީ އެ މައުލޫމާތުތައް ވެސް ހިއްސާކުރިން މިރޭ ފުލުހުންނާ،" ހިސާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުކުމް ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ދޫކުރި ކަމަށް ބުނާ ލިޔުމުގެ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރައްވާފަ އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަޝީދުގެ އަނބިކަނބަލުން ލައިލާ ވިދާޅުވީ އެކަމަނާގެ އަރިހުން ފުލުހުން ސާފުކުރެއްވީ އެންމެ ކަމެއް ކަމަށެވެ.

"އެބޭފުޅުން [ފުލުހުން] އޮޅުންފިލުވަން ބޭނުންފުޅުވީ 19 ޖުލައިގައި ރައީސް ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލުކުރި ކަމަށް ބުނެ އެމަނިކުފާނަށް ލިބިވަޑައިގެން ލިޔުން ވީ ތަނެއް. ފުލުހުންނަށް ދަންނަވައިފިން އެ ލިޔުން ވީ ރާއްޖެއިން ބޭރަށް ފޮނުވާފައޭ ތަހުލީލު ކުރަން،" ލައިލާ ވިދާޅުވި އެވެ.

ލައިލާ ވިދާޅުވީ އެ ލިޔުން ފުލުހުން ހޯދާކަން އެނގިވަޑައިގެންއިރު އެ ލިޔުންވީ ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށެވެ. އަދި އެ ލިޔުން ލިބުނުހާ އަވަހަށް ފުލުހުންނާ ހަވާލުކުރައްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

comment ކޮމެންޓް