ފިހާރައެއް ފަޅާލައިގެން ވަގަށް ނެގި 36،000 ރުފިޔާ ވަޅުލާފައި ހުއްޓައި ހޯދައިފި

ރ. މަޑުވަރީ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ފޯނުކާޑު-- ފޮޓޯ: ޕޮލިސްލައިފް

ފިހާރައެއް ފަޅާލުމަށް ފަހު ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ފޯނުކާޑުތަކެއް ގެއެއްގެ ފާހާނާގައި ފޮރުވައި އަދި ގޯތި ތެރޭ ވަޅުލާފައިވަނިކޮށް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ރ. މަޑުއްވަރީ ފިހާރަކުން 36،202 ރުފިޔާ އާއި ގިނަ އަދަދެއްގެ ފޯނު ކާޑު ވަނީ ވަގަށް ނަގައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފިހާރައިން ވައްކަން ކުރުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަން އެއްގައި ގިނަ އަދަދެއްގެ ފައިސާ އާއި ފޯނުކާޑު ފެނިފައި ވަނީ ވައްކަން ކުރި އެކަކުގެ ގޭގެ ފާހާނާތެރެއިންނެވެ. އަދި އަނެއްބައި ހޯދާފައި ވަނީ ވައްކަން ކުރި ދެވަނަ މީހާގެ ގޯތިތެރޭގައި ވަޅުލާފައި ވަނިކޮށެވެ. އެތަކެތި ހޯދާފައި ވަނީ އެ ވަންކަން ކުރިތާ 18 ގަޑިއިރުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ ދެ މީހުންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދަން ކޮންމެ މީހެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތު ރ. މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފަ އެވެ.

ހައްޔަރުކުރި ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާއަކީ މަސްތުވާ ތަކެތި ބޭނުން ކުރުމާއި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި 20 އަހަރުގެ މީހާއަކީ ވައްކަން ކުރުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

comment ކޮމެންޓް