މެދުފުށި ރިސޯޓް ވިއްކާލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މެދުފުށި ރިސޯޓް: 17 މިލިއަން ޑޮލަރު ބޭންކަށް ނުދައްކައިފި ނަމަ މެދުފުށި ރިސޯޓް ނެގުމަށް ކުރި ހުކަމަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތާއީދުކޮށް ހުކުމްކޮށްފައި -- ފޮޓޯ/ މެދުފުށި ރިސޯޓު އެފްބީ

މެދުފުށި އިންވެސްޓްމަންޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން، އަރާފައިވާ އިންޓްރެސްޓް ފައިސާ އާއި ޖޫރިމަނާ ފައިސާއާ އެކު ޖުމުލަ 17,625,729.95 ޑޮލަރު އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާ އާއި އިތުރު ބައެއްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހަމްޒާ އާއި އިތުރުބައެއްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުން އެ ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދަޢުވާލިބޭ ފަރާތްތަކުގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވި ކަންކަމުގެ މައްޗަށް ބިނާކޮށްފައިވާ ޙުކުމެއްކަން އެނގޭ ކަމަށެވެ.

ަ"ގަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، އެ ގަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާގައި ބަޔާންކުރާ ކަންކަމަކީ. އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިމެ، އެކަންކަން ދަށުކޯޓުގައި ފާހަގަކޮށްފައިވާ ކަމެއްނޫންކަން އެނގެން އޮތްއިރު، ސިވިލް ކޯޓުން މިމައްސަލަ ނިންމާފައި ވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ވެފައިވާ އިޢުތިރާފުގެ މައްޗަށްކަން އެނގެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތްތަކުން ދިވެހި ރާއްޖޭގެ ހައިކޯޓުގައި މިހާރު ފާހަގަކުރާ ނުކުތާއަށް ސިވިލް ކޯޓުން ރިޢާޔަތްނުކޮށް އޮތްކަމަށް ބަލައި، ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް ނުބެލެވޭ." ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން އެދިފައިވާ ގޮތަށް، ލޯނު ލިބިގަތުމަށް ޓަކައި، އެއްބަސްވެފައިވާ ޝަރުތުތަކާއި ހިލާފުވުމުގެ ސަބަބުން ދައްކަން ޖެހޭ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާއާއި އަދި އެނޫން ވެސް ލޯނާއި ގުޅިގެން ބޭންކަށް ލިބެން ޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާ އާއި އިތުރުބައެއްގެ މައްޗަށް އަންގާފައި ވަނީ މިދިޔަ އަހަރުގެ އޭޕުރީލު މަހުގެ ތެރޭގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް