ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ދަށްވެ، ރާއްޖެ އަށް ޖުމުލަ އައި މީހުންގެ އަދަދު އިތުރުވެއްޖެ

ދެ ޓޫރިސްޓަކު ފިހާރައެއް ބަލަނީ --

މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 4.3 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ރާއްޖެ އަށް 104,517 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އަށް އައިސްފައި ވަނީ 100,191 ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ 4.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އަދަދު އިތުރުވެފައިވީ ނަމަވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. އެގައުމުން މިދިޔަ އަހަރު ޖުލައި މަހު ރާއްޖެއަށް 43,269 ޓޫރިސްޓުން އައިފައިވީ ނަމަވެސް މި އަހަރު އެ މަހު އައިސްފައި ވަނީ 41,527 ޓޫރިސްޓުންނެވެ.

މިދިޔަ ޖުލައި މަހު އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ 61,339 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރު ޖުލައި މަހާ އަޅާބަލާއިރު އެއް ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު ޔޫރަޕު ސަރަހައްދުން ރާއްޖެއަށް 34,021 ޓޫރިސްޓުން އައިސްފައިވާ އިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއީ 2.4 ޕަސެންޓް އިތުރު އަދަދެކެވެ.

ޖުލައި މަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް 713,622 ޓޫރިސްޓުން އައިސްފައިވާ އިރު އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 1.7 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް