ފިލިޕިންސްގައި ކުޅޭ މެޗުތައް ޗައިނާ މެޗަށް ވަރަށް މުހިއްމު: އިންމަ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިހާރު ފިލިޕީންސްގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމް ފިލިޕީންސްގައި މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ބޭނުން ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި ވަރަށް ރަނގަޅަށް ހިފޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ ޗައިނާއާ ދެކޮޅަށް އަންނަ މަހު 8 ވަނަ ދުވަހު އެ ގައުމުގައި ކުޅޭ މެޗަށް ތައްޔާރުވުމަށްޓަކައި ޕިލިޕީންސްގައި ރާއްޖޭގެ ޓީމުން މިހާރު ކުރިއަށް ގެންދާ ތަމްރީނު ކޭމްޕުގައި ކުޅޭން ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ އެގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ސްޓެލިއޯން އެފްސީއާ ދެކޮޅަށެވެ. އަދި އެ ކޭމްޕުގައި ގައުމީ ޓީމްކުޅޭ ދެ ވަނަ މެޗުގައި ސެޕްޓެމްބަރު ތިން ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސްގެ ގައުމީ ޓީމާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އިސްމާއީލް މަހަފޫޒް: ފިލިޕީންސްގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ބޭނުން ޗައިނާ މެޗުގައި ހިފޭނޭ ކަމަށް އިންމަ ބުނި -- ފޮޓޯ: އެފްއޭއެމް

އިންމަ ބުނީ، މިހާރު ކުރިއަށްދާ ތަމްރީނުތަކުގެ ސަބަބުން ޗައިނާއާ ދެކޮޅަށް ތައްޔާރުވުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭ ކަމަށެވެ.

"ޗައިނާ މެޗުގެ ކުރިން އަހަރެމެން މިވަނީ ރާއްޖޭގައި ދެ ފަރިތަކުރުމެއް ކުރިއަށް ގެންގޮސްފައި، އަދި ފިލިޕީންސްގައި އެއް ސެޝަން. ދެން އެމެޗުގެ ކުރީން ފިލިޕީންސްގައި ދެ މެޗެއް މި ކުޅެނީ. އެހެންކަމުން ޗައިނާއާ ދެކޮޅަށް ތައްޔާރުވުމަށް މި ތަމްރީނުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނޭކަމަށް ގަބޫލުކުރަން،" އިންމަ ބުންޏެވެ.

އިންމަ ބުނީ، ފިލިޕީންސް ގައުމީ ޓީމުގެ އިތުރުން މިއަދު ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗުގައި ވާދަކުރާ ސްޓެލިއޯން އެފްސީ އަކީވެސް ބަލި ޓީމެއް ނޫން ކަމަށާއި މި ދެމެޗުގައި ވެސް ބޮޑަށް ބަލާނީ ޗައިނާ މެޗަށް ޓީމު ބައްޓަން ކުރުމަށް ކަމަށެވެ.

ފިލިޕީންސް ޓްރޭނިން ކޭމްޕުގައި ފުރުމުގެ ކުރީން އިންމަ ބުނެފައި ވަނީ، ފިޒިކަލީ ޓީމު ވަރުގަދަކުރުމަށް ވުރެ ބޮޑަށް މި ކޭމްޕުގައި އިސްކަންދޭނީ، ޓެކްނިކަލީ ޓީމު ތައްޔާރުކޮށް ކުޅުންތެރީންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިހާރު ފިލިޕީންސްގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

މި ތަމްރީނުތަކާ ބެހޭގޮތުން ގައުމީ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު އަކްރަމް އަބްދުލްޣަނީ ބުނީ، "އަދި މި ބޭއްވުނީ އެންމެ ތިން ފަރިތަކުރުން. އެހެންކަމުން ޕިލިޕީންސް ޓްރެއިނިން ކޭމްޕުގައި މި ކުޅޭ އެކުވެރިކަމުގެ ދެމެޗުގެ ސަބަބުން ޗައިނާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނޭ،" ކަމަށެވެ.

އަކޫ ބުނީ، ފިލިޕީންސްގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕުގެ ސަބަބުން، ގައުމީ ޓީމުގެ ކުޅުންތެރީންގެ މެދުގައި ގުޅުން އިތުރަށް ވަރުގަދަވެ، ޖޯޝް އިތުރުވެގެން ދާނެ ކަމަށާއި، ޗައިނާއާ ދެކޮޅަށް ރަނގަޅު ނަތީޖާއެެއް ނެރުމަށް ހުރިހާ ކުޅުންތެރީންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

comment ކޮމެންޓް