ހިޖްރަކުރާ ރެފިއުޖީންނަށް އިހާނާތްތެރި ނުވުމަށް އދ.ން ޔޫރަޕަށް އިންޒާރުދީފި

ސޫރިޔާގެ އާއިލާއެއް ހަންގެރީއަށް ވަންނަން އުޅުމުން އެގައުމުގެ ފުލުހުން އެއާއިލާގެ މެންބަރުން ހައްޔަރުކުރަަނީ

އދ. މަޖިލިސް (އޮގަސްޓް 29) : ޔޫރަޕަށް ކުރިމަތިވެފައިވާ ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ އަނިޔާވެރިގޮތަކަށް ހައްލުކޮށްގެން ނުވާނެކަމުގެ އިންޒާރު އދ. ން ޔޫރަޕްގެ ގައުމުތަކަށް ދީފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ވިދާޅުވީ، ސޫރިޔާގެ ރައްޔިތުން މީހުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖްރަކުރަނީ އެހެންގޮތެއް ނެތިގެންކަމަށާއި އެމީހުން އަނބުރައި އައިތަނަށް ފޮނުވާލައިގެން ނުވާނެކަމުގައެވެ.

ބާންކީމޫން މިހެން ވިދާޅުވެފައިވާއިރު މިއަހަރުތެރޭގައި ތިންލައްކައަށްވުރެ ގިނަ ރެފިއުޖީން މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ހިޖްރަކޮށްފައިވާކަމަށް އދ. ންވަނީ ބުނެފައެވެ. އަދި މިގޮތަށް ރެފިއުޖީން ޔުރަޕަށްކުރާ ދަތުރުތަކުގައި މިއަހަރު ތެރޭގައި 24 ހާހަށްވުރެ ގިނަމީހުން މެޑިޓަރޭނިއަން ކަނޑަށް ޣަރަގުވެގެން މަރުވެފައިވާކަންވެސް އދ. ން ހާމަކޮށްފައިވެއެވެ.

އަނެއްކޮޅުން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކޮށްގެންއުޅޭ ސޫރިޔާގެ ރެފިއުޖީންގެ އެތަށް ހާސް ބައެއްގެ ތެރެއިން 50 މީހެއްގެ މަރުވެފައިވާ ހަށިތައް މިދިޔަ ހަފްތާގައިވަނީ ހަންގެރީއާއި އޮސްޓްރިޔާ ގުޅުވައިދޭ ހައިވޭގެ ކައިރީގައި މަޑުކޮށްފައިއޮތް ލޮރީއަކުން ފެނިފައެވެ.

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރާ ސޫރިޔާގެ ރެފިއުޖީންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށް ވަނީ މިކަން ވަރަށްބޮޑު މައްސަލަ އަކަށްވެފައެވެ. މިގައުމުތަކުން ގެންދަނީ ހިޖްރަކުރާ ރެފިއުޖީން ހައްޔަރުކޮށް އެމީހުން ބަލައިގަތުމަށް ދެކޮޅު ހަދަމުންނެވެ.

ސޫރިޔާގެ ރެފިއުޖީން ވަންނަ މައްސަލަ އެންމެ ބޮޑުވެފައިވާ ބަލްކަން ސަރަހައްދުގެ ހުޅަނގުގެ ގައުމުތަކުން ވަނީ މިފަދަ މީހުންނަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރަހައްދީ ރޮނގުތައްވެސް މިހާރު ބަންދުކޮށްފައެވެ. ސަރަހައްދީ ރޮނގު ރެފިއުޖީންގެ ކުރިމަތީގައި ބަންދުކުރުމަށް ޓަކައި ހަންގެރީންވަނީ ދަނގަނޑުގެ ފާރެއްލައި އެގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމުގެ ޕްލޭނެއްވެސް ތަންފީޒުކުރަން ފަށައިފައެވެ.

ޔޫރަޕްގެ ބައްރަށް ހިޖްރަކުރަން ބޭނުންވާ ރެފިއުޖީންގެ އެތަށް ސަތޭކަ ބަޔަކު ކުދިކުދި ބޯޓުތަކަށް އަރުވައިގެން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް އިންތިޒާމް ކުރަނީ އިންސާނުންގެ ވަގުވިޔަފާރިކުރާ ގޭންތަކުންނެވެ. (ރޮއިޓާސް)

comment ކޮމެންޓް