މަންޗިނީލް – ދުނިޔޭގެ އެންމެ ނުރައްކާތެރި ގަސް

މަންޗިނީލް ގަހުގެ މޭވާ އަދި ފަތް ---

މަންޗިނީލް އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ގަހުގެ ރެކޯޑު އޮންނަ ގަހެވެ. ހުޅަނގު ހެމިސްފިއާގެ ހިސާބުތައް ކަމަށް ވާ ފްލޮރިޑާ، ކެރީބިއަން އައިލެންޑްސް އަދި ބަހާމާސް ގައި ހެދޭ މިގަހުގެ ވިހަގަދަކަމުގެ ސަބަބުން މީހުން ސަމާލުވުމަށް އެދި މެސެޖުތައް ހަރުކުރެވިފައި ހުރެ އެވެ.

މި ގަހުގެ ހުރިހާ ބައެއްވެސް އެހާމެ ވިހަ ގަދަ އެވެ. މި ގަހުގެ މޭވާ އެންމެ އެއްގޮތް ވާނީ ކުދިކުދި ފެހި އާފަލާ އެވެ. އެކަމަކު އޭގެ މޭވާ ކައިފި މީހަކަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވާނެ އެވެ. ބުނެވޭގޮތުގައި މަޝްހޫރު އެކްސްޕްލޯރާ ކިރިސްޓޮފާ ކޮލަމްބަސް މި ގަހުގެ މޭވާ އަށް "ލިޓްލް އެޕަލް އޮފް ޑެތު" ގެ ނަމުން ނަންދިނެވެ. ކަން މިހެން ހުރިކަމުގައިވިޔަސް މި ގަހުގެ މޭވާ އަކީ މި ގަހުގެ އެންމެ ނުރައްކާ ކުޑަ ބައެވެ.

މަންޗިނީލް ގަހުގެ އެތެރޭގައި ހުންނަ ކިރަކީ ބާރުގަދަ، ވިހަގަދަ އެއްޗެކެވެ. ކިތަންމެ ކުޑަ ތިއްކެއް ޖެހުނަސް ހަންގަނޑު ފާރުވުން، ދުޅަވުން، ނޫނީ ފިހުން ގާތެވެ. މިއީ މިގަހުގެ ނުރައްކާ ނޭނގި ވާރެއިން ހިޔާވާން މި ގަހުގެ ދަށަށް ވަންނަ ވަރަށް ގިނަ މީހުންނަށް ލިބޭ ލަނޑެކެވެ. ގަހުގެ ގޮފިތަކުގައި ޖެހިފައި ފައިބާ ވާރޭ ތިކިތަކުންވެސް ހަންގަނޑު އަންދާގޮތް ވެއެވެ.

މަންޗިނީލް ގަހެއްގެ ކައިރީގައި އިންޒާރުގެ ލިޔުމެއް ހަރުކޮށްފައި ---

މަންޗިނީލް ގަހުގެ ތޮށިގަނޑަކީވެސް ވިހަގަދަ އެއްޗެކެވެ. ތޮށިގަނޑު އަންދައިގެން ނިކުންނަ ދުމުގެ އަސްރުކޮށްފިނަމަ ވަގުތީގޮތުން ނޫނީ އުމުރަށްވެސް ލޯއަނދިރި ވުން އެކަށީގެންވެއެވެ.

އިންސާނުންނަށް މަންޗިނީލްގެ ސަބަބުން އަނިޔާވާން ހުރި ހުރިހާ ގޮތްތަކަށް ބަލައި، އެގަސް ދުނިޔޭގެ އެންމެ ނުރައްކާތެރި ގަހުގެ ގޮތުގައި ގިނީސް ރެކޯޑު ފޮތުގައި އޮތުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ.

ތާރީހުން އެނގޭގޮތުގައި މަންޗިނީލް ގަހުގެ ވިހައިގެ ސަބަބުން މަރުވި އެންމެ މަޝްހޫރު މީހަކީ ސްޕެއިންގެ އެކްސްޕްލޯރާ ޔުއާން ޕޮންސް ޑެ ލިއޯން އެވެ. 1521 ވަނަ އަހަރު ފްލޮރިޑާއަށް އޭނާ ދިޔައީ ރަން ހޯދުމަށެވެ. އޭނާ ހީކުރިގޮތުން ފްލޮރިޑާގައި އޭރު އެއްވެސް މީހަކު ދިރިއެއް ނޫޅެއެވެ. އަދި އޭނާ އަކީ އެ ބިން ފެނުނު އެންމެ ފުރަތަމަ މީހާ ކަމަށެވެ. ނަމަވެސް ފްލޮރިޑާ އަށް ގޮސް އެރަށުގެ ވަޒަންވެރިންނާއެކު ކުރި ހަނގުރާމައިގައި މަންޗިނީލް ގަހުގެ ކިރު ހާކައިގެން ތައްޔާރު ކޮށްފައި ހުރި ތީރެއް އޭނާގެ ފަޔަށް އެރި އެވެ. އެ އަނިޔާގައި އެތައް ދުވަހެއް ވޭނުގައި އުޅުމަށް ފަހު އޭނާ މަރުވީއެވެ.

ރޭޑިއޮލޮޖިސްޓެއް ކަމުގައިވާ ނިކޮލާ އެޗް ސްޓްރިކްލެންޑް ވަނީ ޗުއްޓީއަށް ކެރެބިއަން އައިލެންޑްސް ގެ ރަށެއްކަމުގައިވާ ޓޮބާގޯއަށް ގޮސް މަންޗިނީލް ގަހުގެ މޭވާ ކެވި ކުރެވުނު ތަޖުރިބާ އިނގިރޭސިވިލާތުގެ މެޑިކަލް ޖާރނަލްގައި އާންމުކޮށްފަ އެވެ.

"ތަފާތު ބޮލިތަކާއި މުރަކައިގެ އެތިއެތިކޮޅު ހޯދަމުން ދަނިކޮށް އަހަންނަށް ފެހި ކުލައިގެ މޭވާ ތަކެއް ކުރުނބާ އާއި އަނބު ތަކަކާއި އެކު ދޮންވެލިގަނޑުމައްޗަށް ވެއްޓިފައި ހުއްޓާ ފެނުނު،" އޭނާ ލިޔެފައިވެ އެވެ. "އެ އެއްޗިހި ހުރީ ވަށްކޮށް، ޓެންޖެރިން އެއްގެ ބޮޑުމިނަށް."

"އަހަރެން ރަނގަޅަށް ވިސްނާނުލައި އެ މޭވާއިން އެތިކޮޅެއް ކެއިން. އޭގައި ލީ މީރު ފޮނި ރަހައެއް. އަހަރެންގެ ރައްޓެހިންވެސް އެކަމުގައި ބައިވެރިވި. ހިނދުކޮޅެއް ފަހުން އަހަރުމެންނަށް އަނގައިތެރެއިން ދިލަ ނަގާ ކަހަލަ އިހުސާސެއް ކުރެވުނު. ދެން އަންދާހެން ހީވެ ކަރުތެރެ އެއްކޮށް ބާރުވި."

ނިކޮލާ ލިޔުނުގޮތުގައި ވިހައިގެ އަސަރު އޭގެ ދެ ވަރަކަށް ގަޑިއިރަށް ފަހު ބޮޑުވެ، ކަރަށްވާ ތަދުގެ ސަބަބުން އެއްވެސް ކާއެއްޗެއް ދިރުވޭ ގޮތެއްވެސް ނުވިއެވެ. ކަރަށް ލުޔެއް ލިބެނީ ހަމައެކަނި ކިރުފޮދެއް ބުއިމުންނެވެ. އަދި ވިހައިގެ އަސަރު މަޑުމަޑުން ކުޑަވާން އަށް ވަރަކަށް ގަޑިއިރު ނެގި އެވެ.

މަންޗިނީލް ގަހަކީ 50 ފޫޓަށް ބޮޑުވާ ގަހެކެވެ. އެގަހުގެ ފަތްތައް ހުންނަނީ އޮފުކަން ގަދަ ފެހި ކުލައެއްގައި ބިސް ހުންނަ ބައްޓަމަށެވެ. މި ގަހުގެ ހިޔާވެހި ކަމާއި ފޮނި މޭވާއިން ގަހުގެ ނުރައްކާ ނޭނގޭ މީހުން ހައްލާލައި އިނާމެއްގެ ގޮތުގައި ވޭނާއި ކެކުޅުން ދިންނަމަވެސް، އެގަހަށް ސަމާލުވުމަށް ނަސޭހަތްދީ ހިއްޕާފައިހުންނަ މެސެޖުތަކުގެ ސަބަބުން މިގަހުގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

comment ކޮމެންޓް