އަޅުގަނޑުމެން ކަމެއް ކޮށްގެން އުޅޭ ކަމަކަށް ފުލުހުން ގަބޫލެއް ނުކުރޭ: ވަކީލުން

ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނެ އެމަނިކުފާނަށް ހަވާލުކޮށްފައިވާ ލިޔުމުގެ މައްސަލާގައި ރައީސް ނަޝީދުގެ އާއިލާއާ އަދި ރައީސް ނަޝީދުންގެ ވަކީލުންގެ އަތެއްވާ ކަމަށް ފުލުހުން ގަބޫލު ނުކުރާ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ފުލުންގެ މަރުކަޒަށް ހާޒިރުވެވަޑައިގަތުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ރައީސް ނަޝީދުގެ އަނބިކަނބަލުން ފުލުސް އޮފީހަށް ހާޒިރުކުރީ އެއްވެސް ކުށެއްގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"އެބޭފުޅުންވެސް ގަބޫލުކުރައްވާ މި މައްސަލައިގައި މިހާތަނަށް ގޮސްފައި އޮތް ގޮތަށް މިހާތަނަށް އެބޭފުޅުންނަށް ލިބިފައިހުރި މައުލޫމާތުތަކުގެ އަލީގައި މިއީ އަޅުގަނޑުމެން ކޮށްގެން އުޅޭ ކަމެއް ނޫންކަން. އެއީ އަޅުގަނޑުމެންނަށް މިރޭ ސާފުވި އެއްޗަކީ،" ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ވިދާޅުވީ އެކަމަނާގެ އަރިހުން ފުލުހުން ސާފުކުރެއްވީ އެންމެ ކަމެއް ކަމަށެވެ.

"އެބޭފުޅުން [ފުލުހުން] އޮޅުންފިލުވަން ބޭނުންފުޅުވީ 19 ޖުލައިގައި ރައީސް ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލުކުރި ކަމަށް ބުނެ އެމަނިކުފާނަށް ލިބިވަޑައިގެން ލިޔުން ވީ ތަނެއް. ފުލުހުންނަށް ދަންނަވައިފިން އެ ލިޔުން ވީ ރާއްޖެއިން ބޭރަށް ފޮނުވާފައޭ ތަހުލީލު ކުރަން،" ލައިލާ ވިދާޅުވި އެވެ.

ލައިލާ ވިދާޅުވީ އެ ލިޔުން ފުލުހުން ހޯދާކަން އެނގިވަޑައިގެންއިރު އެ ލިޔުންވީ ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށެވެ. އަދި އެ ލިޔުން ލިބުނުހާ އަވަހަށް ފުލުހުންނާ ހަވާލުކުރައްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އާއިލާގެ ފަރާތްޕުޅުން ފުލުހުންނަށް އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ ފުލުހުން ދައްކަވާފައިވާ ވާހަކަފުޅާ ގުޅިގެން ލައިލާ ވިދާޅުވީ ފުލުހުން އެފަދަ ވާހަކައެއް ބުނެފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް މިރޭވެސް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ފުލުހުންނާ ދޭތެރޭ އެރޭ ކަންތައް ކުރީ. އަޅުގަނޑުގެ އުޅޭ ބަޔަށް ވަޑައިގެން އެބޭފުޅުން ބޭނުންހާ އިރަކު ކޯޓު އަމުރު އޮތީމަ އެބޭފުޅުން [ފުލުހުން] ބައްލަވާނެ އެއްޗެއް ބައްލަވާފައި ނިންމަވާފައި ވަޑައިގަންނަވަންދެން ވެސް އަޅުގަނޑު ނުބުނަން ނުކުމެވަޑައިގަންވާކަށް. އެއް ކޯޓު އަމުރު އެކުސްޕަޔާވެ އަނެއް ކޯޓު އަމުރު ގެންނަންދެން ވެސް އަޅުގަނޑު ނުބުނަން ފުލުހުން ގާތު ނުކުމެވަޑައިގަންނަވާކަށް،" ލައިލާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާނު ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން ލިޔުމަކަށް ބަދަލު ގެނައި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ވަގުތު އޮންލައިންގައި ޝާއިއުކުރި ލިޔުމެއްގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ފުލުހުންނަށް ހުށަގަޅާފައިވާނެ ކަމަށެވެ.

"އަދި ހަމައެއާއެކު ހަވީރު ނޫހުގައި ރިޕޯޓުކޮށްފައިވާ އޮތް އާޓިކަލެއްގައި އޮތް ލިޔުމަކާ ހަވާލާދެއްވާފައި. އަދި އާޓިކަލުގައި އެއްބަސްވުމެއް ވެފައި އޮތް ކަމަށް ހަވީރު ނޫހުން ރިޕޯޓުކޮށްފައި އޮތް ރައީސް ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލުކުރަން. އެހެންވީމަ މި މައްސަލައަކީ ވަރަށް ސެންސިޓިވް މައްސަލައަކަށް ވެފައި އެ މައްސަލައަކީ ވެސް ތަހުގީގު ކުރަން އެދޭ މައްސަލައަކަށް ވާތީ އެ މައުލޫމާތުތައް ވެސް ހިއްސާކުރިން މިރޭ ފުލުހުންނާ،" ހިސާނު ވިދާޅުވި އެވެ،

އޭނާ ވިދާޅުވީ އެ މައްސަލަތައް ވެސް މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކާއި އެކު ތަހުގީގު ކުރައްވާނެ ކަމަށް ފުލުހުން މިރޭ ވިދާޅުވެފައިވާ ކަމަށް ހިސާނު ވިދާޅުވި އެވެ.

comment ކޮމެންޓް