ދިރާގު ރޯޑުރޭސްގެ އެއްވަނަ ރިޒާ އާއި ޕެޓްރީޝިއާ ހޯދައިފި

މިއަދު ބޭއްވި ދިރާގު ރޯޑުރޭހުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު

ތިންހާހަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ހަވީރު ބޭއްވި ދިރާގު ރޯޑް ރޭހުގައި އެންމެ އަވަހަށް މާލެ ވަށައި ދެ ބުރު ޖަހައި ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރުގެ ފިރިހެން ބައިން އެއް ވަނަ އަހުމަދު ރިޒާ ހޯދައި، އަންހެނުންގެ ބައިންގެ އެއްވަނަ ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒް ހޯދައިފި އެވެ.

ދިހަ ކިލޯމީޓަރު ދުވުމުގެ އަންހެން ބައިން އެއް ވަނަ ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒް ހޯދިއިރު ދެވަނަ ހޯދާފައި ވަނީ މަރިޔަމް އަބްދުލް ކަރީމް އެވެ. ތިން ވަނައަށް ދިޔައީ ރާއްޖޭގެ އެއް ވަނަ އަންހެން ޓީޓީ ކުޅުންތެރިއާ މުއީނާ މުހައްމަދު އެވެ. އޭނަ ވަނީ މިދިޔަ އަހަރު ބޭއްވި ރޯޑުރޭހުން 10 ކިލޯމީޓަރުގެ އަންހެން ބައިން އެއް ވަނަ ހޯދައިފައެވެ.

"ހެލްޕް ޕްރޮޓެކްޓް ޗިލްޑްރަން" އެޝިއާރުގެ ދަށުން ދިރާގުން ކުރިއަށްގެންދިޔަ ރޯޑް ރޭހުގައި 10 ކިލޯމީޓަރު ރޭހުގެ ފިރިހެން ބައިން އެއް ވަނަ ރިޒާ ހޯދިއިރު ދެ ވަނަ ހޯދީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިޔާ އަހްމަދު ހަސަނެވެ. ތިން ވަނަ ހޯދާފައި ވަނީ މުހައްމަދު ރަޝީދެވެ.

ރާއްޖޭގެ ހާފް މެެރެތަން ރެކޯޑް އޮންނަ ރިޒާ އެއް ވަނަ ހޯދާފައި ވަނީ 38 މިނެޓުން ރޭސް ނިންމައިގެންނެވެ.

ފަސް ކިލޯމީޓަރު ރޭހުގެ ފިރިހެން ބައިން އެއް ވަނަ ހޯދާފައި ވަނީ ޝިފާޒް މުހައްމަދެވެ. އޭނާގެ ފަހަތުން ދެވަނަ އަށް ހުސައިން ފަޒީލް ވަނީ ރޭސް ނިންމާފައެވެ. އަދި ތިން ވަނަ އަށް ދިޔައީ ހުސައިން ރިޒާ އެވެ.

ފަސް ކިލޯމީޓަރު ރޭހުގެ އަންހެން ބައިން އެއް ވަަނަ ޒުލައިހާ އިބްރާހިމް ހޯދިއިރު ދެވަނައަށް ދިޔައީ އާމިނަތު ނަޒުރާއެވެ. އޭނާ އަކީ ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިޔެކެވެ. މިބައިން ތިން ވަނަ އަށް ރޭސް ނިންމާފައި ވަނީ އައިޝަތު މާޔާ އެވެ.
އަބްދުﷲ މަހުރީނަކީ ރޯޑު ރޭހުގައި މިދިޔަ އަހަރު ބައިވެރިވެ 45 އަހަރުން މަތީގެ ފަސް ކިލޯމީޓަރު ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދި ފަރާތެވެ. މިފަހަރު ވެސް އޭނާ ވަނީ އެބައިން އެއްވަނަ ހޯދާފައެވެ. މިބައިގެ އަންހެން ބައިން އެއްވަނަ ހޯދާފައި ވަނީ ޒާހިރާ މިތުރާ އެވެ.
ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރު ދުވުމުން 13 އަހަރުން ދަށުގެ ފިރިހެން ބައިން އެއް ވަނަ ހޯދާފައި ވަނީ މިދިޔަ އަހަރުވެސް އެބައިން އެއްވަނަ ހޯދި އައިކު އަބްދުﷲ ރިފާއެވެ. ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރު ދުވުމުން 13 އަހަރުން ދަށުގެ އަންހެން ބައިން އެއް ވަނަ ހޯދީ އައިޝަތު ނައިޝާނެވެ.
ފަސް ކިލޯމީޓަރު ދުވުމުން 13 އަހަރުން މަތީގެ އެއް ވަނަ ފިރިހެން ދުވުންތެރިޔަކަށް ގޮސްފައި ވަނީ އާދަމް ޔަނިޝް އާދިލެވެ. އަދި ފަޒްލާ ވާފިރު ވަނީ ފަސް ކިލޯމީޓަރު ދުވުމުން 13 އަހަރުން މަތީގެ އަންހެން ބައިން އެއްވަނަ ހޯދާފައެވެ.
މިފަހަރުގެ ރޯޑު ރޭސް އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ އެފަހަރު ވަނީ ރޯޑުރޭސް ފަސްކޮށްފައެވެ.

ދިރާގު ރޯޑް ރޭހުގައި 43 ގައުމެއްގެ ދުވުންތެރިން ބައިވެރިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް