ހެޕަޓައިޓިސް ބީ އާ ބެހޭ ގޮތުން ވޯކްޝޮޕެއް ބާއްވައިފި

އިއްޔެ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ހެޕަޓައިޓަސް ބީ ވައިރަސް އާ ބެހޭ ގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެކުލަވާލި ގައިޑްލައިނާ ބެހޭ ގޮތުން ވޯކްޝޮޕެއް ބާއްވައިފި އެވެ.

އިއްޔެ ބަނޑޮސް އައިލެންޑްގައި ބޭއްވި އެ ވޯކްޝޮޕް އަކީ ޑަބްލިއުއެޗްއޯ އިން އެކުލަވާލާފައިވާ ގައިޑްލައިން އަށް ޕްރެކްޓިސް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

އިއްޔެގެ ވޯކްޝޮޕުގައި ހެޕަޓައިޓިސް ބީ އާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ އިރު އެފަދަ ބައްޔެއް ޖެހިފައިވާ މީހެއް ފެނިއްޖެ ނަމަ ކަންތައް ދެން ކުރިއަށްދާނެ ގޮތް ވަނީ ކިޔައިދީފަ އެވެ.

ބައްޔަށް ޕޮޒިޓިވް ފަރާތެއް ފެނިއްޖެ ކަމުގައިވާ ނަމަ އެފަދަ ހާލަތެއްގައި ޓެސްޓްތައް ހަދާނެ ގޮތާއި ހަދާނެ ޓެސްޓުތަކާ ބެހޭ ގޮތުން އެ ވޯކްޝޮޕުގައި ވަނީ ބުނެދީފަ އެވެ.

ރާއްޖެ އިން އާއްމުކޮށް ބަލަމުން ގެންދަނީ އެމެރިކާ ފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ގައިޑްލައިނެވެ.

ޑަބްލިއުއެޗްއޯ އިން ތައްޔާރުކޮށްފައިވާ ގައިޑްލައިނަކީ ވަސީލަތްތަކުގައި އެންމެ ކުރިއަރާފައި ނުވާ ގައުމުތަކަށް އަމާޒުކޮށްގެން އެކުލަވާލި ގައިޑްލައިނެކެވެ. އެ ގައިޑްލައިންގެ ސަބަބުން އެހާ އަގުބޮޑު ޓެސްޓުތައް ނުވަތަ ފަސޭހަ ގޮތްތަކެއް އެކުލެވި ބަލިތަކަށް ފަރުވާދެވޭނެ އެވެ.

ހެޕަޓައިޓިސް ބައްޔަކީ ކޮންމެވެސް ވައިރަސްއެއް ނުވަތަ އެހެންވެސް ހާލަތެއް މެދުވެރިވެ ފުރަމޭ ނުވަތަ ލިވާ ދުޅަވުމަށް ކިޔާ ނަމެކެވެ.

ހެޕަޓައިޓިސްގެ އެކި ވައްތަރު ހުންނައިރު ހެޕަޓައިޓިސް ބީ އާއި ސީ އަކީ އޭގެތެރެއިން އެންމެ ނުރައްކާތެރި ދެ ވައްތަރެވެ. އެގޮތުން ހެޕަޓައިޓަސް ބީގެ ސަބަބުން ލިވާ ކެންސަރު ޖެހުން ފަދަ ބަލިތައް ހިމެނެ އެވެ. އެ ބަލި ޖެހެން މެދުވެރި ވަނީ ލޭ އެޅުމުގެ ސަބަބުން ނުވަތަ ޖިންސީ ގުޅުން ހިންގާއިރު ރައްކާތެރި ނުވުމުގެ ސަބަބުންނެވެ.

ހެޕަޓައިޓިސް އީ ޖެހުމުގެ ސަބަބުން ހުން އައިސް ހޮޑުލެވުން ފަދަ ކަންތައްވި ކަމުގައިވި ނަމަވެސް އެއީ އެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް