ބައިނަލްއަގުވާމީ މަސްރަހުގައި ކުދި ގައުމުތަކުގެ ދައުރު ވެސް މުހިއްމު: ދުންޔާ

ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާއެއްގައި ޚާރިޖީ ވަޒީރު ދުންޔާ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޚާރިޖީވުޒާރާ

ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުން ވެސް އަދާކުރަމުން އަންނަނީ މުހިންމު ދައުރެއް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޚާރިޖީ ވަޒީރު ދުންޔާ ޖަޕާނަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވަނީ މިނިވަންކަމުގެ ދަތުރުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ ތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

"އަޅުގަނޑުމެން މި އިމްތިހާން ހަމަކަނި ކާމިޔާބުކުރީކީ ނޫން، ބައިނަލްއަގްވާމީ މަސްރަހްގައި ކުދި ގައުމުތަކަށް ވެސް މުހިއްމު ދައުރެއް އަދާކުރެވިދާނޭކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، 1965 ވަނަ އަހަރު މިނިވަންކަން އިއުލާނު ކުރި ގައުމުތަކުގެ ތެރޭގައި ކުޑަ، ފަގީރު އަދި ތަރައްގީ ނުވެއޮތް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވީނަމަވެސް، މިއަދު ރާއްޖެ މިވަނީ ބައިނަލްއަގްވާމީ މަސްރަހަށް މުހިއްމު މައްސަލަތަކުގައި އަމިއްލައަށް އިސްނަގައި އެކަންކަން އަމަލީ ގޮތުން ދައްކުވައިދީފައި ކަމަށެވެ.

"... މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި އެކަން ކުރިއެރުވުމަށާއި އަދި ކުދިގައުމުގެ ތަކުގެ ސަލަމަތީ ކަންކަމަށް ރާއްޖެއިން ވަނީ އިސްނަގައިގެން މަސައްކަތްކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ޖަޕާން-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ލީގުގެ މެންބަރުންނާއި ނޭޝަނަލް ޑައެޓް އޮފް ޖަޕާންގެ މެންބަރުންނާއި ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އިސްބޭފުޅުންނާއި ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސްވެރިންނާއި ޖަޕާނުގައި ދިރިއުޅޭ ބައެއް ދިވެހިރައްޔިތުން ވެސް ބައިވެރިވިއެވެ.

ދުންޔާގެ މިދަތުރުފުޅަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ދަޢުވަތަކަށް، ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވާރލްޑް އެސެމްބްލީ ފޮރ ވިމެން 2015" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި އެސެމްބްލީގައި "ގާލްސް އެޑިއުކޭޝަން" އާ ގުޅޭގޮތުން ބާއްވާ ޕެނަލްގެ ޕެނަލިސްޓެއްގެ ގޮތުގައި ދުންޔާ ބައިވެރިވެ ވަދައިގަތުމަށް ވަނީ ހަަމަޖެހިފައެވެ.

ޚާރިޖީ ވަޒީރު ދުންޔާގެ މިދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަޕާނުގެ ޚާރިޖީ ވަޒީރު ފުމިއޮ ކިޝިޑާ އަދި ޖަޕާނު ސަރުކާރުގެ އިސްބޭބޭފުޅުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް