ކަސްޓަމްސް އިން ބައިނަލްއަގުވާމީ އިތުރު މުއާހަދާއެއްގައި ސޮއިކުރަނީ

ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބައިނަލްއަގުވާމީ މުއާހަދާއެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ދުނިޔޭގެ ކަސްޓަމްސްތަކުގެ ފެންވަރު ބަލައި އުސޫލްތައް ބަޔާންކުރާ މުއާހަދާ ކަމަށްވާ ރިވައިޒް ކިޔޯޓޯ ކޮންވެންޝަން (އާރްކޭސީ)ގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.

"އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިކޮންވެންޝަނުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ދުނިޔޭގެ ބިޒްނަސް ރޭކިންގައި ކުރި ހޯދުމަށް ދަނީ މަސައްކަތް ކުރަމުން،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ކަސްޓަމްސްއިން މަސައްކަތްކުރަނީ ބައިނަލްއަގުވާމީ ދާއިރާއިން ކުރިހޯދުމަށް ކަމަށާއި ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރަނީ ހިދުމަތްތައް ޒަމާނީކޮށް ފެންވަރު ރަނގަޅު ކުރުމުގެ އަޒުމާއެކު ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން 100 ޕަސެންޓް ކަސްޓަމްސް ޑިކްލަރޭޝަނަށް ބަދަލުކުރުމަކީ އަމާޒު ކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ކަސްޓަމްސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ނިޒާމް ކަމަށްވާ "ކަސްޓަމްސް ހިޔާ" އިފްތިތާހްކޮށްދެއްވައިފައެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި 300 ފްލެޓު އިމާރާތް ކުރަން ވަނީ ނިންމައިފައެވެ.

އައްބާސް ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުނަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލިބޭ މުސާރައިގެ ބޮޑު ބައެއް ދިރިއުޅޭ ތަނަށް ކުލި ދައްކަން ޖެހުން ކަމަށާއި އެހިޔާގެ ސަބަބުން މުވައްޒަފުންނަކީ ފުދުންތެރިބައެއްގޮތަށް ދެމެހެއްޓިގެންދާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ކަސްޓަމްސް މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އެމުއައްސަސާގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާނާއި ޝަރަފުގެ ކުލަ ދިނުމަށް ނިންމައި އެކަން އިފްތިތާހް ކޮށްފައެވެ.

އައްބާސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަށް ޝަރަފުގެ ނިޝާނާއި ޝަރަފުގެ ކުލަ ދިނުމުގެ ބޭނުމަކީ ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓުމަށް މުވައްޒަފުންނަކީ މަސައްކަތަށް ޝައުގުވެރިވާ ބަޔަކަށް ހެދުން ކަމަށެވެ. ހަމައެހެންމެ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކަސްޓަމްސްއަށް ރީތިނަންހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

މިރޭ ވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެ ކުރި ކުންފުނިތަކާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތްތައް އަގުވަޒަން ކުރުމަށް އެވޯޑެއްދީފައެވެ.

ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ އެސްޓީއޯ އާއި ލިލީ އެންޓަޕްރައިސް އާއި ކޯސްޓްލައިން އެވެ.

މިދިޔަ ފަސް އަހަރު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްގެން އެވޯޑް ލިބިފައިވަނީ މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ލިމިޓެޑަށާއި ހޮރައިޒަން ފިޝަރީޒް އާއި އެންސިސް އަށެވެ.

comment ކޮމެންޓް