ޖީއެސްޓީގައި ފޭދިގެންދާ ބައި މަދެއްނުވާނެ، ނަމަވެސް ކަސްޓަމްސް ޑިއުޓީގައި އެހެން ނުވާނެ: ރައީސް

ކަސްޓަމްސް އަށް 125 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)ގެ ތެރޭގައި "ފޭދިގެން" ދާ ބައި މަދު ނުވާނެ ކަމަށާއި ނަމަވެސް ކަސްޓަމްސް ޑިއުޓީގައި އެހެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ކުރެވިގެންދިޔަ ކަމަކީ ދުނިޔެ ގަބޫލްކުރާ ފެންވަރަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުން ކަމަށެވެ. އިމްޕޯޓް ޑިއުޓީއަކީ މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވަސީލަތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޖީއެސްޓީގެތެރޭގައި ފޭދިގެންދާ ބައި މަދުނުވާނެ ކަމަށާއި ނަމަވެސް އިމްޕޯޓް ޑިއުޓީގައި އެހެން ނުވާނެ ކަމަށެވެ.

"ރާއްޖޭގެ ފިހާރައަކުން ވިއްކާ މުދަލަކުން ޖީއެސްޓީ ނަގާ ކަމަންވަންޏާ މީގެ ތެރޭގައި ޝައްކެތްވެސްނެތް މީރާއިން އަދި ކިތަންމެ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވީނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ފިހާރަތަކުން އޮޑިޓެއް ހަދާ ކަމަށްވަންޏާ ނޫނީ ޕަންޗުކުރާ ކޮންމެ ވިކުރާއަކުން އަޅުގަނޑުމެން ބަލާކަމަށްވަންޏާ އަޅުގަނޑު ނުދަންނަވާނަން ޖީއެސްޓީ ލިބެނީ އަޅުގަނޑުމެންނަށް ލިބެންވާވަރަކަށޭ. ޖީއެސްޓީގެ ތެރޭގައި ހަމަ ޝައްކެއްވެސް ނެތް ގޮތުގައި ފޭދިގެންދާ ބައިތަކެއް ވާނެ. އެހެން ނަމަވެސް ކަސްޓަމް ޑިއުޓީ ނަގާކަމަށްވަންޏާ ފޭދިގެން ދާ ބައެއް ނޫޅޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ކުރެވޭ މަސައްކަތަކީ، ކަސްޓަމްސްގެ މަސައްކަތަކީ ވިޔަފާރިތަކަށް ފަހި މާހައުލަކަށް ހެދުން ކަމަށެވެ. ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތަކީ ގައުމީ ސަލާމަތާއި ގުޅިލާމެހިފައިވާ މަސައްކަތެއް ކަމަށާއި ރާއްޖެއަށް އެތެރެވާ ނުރައްކާތެރި މުދަލާއި ކަންކަން ހުއްޓުވުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަންޖެހޭ ބަޔަކީ ކަސްޓަމްސް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކަސްޓަމްސްގެ ހިދުމަތަށް ހަލުވިކަން ގެނައިނަމަވެސް ޕޯޓަށް ކުރިއެރުން ނައިސް ބޭނުންވާ ހަލުވި މިނުގައި ކުރިއަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ޕޯޓް ބޮޑުކުރެވޭކަށް ނެތް ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި މަލޭގެ ޕޯޓް ރީލޮކޭޓް ކުރެވި ފަސޭހަ ޕޯޓަކަށް ހެދުން ކަމަށްވެސް ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް