ޑރ. ޝަހީމްގެ އަޑުން ރިކޯޑުކޮށްފައިވާ އައްމާ ފޮތުގެ ގުރުއާން ސީޑީ ނެރެފި

ޑރ. ޝަހީމްގެ އަޑުފުޅުން ރިކޯޑުކޮށްފައިވާ އައްމާ ފޮތުގެ ގުރުއާން ސީޑީ ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމު ނެރެދެއްވަނީ: ސަން ފޮޓޯ/ އިސްބާހު އިސްމާއިލް

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަޑުން ރިކޯޑު ކޮށްފައިވާ ކީރިތި ޤުރްއާނުގެ ޢައްމާ ފޮތުގެ ސީޑީ މިރޭ ނެރެފި އެވެ.

ހޮޓެލް ޖެންގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ސީޑީ ނެރެދެއްވީ ޑރ. ޝަހީމްގެ ދޮށީ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމެވެ.

ޝަހީމް ވިދާޅުވީ، "އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ޤުރްއާން އެއްކޮށް ރިކޯޑު ކުރެވި، ނެރެވޭނެ" ކަމަށެވެ. އޭނާ ވިދާޅުވީ، ސީޑީ ވިއްކައިގެން ލިބޭ އެއްވެސް ފައިސާއެއް އަމިއްލަ ކަންކަމަށް ބޭނުން ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ސީޑީ ވިއްކައިގެން ލިބޭ ފައިސާއިން ގުރުއާނުގެ އިލް ފެތުރުމުގެ މަސައްކަތް ކުރުމަށް ވަގުފް ކޮށްފައިވާ ކަމަށެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ޝަހީމް ވަނީ އޭނާގެ އަމިއްލަ އަޑުފުޅުން ކީރިތި ގުރުއާން ރިކޯޑު ކުރުމުގެ މަސައްކަތް ފައްޓަވާފައި -- ސަން ފޮޓޯ/ އިސްބާހު އިސްމާއިލް

"އަޅުގަނޑުގެ އަމިއްލަ އެއްވެސް ކަމަކަށް މީގެން ލިބޭ އެންމެ ސެންޓެއް ވެސް އަޅުގަނޑު ހަރަދެއް ނުކުރާނަން. މި ސީޑީގެ ހުރިހާ ކަމެއް ޖަމީޢަތުލް ރަހްމާއަށް ވާނީ ހަވާލު ކުރެވިފައި. އެބޭފުޅުން ނިންމަވާނީ ހުރިހާ ކަމެއް ވެސް އެ އޮންނަ އުސޫލުގެ ތެރެއިން ގުރުއާނުގެ އިލްމަށް ހަރަދު ކުރަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ އަޑުން ރިކޯޑު ކޮށްފައިވާ އެ ސީޑީ މާލެއާއި، ފުވައްމުލަކާއި، އައްޑޫ ސިޓީން ލިބެން ހުންނާނެ އެވެ. އަދި ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުން ވެސް ލިބެން ހުނާނެއެވެ. އޭގެ ތެރޭގައި އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސި ވިލާތް ހިމެނެއެވެ.

ޝަހީމްގެ އަޑުފުޅުން ރިކޯޑު ކޮށްފައިވާ ކީރިތި ގުރުއާނުގެ އައްމާ ފޮތުގެ ސީޑީ އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރާ (ކ) ހަވާލުކޮށްދެއްވަނީ: ސަން ފޮޓޯ/ އިސްބާހު އިސްމާއިލް

ޑރ. ޝަހީމް ވިދާޅުވީ، އައްމާ ފޮތުގެ ސޫރަތްތައް ރިކޯޑުކޮށް ނެރުމަށް ނިންމެވީ ގިނަ އަދަދެއްގެ ކުޑަކުދިން އެކަމަށް އެދޭތީ ކަމަށެވެ.

comment ކޮމެންޓް