ސިޔާސީ ދާއިރާއަށް ދެން އެނބުރި ދިއުމުގެ ވިސްނުމެއް ނެތް: ޑރ. ޝަހީމް

މިރޭގެ ހަފުލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އިސްބާހު އިސްމާއިލް

ސިޔާސީ ދާއިރާއަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ކިޔަވައި ވިދާޅުވެފައިވާ ޤުރުއާން ސީޑީއެއް އިފްތިތާހުކުރުމަށް މިރޭ ހޮޓެލް ޖެންގައި ކުރިއަށްދާ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، "ހަގީގަތުގައި ދެން ސިޔާސީ ދާއިރާއަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް" ކަމަށެވެ.

"އަޅުގަނޑު ގުރުއާން ރިކޯޑު ކުރުމުގެ މަސައްކަތް މި ފެށީ ވަރަށް އިހުލާސްތެރި ކަމާއެކީ އިސްލާމްދީނުގެ އެންމެ މަތިވެރި ފޮތް ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށްޓަކައި. މިއީ އަޅުގަނޑު ފެށި ވަރަށް ބޮޑު މަޝްރޫއުއެއް. މީގައި އެއްވެސް އެހެން މަގުސަދެއް ނުވޭ. ބައެއް ފަހަރު ބައެއް ބޭފުޅުން ވިދާޅުވޭ ޝަހީމް އަނެއްކާ އަލުން އެނބުރި އައުމަށްޓަކައި ކުރާ ކަމެއްބާއޭ މިއީ. އެއްގޮތަކަށް ވެސް އެހެނެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ، އޭނާގެ އަޒުމަކީ ކީރިތި ގުރުއާނުގެ ހާއްސަ މަޝްރޫއުއެއް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން މިޒަމާނުގެ އިލްމީ ޓެކްނޮލޮޖީގެ ތެރެއިން ޒުވާން ޖީލަށް ގުރުއާނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އޭނާގެ އަޒުމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ވަރަށް އަވަހަށް ކީރިތި ގުރުއާނާ ގުޅޭ ހާއްސަ ވެބްސައިޓެއް ވެސް ގާއިމުކުރައްވާނޭ ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާ ވެސް ނަސޭހަތަކީ ހުރިހާ ދަރިވަރުންނަށް ވެސް ހުރިހާ ބެލެނެވެރިންނަށް ވެސް ގުރުއާން، ދަރިވަރުންނަށް އުނގަންނައިދެއްވުމަށް މަސައްކަތް ކުރަން. އޭރުން ހެޔޮ މަގުގައި ހެޔޮ ކަންކަމާއި ދިމާލަށް މީހަ އިރާދަކުރެއްވިއްޔާ ގެންގޮސްދޭނެ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް ޑރ. ޝަހީމްގެ އަޑުން ގުރުއާން ރިކޯޑު ކުރެއްވުމަށް ވަރަށް ބޮޑަށް އެދިލެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ މަސައްކަތް ކުރެވިފައި ނުވީ އޭނާ މީގެކުރިން ހުންނެވި މަގާމުގެ ސަބަބުން އަމިއްލަ ކަންތައްތަކަށް ވަގުތު ނުދެއްވޭތީ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް