މައި ކޮލެޖުން ޅެންވެރިންގެ ހަވީރެއް ބާއްވައިފި

ޝަރަފުވެރި މެހުމާނު އަބްދުއްރަޝީދު ހުސައިން ހާޒިރީންނާ މުހާތަބު ކުރައްވަނީ --

މިނިވަން 50 އާ ގުޅިގެން ދަރިވަރުންގެ މެދުގައި ގައުމީ ރޫހު އާލާކޮށްދީ ގައުމީ ޖޯޝް އުފެއްދުމުގެ ގޮތުން މައި ކޮލެޖުގެ ފަރާތުން ޅެންވެރިންގެ ހަވީރެއް ބާއްވައިފި އެވެ.

ެމައި ކޮލެޖުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ގައުމީ ތިން ލަވަ، " މިނިވަން ވަޔާ ކުޅެލާށެ ތާޒާ" އާއި ޖޯޝޭ ގެނައި މި ގައުމީ އުފާ" އާއި "މީރާއްޖެއޭ ރީތި" އެ ތިން ލަވައިން ގައުމީ ރޫހާއި ގައުމީ ޖޯޝް އުފައްދާ ވަރުގެ މައްޗަށް ދަރިވަރުންގެ މެދުގައި ވަނީ މުތާލިއާކޮށްފަ އެވެ. އަދި އެ ތިން ލަވަ ކުދީންނަށް ދޭހަވި އެއްޗެއް ޕެނަލިސްޓުންނަށް ހުށަހެޅުމުން ޕެނަލިސްޓުން ވަނީ، އެ ތިން ލަވައިގެ ޝަރަހަ އެ ދަރިވަރުންނަށް އިތުރަށް ފުރިހަމަކޮށްދީފަ އެވެ.

އެ ހަފްލާގެ ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ދެވި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގާއި މުހައްމަދު ނަޝީދު (ކާނަލް) އާއި ޝަހުމާ އެވެ. އަދި އެ ހަފްލާގެ ޝަރަފުވެރި މެހުމާނަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްރަޝީދު ހުސައިން އެވެ.

އެ ހަފްލާގައި އެ ކޮލެޖުގެ ރެކްޓަރު ޑރ. އާމާލު އަލީ ވަނީ ސިންގަޕޫރުގެ ގައުމީ ދެ ލަވައެއް ދަރިވަރުންނަށް ހުށަހަޅުއްވައި ދެއްވައި އެ ދެ ލަވައިން ގައުމީ ރޫހު އާލާކޮށްދޭ ނިސްބަތުގެ މައްޗަށް ބަހުސު ކުރުމަށް ދަރިވަރުންނަށް ފުރުސަތު ދެއްވައިފަ އެވެ.

އެ ކޮލެޖުގެ ރެކްޓަރު ޑރ. އާމާލު އަލީ ވާހަކަ ދައްކަވަނީ --

ޑރ. އާމާލު ވިދާޅުވީ އެފަދަ ހަފްލާއެއް ކޮލެޖުގެ ފަރާތުން ބޭއްވީ ދަރިވަރުންގެ މެދުގައި ގައުމީ ރޫހު އާލާކޮށް، އަށަގެންނެވުމުގެ މަގްސަދުގައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރި، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖޭ މިހާތަނަށް ދެމެހެއްޓެވީތީ، އެއީ ދިވެހީން ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ހަމަ އެއާ އެކު ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ މިނަވަންކަން ދެމެހެއްޓެވި ބޭފުޅުންނާ މެދު ދަރިވަރުންގެ މެދުގައި ލޯބި އިތުރު ކުރެވޭނީ ވެސް ދަރިވަރުންގެ މެދުގައި އެފަދަ މުނާސަބަތުތައް ފާހަގަކޮށްގެން ކަމަށް އާމާލު ވިދާޅުވި އެވެ.

comment ކޮމެންޓް