މައްސަލަ ތަހުގީގު ކުރުމުގައި ނަޝީދުގެ އާއިލާއިން އެއްބާރުލުމެއް ނުދޭ: ފުލުހުން

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްކޮށް ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނެ އެމަނިކުފާނަށް ހަވާލުކޮށްފައިވާ ލިޔުމުގެ ހަގީގަތް ހޯދުމަށް ފުލުހުން ހިންގާ ތަހުގީގަށް ރައީސް ނަޝީދުގެ އާއިލާއިން ލިބެންޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑް ހަމްދޫން ރަޝީދު ވިދާޅުވީ ލިޔުން ހިފައިގެން ދިޔަ މީހާ ޔާގޫތުގެއަށް ވަންނަ ތަން ފެންނަ ވީޑިއޯ ފުޓޭޖް ރައީސް ނަޝީދުގެ އާއިލާއިން ފުލުހުންނަށް ހުށަހެޅި ކަމުގައިޔަސް، އިތުރު ސީސީޓީވީ ފުޓޭޖެއް ދިނުމަށް ފުލުހުން ރޭ އެދިފައިވާނެ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދުގެ އާއިލާ އިން އެ ފްޓޭޖު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިޔައީ އެ ލިޔުން ދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ހެކި ހޯދަން. އެކަމަކު އެކަމަށް އާއިލާއިން އެއްބާރުލުން ނުދިނީތީ ހިތާމަ ކުރަން،" ހަމްދޫން ވިދާޅުވި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ މ. ޔާގޫތުގޭގައި ބޭނުންކުރާ ސީސީޓީވީގެ ޑޭޓާ ރައްކާ ކުރާ ހާޑްޑިސްކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހަމްދޫން ވިދާޅުވީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ފުލުހުންނާ ހަވާލު ކުރި ލިޔުމަކީ އެމަނިކުފާނަށް ޓައި އަޅައިގެން ހުރި މީހާ ހަވާލުކުރި ކަމަށް ބުނާ ލިޔުމުގެ ކޮޕީއެއް ކަމަށެވެ. އޭގެ އަސްލު ހޯދަން އެދުމުން އެ ލިޔުމުގެ ހަގީގަތް ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވާ ކަމަށް ހަމްދޫން ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް [ފުލުހުންނަށް] ހުށަހަޅާފައި ވަނީ ހަމަ އެއް މައްސަލައެއް. އެއީ ލިޔުމުގެ މައްސަލަ. ދެން އަޅުގަނޑުމެން މި ދަނީ ފޮރެންސިކް ތަހުގީގެއް ކުރަމުން. އަޅުގަނޑުމެން ފުރަތަމަ މި ގެންދަނީ ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުން. ހެކި އެއްކުރުމަށްފަހު ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރާނަން،" ހަމްދޫން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އާއިލާއިން ފުލުހުންނާ ހަވާލުކުރި ފުޓޭޖާއި ރޭ ފުލުހުން ގޮސް ކޯޓު އަމުރެއްގެ ދަށުން ހޯދި ފުޓޭޖްގައި ތަފާތެއް ހުރިތޯ ވެސް ފުލުހުން ބަލާނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ. ނަމަވެސް އެކަން އެނގޭނީ ފޮރެންސިކް ތަހުލީލުތަކަށް ފަހުގައި ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް އެކަން ހާމަކުރައްވާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.

comment ކޮމެންޓް