ތިން ވަނަ އަހަރީ ވޭލް ޝާކް ފެސްޓިވަލްގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ބައިވެރިވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އދ. މާމިގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޭލް ޝާކް ފެސްޓިވަލްގައި އެލައިޑުން ޕާޓްނަރެއްގެ ގޮތުގައި މިއަދު ބައިވެރިވުމަށް ނިންމީ، ރާއްޖޭގެ ތިމާވެއްޓާއި މޫދުގެ މުހިއްމުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ތިމާވެށީގެ ނާޒުކުކަން ދެނެގަނެ އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް އެލައިޑުން ވަނީ ބުނެފައެވެ. އެގޮތުން ވޭލް ޝާކް ފެސްޓިވަލްގައި ވޭލް ޝާކް ރިސާޗް ޕްރޮގްރާމުން ހިންގާ ހަރަކާތްތަކުގައި އެލައިޑުން އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާ ކުރާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއަހަރުގެ ފެސްޓިވަލްގައި ޖުމްލަ ހަތް ރަށަކުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. އެ ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ވެސް ބައިވެރިވާނެއެވެ.
މިއަހަރުގެ ފެސްޓިވަލް ރާވާފައިވަނީ ބައިނަލްއަގުވާމީ ވޭލް ޝާކް ދުވަހާ ގުޅުވައިގެންނެވެ. މިއަހަރު ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އޭގެތެރޭގައި މުޅިން އާ ހަރަކާތްތަކެއް ތައާރަފު ކުރާނެ ކަމަށްވެސް އެ ފެސްޓިވަލުގެ އޯގަނައިޒަރުން ވަނީ ބުނެފައެވެ.