އެންމެ ނަންބަރަކަށް ގުޅައިގެން ދައުލަތުގެ ހުރިހާ އިދާރާތަކަށް ގުޅާލެވޭ ޚިދުމަތެއް ތައާރަފުކުރަނީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އުމަރު ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ނަންބަރަކަށް ގުޅާލައިގެން ދައުލަތުގެ ކޮންމެ އިދާރާއަކަށް އަދި ކޮންމެ އޮފީހަކަށް ވެސް ގުޅާލަދޭ ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީ އާއި ދިރާގާ ގުޅިގެން ފަށައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައިފައެވެ.

ރާއްޖޭގެ ކޮމިއުނިކޭޝަންގެ ޕޯޓްފޯލިއޯ މިވަގުތު އޮންނަނީ ހޯމް މިނިސްޓްރީގެ ދަށުގަ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ދިރާގާ ހޯމް މިނިސްޓްރީ ގުޅިގެން ތައާރަފް ކުރަން އުޅެނީ "ސިންގަލް ނަމްބާ ޕްރޮޖެކްޓެއް" ކަމަށެވެ.

"ދިރާގާ ގުޅިގެން އަޅުގަނޑުމެން މި އަންނަނީ ސިންގަލް ނަންބާ ޕްރޮޖެކްޓެއް ރާވަމުން. މާނައަކީ އެ ކަނޑައަޅާފަ އިންނަ ނަމްބަރަކާ ގުޅާލީމަ އެ ނަންބަރަކުން ދެން ޕާސްކޮށްދޭނެ އެމީހަކު އެ ބޭނުންފުޅުވާ ތަނަކަށް. އެހެންވީމަ އާންމުންގެ އެއްވެސް ބޭފުޅަކަށް ނުޖެހޭނެ ބައިވަރު ނަންބަރުތަކެއް ގެންގުޅޭކަށް. ހަނދާންކުރަން ޖެހެނީ އެންމެ ނަންބަރެއް،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އެކަމުގެ ސްޓަޑީއެއް ހެދުމަށް މިހާރު ދިރާގާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދިރާގަކީ މިހާރުވެސް ރާއްޖޭގައި އެންމެބޮޑު ކޯލް ސެންޓަރެއް ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށާއި ދިރާގު ފަދަ ކުންފުންނަކާ ހަވާލުކޮށްގެން އެފަދަ ޕްރޮޖެކްޓެއް ފުރިހަމަ ކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ދައުލަތުގެ ނުވަތަ ސަރުކާރުގެ ކޮންމެ އޮފީހަކަށް ގުޅަން ބޭނުންވިޔަސް މިހާރު ޖެހެނީ އެ ތަންތަނުގެ ނަންބަރުތައް ވަކިން ހޯދާށެވެ. އަންނަ އަހަރު އެ ޚިދުމަތް ތައާރަފް ކުރެވޭތޯ ހޯމް މިނިސްޓްރީއާ ދިރާގާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް