އުރީދޫގެ ޑޭޓާ ޕެކޭޖްތައް އެހެން ފަރާތްތަކާ އެކު ޝެއާ ކުރެވޭގޮތް ހަދައިފި

އުރީދޫ އިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސް ގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ (ވ) ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު

އެހެން ފަރާތްތަކާ އެކު ޝެއާ ކުރެވޭ ކަހަލަ ދެ ޕެކޭޖެއް އުރީދޫ އިން ތައާރަފުކޮށްފިއެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ 'އުރީދޫ ޑޭޓާ ޝެއާ' ޚިދުމަތް ތައާރަފްކޮށްފައި ވަނީ 'ޝުކުރިއްޔާ ދިވެހި ރާއްޖެ' ކެމްޕެއިންގެ ދަށުން ކަމަށެވެ.

އުރީދޫން ތައާރަފްކޮށްފައިވާ ދެ ޕެކޭޖަކީ 'ޑޭޓާ ޝެއާ 699' އަދި 'ޑޭޓާ ޝެއާ 1299' ޕެކޭޖެވެ.

ޑޭޓާ ޝެއާ 699 ޕެކޭޖަށް 10 ޖީބީގެ އެލަވަންސް ލިބެއެވެ. 699 ރުފިޔާގެ އެ ޕެކޭޖް ތިން މީހުންގެ މެދުގައި ޝެއާ ކުރެވިދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޑޭޓާ ޝެއާ 1299 ޕެކޭޖަށް 25 ޖީބީގެ އެލަވަންސް ލިބެއެވެ. 1299 ރުފިޔާގެ އެ ޕެކޭޖް 5 މީހުންގެ މެދުގައި ޝެއާ ކުރެވެއެވެ.

ޑޭޓާ ޝެއާ މެދުވެރިކޮށް އެކި ޑިވައިސްތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އެކި ޑިވައިސްތަކުގެ މެދުގައި ޑޭޓާ ބަހާލައިގެން ބޭނުންކުުރުމުގެ ފަސޭހަކަން ލިބޭނެ ކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

"މި ޕެކޭޖްތައް ފަރުމާކޮށްފައި މިވަނީ ކުޑަ އާއިލާ އަކަށް ވިސްނުން ބަހައްޓައިގެން. މިހާރު އެކި ޕެކޭޖްތަކެއް ނަގާކަށް ނުޖެހޭނެ. އެއް ޕެކޭޖުން ފުދޭނެ،" ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫގެ އަމާޒަކީ ޑޭޓާ ޕެކޭޖްތައް ވީހާ ވެސް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޭޓާ ޝެއާ ޕެކޭޖް ލިބިގަތުމަށް '699' ނުވަތަ '1299' ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން ޚިދުމަތް ލިބޭނެ ކަަމަށް އުރީދޫ އިން ބުންޏެވެ.

އެހެންފަރާތްތަކާ އެކު ޑޭޓާ އެލަވަންސް ޝެއާ ކުރުމަށް، ޝެއާ ކުރަން ބޭނުންވާ ޖީބީގެ މިންވަރާއި ޝެއާކުރަން ބޭނުންވާ ފަރާތުގެ ނަމްބަރު ޖެހުމަށް ފަހު 5566 އަށް ފޮނުވުމުން ޝެއާ ކުރެވޭނެ ކަަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އެހެން ޑޭޓާ އެޑް އޮން ތަކާ އެއްގޮތަށް ޑޭޓާ ޝެއާ ވެސް ބޭނުންކުރެވޭނީ 30 ދުވަހުގެ މުއްދަތަށް ކަަމަށް އުރީދޫ އިން ބުންޏެވެ.

ޑޭޓާ ޝެއާ ކޮށްފައިވާ ފަރާތަކުން، ޝެއާ ކުރި މިންވަރަށް ވުރެ އިތުރަށް ބޭނުންކޮށްފިނަމަ އެ ކަސްޓަމަރަަކަށް ޗާޖްކުރާނީ ވަކިން ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އެކަމާ ޑޭޓާ ޝެއާ ޕެކޭޖް ނެގި ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް