އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސް އަށް ލިބިދޭ އިސްލާހު އަނބުރާ ފޮނުވާލައިފި

ރައީސް އަބްދުﷲ ޔާމީން: ރައީސް ޔާމީން މިއަދު ވަނީ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރާ މީހެއްގެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ގޮތަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާލައްވައިފި އެވެ.

އެ ބިލާ ގުޅޭ ގޮތުން ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެ ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރު އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ މާއްދާގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެ އަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއް ކަމުގައި ވާހިނދު އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަށް އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމަކީ ވެސް މައާފްކޮށް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.

އެ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަކީ ވެސް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިއެއް ކަމަށެވެ.

އެ އިސްލާހު އެގޮތަށް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ގޭބަންދަށް ބަދަލުކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިގެންދާނެ އެވެ.

ތާރިގު ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ބައެއް ގާނޫނުތަކުގައި އަދަބު ކަނޑައަޅާ ބާވަތްތަކާއި މިންގަނޑުތަކަށް ބަދަލު އައިސްފައިވާތީ އެ ގާނޫނުގެ މަގްސަދު ފުރިހަމައަށް ހާސިލް ކުރުމަށް ކަމަށެވެ.

comment ކޮމެންޓް