ސިއްހީ ދާއިރާއިން ފުރުސަތުތަކެއް ހޯދުމަށް ނޭޕާލްގެ ދެ ޔުނިވާސިޓީއަކާ އެކު އެއްބަސްވެއްޖެ

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ތަރައްގީކޮށް ބިނާކުރުމަށްޓަކައި ފުުރުސަތުތައް ހުޅުވައިދިނުމަށް ނޭޕާލްގެ ދެ ޔުނިވާސިޓީ އަކާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ނޭޕާލްގެ ޓްރިބުވަން ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް މެޑިސިން އާއި ނޭޝަނަލް އެކެޑެމީ އޮފް މެޑިކަލް ސައިންސް (ނާމްސް) އާ ދެމެދުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ޓްރިބުވަން ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޑީން އޮފް ޕްލޭނިން، ޕްރޮފެސަރު ޑރ. ބިމާލް ކުމާރު ސިންހާ އެވެ. އަދި ނާމްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. ގަނޭޝް ބަހާދުރު ގްރުންގް އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެ ދެ ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތުތައް ލިބިގެން ދާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި އެ ޔުނިވާސިޓީތަކުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން މިހާތަނަށް 89 ދިވެހިން ވަނީ ނޭޕާލުން ތަމްރީންވެފައެވެ. މިއަދު ސޮއި ކުރެވުނު ދެ ޔުނިވާސިޓީގައި މިހާރުވެސް 14 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް