"އެ ވަގުތު އަގުލަބިއްޔަތު އޮންނަ ގޮތަކަށް ކަންކަން ނިމިގެން ދާނީ"

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު: ފޮޓޯ/ މަޖިލިސް އިދާރާ

ބަރުލަމާނީ އޮޑި ދަތުރު ކުރަމުން ދަނީ އޭގައި ވަރުހުރެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލެއްވިކަން އިއުލާނު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މަސީހު މިއަދު ވިދާޅުވީ ރާއްޖޭގައި ޑިމޮކުރަސީ ހިނގަމުން ދަނީ ރަނގަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަ ވަނީ ވަރަށް އެކުވެރިކަމާއި އެކުގައި ކަމަށެވެ. އަދި މެމްބަރުން ކުރައްވާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

"މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި މެމްބަރުން ވާހަކަފުޅުދައްކަވާ. ވަރަށް ފެޝަނޭޓާ އެކު މެމްބަރުން ވާހަކަފުޅުދައްކަވާ. ވަރަށް އެކުވެރިކަމާ އެކީ ވާހަކަދައްކަވާ. ރައްޔިތުންގެ އަޑު އެބަ އުފުލެމުންދޭ. މި ހުރިހާ މަސައްކަތެއް މެމްބަރުން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ޓަކައި. ދިވެހިރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދިނުމަށް ޓަކައި،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހަލުވި ސުޕީޑެއްގައި ކުރިއަށް ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ އިތުރުން ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން ކަންކަމުގައި ވާހަކަދައްކާ ކަންކަން ނިންމަން އޮންނަ އުސޫލުން ކަންކަން ނިންމަނީ. އެވަގުތު އަގުލަބިއްޔަތު އޮންނަ ގޮތަކަށް ކަންކަން ނިމިގެން ދާނީ،،" މަސީހު ވިދާޅުވި އެވެ.

މަސީހުގެ ވާހަކަފުޅުގައި ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރަކީ ވަރަށް އުފެއްދުންތެރި ދައުރެއް ކަމަށެވެ. ޖުމުލަ 26 ބިލެއް ފާސްކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ހުށަހެޅި 22 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި ހަ މައްސަލައެއް ނިންމާފައިވާ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެނިހެން މައްސަލަތަކުގެ ތެރެއިން 11 މައްސަލައަކާއި މިނިސްޓަރުންނާ އެއް ސުވާލު ކުރެވުނުކަން އޭނާ ވަނީ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ 96.6 ޕަސެންޓް މަސައްކަތް ނިމުނު ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް