ގުޖުރާތު ހަމަނުޖެހުމުގައި ހަތް މީހަކު މަރުވެ، ސަލާމަތީކަންކަން ވަރުގަދަކޮށްފި

ގުޖުރާތުގައި ސިފައިން ހަރަކާތްތެރިވަނީ --

އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީގެ އުފަން ރަށް، ގުޖުރާތުގައި ކާސްޓުންގެ މެދުގައި ތަޅާފޮޅައި ހަތް މީހަކު މަރުވެ، ހަމަނުޖެހުން ބޮޑުވުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

ހަމަނުޖެހުން ބޮޑުވީ ނުފޫޒު ގަދަ ޕެޓަލް ކްލޭންގެ ޒުވާން ލީޑަރަކު އިސްވެ ހުރެ، އިތުރު ވަޒީފާ އާއި ކޮލެޖު ޖާގަ އޭނާގެ އަވަށުގެ މީހުންނަށް ހޯދައި ދިނުމަށް ގޮވާލައި އަންގާރަ ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރުމުންނެވެ.

ގުޖުރާތުގައި 2002 ވަނަ އަހަރު ވެސް ހިނގި ހަމަނުޖެހުންތަކެއްގައި 1000 މީހުން މަރުވެ، އަދި އޭގެ ތެރޭގައި ގިނަ މުސްލިމުން މަރުވި މައްސަލަ، އިއްޔެގެ ހާދިސާތަކުން ވަނީ ހަނދާން އާކޮށްދީފަ އެވެ. އަދި އޭރު އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކީ މިހާރުގެ ބޮޑުވަޒީރު މޯދީ އެވެ. ނަމަވެސް އޭރު ވެސް އެފަދަ ގަތުލުއާންމެއް ހިންގި އިރު މޯދީ އެ މައްސަލަ އަށް މާ ބޮޑު އަހައްމިއްޔަތެއް ނުދިން ކަމުގެ ތުހުމަތު ވަނީ މޯދީގެ އިސްތަށިފުޅުގައި އަޅުވައިފަ އެވެ.

އިއްޔެ ހަމަނުޖެހުންތަކުގައި ހަ މީހަކާއި ފުލުސް މީހަކު މަރުވެ، 18 މީހަކަށް ވަނީ ސީރިއަސް ޒަހަމުތަކެއްވެފަ އެވެ.

އެ ހާދިސާ އާ ގުޅިގެން ސްކޫލްތަކާއި ވިޔަފާރިތަކާއި އަމިއްްލަ އޮފީސްތައް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އަދި ކާފިޔު ހިންގާފައިވާ އިރު މީހުން މަގުތައް މައްޗަށް ނުކުތުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ސްޓޭޓްގެ މީހުންނަށް ބޮޑުވަޒީރު މޯދީ ގޮވާލައްވާފައި ވަނީ މަޑުމައިތިރިކަން އިހްތިޔާރު ކުރުމަށެވެ.

އެ އަވަށުގެ 14 ޕަސެންޓަކީ ޕެޓަލް ކްލޭން އަށް ނިސްބަތްވާ މީހުންނެވެ. އަދި އެ މީހުންނަކީ ވިޔަފާރިވެރިންގެ އިތުރަށް ކޮމިއުނިޓީގައި ނުފޫޒު ގަދަ ބައެކެވެ. ޕެޓަލް ގްރޫޕުން ބުނީ، ސަރުކާރުން އެ މީހުންނާ ދޭތެރޭ ހަމަހަމަކޮށް ކަންކަން ކުރަން ފަށަންދެން އެ މީހުން ކުރާ ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށެވެ.

"އެ މީހުންނަށް އަހަރުންގެ މީހުން މެރިދާނެ، އެކަމަކު ސަރުކާރަށް އަހަރުންގެ އެދުންތަކަށް ފަސްއެޅުމުގެ ފުރުސަތެއް ނުދޭނަން." 21 އަހަރުގެ ޒުވާނަކު ބުންޏެވެ.

ޒުވާން ލީޑަރު ކުރީ ދުވަހު މަގުމައްޗަށް ނުކުތީ ބައި މިލިއަން މީހުންނާ އެކު އެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް އޭނާގެ ސަޕޯޓަރުންގެ ނުގުޑާފަދަ ގަދަ ފަދަ އަޒުމާ އެކު ފުލުހުންނަށް އެންމެ ފަހުން ޖެހުނީ އޭނާ މިނިވަން ކުރާށެވެ.

comment ކޮމެންޓް